ނާއިބް ރައީސްގެ މަގާމުގައި ހުންނަވަނިކޮށް ޑރ. މުހައްމަދު ޖަމީލް އަހުމަދު އެ މަގާމުން ވަކިކުރީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށް އެދި ހުށައަޅާފައިވާ މައްސަލާގައި ވަކި ގޮތަކަށް އަމަލު ކުރަން ސުޕްރީމް ކޯޓަށް ކަނޑައެޅިދާނެ ކަމާމެދު ދައުލަތުން ސުވާލު އުފައްދަވައިފި އެވެ.
މަގާމުން ދުރުކުރި މައްސަލަ ސުޕްރީމް ކޯޓަށް ހުށައެޅުއްވީ ޖަމީލެވެ. ދުސްތޫރީ މައްސަލައެއްގެ ގޮތުގައި އެމަނިކުފާނު ހުށައެޅުއްވި އެ މައްސަލާގައި ވަނީ މަގާމުން ވަކިކުރީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށް އެދިވަޑައިގެންފައެވެ.
މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ވަކީލާ ވިދާޅުވީ ގާނޫނު އަސާސީގައި އެހެން ގޮތަކަށް ބަޔާން ކޮށްފައިނުވާހާ ހިނދަކު ރައްޔިތުންގެ މަޖިލީހުގައި ކަމެއް ހިނގި ގޮތުގެ ސައްހަކަން ބެލުމަށް އެއްވެސް ކޯޓަކަށް މައްސަލައެއް ހުށަނޭޅޭނެ ކަމަށް ގާނޫނު އަސާސީގައި ބަޔާން ކޮށްފައިވާ ކަމަށެވެ. ޖަމީލް، މަގާމުން ވަކިކުރި މައްސަލާގައި ސުޕްރީމް ކޯޓަށް ދެވޭނެ ހައްލެއް ނެތް ކަމަށާ އަލުން މިފަދަ މައްސަލައެއް ތަކުރާރުވުމުގެ ފުރުސަތު ނުދިނުމަށް މަޖިލީހުން ގާނޫނު އަސާސީއަށް އިސްލާހު ގެނައުން މުހިންމު ކަމަށެވެ.
ދައުލަތުގެ ވަކީލާ މިހެން ވިދާޅުވުމުން ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ވަނީ މި މަސއްސަލައަށް އޮތް ހައްލަކީ ކޮބައިތޯ ސުވާލު ކުރައްވާފައެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން ވަކީލާ ވަނީ ދާދި ފަހުން ސުޕްރީމް ކޯޓުގައި ނިމިގެންދިޔަ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲގެ ގޮޑީގެ މައްސަލާގައި ފަނޑިޔާރުން ދެއްކެވި ބައެއް ވާހަކަތަކުން ޖަވާބު ދެއްވާފައެވެ. ވަކީލާ ވިދާޅުވި ކޮންމެ ކަމެއްގައި ދުސްތޫރީ ހައްލެއް ނޯންނާނެ ކަމަށް އެ މައްސަލާގައި ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވެފައިވާ ކަމަށެވެ.
ސުޕްރީމް ކޯޓަށް ހައްލެއް ހޯދާ ދެވެން ނެތް މިފަދަ މައްސަލައެއްގައި ވަކި ގޮތަކަށް ކޯޓަށް ގޮތްތަކެއް ބުނެދެވިދާނެ ކަމަށް ދައުލަތުން ނުދެކޭ ކަމަށްވެސް ވަކީލާ ވިދާޅުވިއެވެ.
ޖަމީލްގެ ވަކީލް، ކުރީގެ ޕީޖީ އަހްމަދު މުއިއްޒު ވިދާޅުވީ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށައެޅީ ޖަމީލިގެ އަސާސީ ހައްގެއް ގެއްލިފައިވާތީ ކަމަށެވެ. އަސާސީ ހައްގެއް ގެއްލިއްޖެ ކަމަަށް ގަބޫލު ކުރެވޭނަމަ އިންސާފުވެރި ހައްލެއް ހޯދުމަށް ކޯޓަށް ދެވިދާނެ ކަމަށް ގާނޫނު އަސާސީގައި ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު އެހެން ވިދާޅުވީ ފަނޑިޔާރު އަޒްމިރަލްދާ ވަނީ އެ މައްސަލާގައި ޖަމީލްގެ ގެއްލުނު އަސާސީ ހައްގަކީ ކޮބައިތޯ ސުވާލު ކުރައްވާފައެވެ. މުއިއްޒު ވިދާޅުވީ ވަކީލުން ބޭނުން ކުރުމުގެ ހައްގު ނުދީ ވަކިކުރުމަކީ ގެއްލުނު ވަރަށް ބޮޑު ހައްގެއް ކަމަށެވެ. އަދި ވަކީލެއް މެދުވެރިކޮށް ދިފާއުވުމަށްވެސް ފުރުސަތު ދީފައިނުވާ ކަމަށާ އެއީ ވަރަށް މުގައްދަސް ހައްގެއް ކަން ގާނޫނު އަސާސީން ސާފު ކަމަށެވެ. މި ހާލަތުގައި ކޯޓަށް ދިއުމަކީ ހައްގު ގެއްލުނު ފަރާތަށް އޮތް ހައްގެއް ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.
"އަސާސީ ހައްގުތަކެއް ވަނީ ނިގުޅައިގެންފައި އަޅުގަނޑުގެ މުވައްކިލު މަގާމުން ވަކިކުރުުމުގައި،"
މީގެ އިތުރުން މުއިއްޒު ވަނީ މަޖިލިސްއިން ނިންމާ ނިންމުމެއްގެ ސައްހަކަން ކަނޑައަޅާނީ ސުޕްރީމް ކޯޓުން ވަކި ގޮތެއް ކަނޑައެޅުމުން ކަމަށް ސުޕްރީމް ކޯޓުން ކުރިން ކުރި ހުކުމަކުން ސާފުކޮށް ފެންނަން އޮތް ކަމަށްވެސް ވިދާޅުވެފައެވެ. އެއީ ވަޒީރުން މަޖިލީސް މެދުވެރިކޮށް ވަކިކުރުމާއި ގުޅޭގޮތުން 2017 ގައި ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުމެކެވެ. މުއިއްޒު ވިދާޅުވީ މި މައްސަލައަކީ ސުޕްރީމް ކޯޓަށް ހައްލު ހޯދާ ނުދެވޭނެ މައްސަލައެއް ނޫން ކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ މަގާމުގެ ރައްކާތެރިކަން، އެ ހުރިހާ ކަމެއް ރައީސުލްޖުމްހޫރިއްޔާގެ ނާއިބަށް ލިބިދިނުމަކީ ގާނޫނު އަސާސީގެ ތަސައްވުރެއް ނޫން ކަމަށް ވަކާލާތު ކުރާނެ ޖާގައެއް ނެތް،"
މުއިއްޒު ވަނީ ދުސްތޫރީ މައްސަލައަކުން ބަދަލު ނަގައިދެވިދާނެތޯ އުފެދޭ ސުވާލާއި ގުޅޭގޮތުންވެސް ވާހަކަ ދައްކަވާފައެވެ. އޭނާ ވިދާޅުވީ ގާނޫނު އަސާސީއާ ހިލާފަށް ނިންމާ ނިންމުމެއްގެ ސަބަބުން އަދުލުވެރި އިންސާފުވެރި ބަދަލެއް ދިނުމަށް އަމުރު ނެރެވިދާނެ ކަމަށެވެ. އެކަން ގާނޫނު އަސާސީން ސާފު ކަމަށް ވިދާޅުވެ އެ މާއްދާތައްވެސް ވިދާޅުވެ ދެއްވިއެވެ.
ފަސް ފަނޑިޔާރުން ބައްލަވާ މި މައްސަލަ ނިންމަވާލެއްވީ ދެން އޮންނަ އަޑުއެހުމެއްގައި ޖަމީލަށްވެސް ފުރުސަތު ދެއްވާނެ ކަމަށް އިއުލާނު ކުރުމަށްފަހު އެވެ.
ޖަމީލްގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓް ރައްޔިތުންގެ މަޖިލީހުގައި ނަގައި އެމަނިކުފާނު މަގާމުން ދުރުކުރީ ޖުލައި 21، 2015 ގައެވެ. ޖަމީލް ބޭރު ކުރަން 78 މެންބަރުން ވޯޓް ދެއްވި އެވެ. ދެކޮޅަށްވޯޓް ދެއްވީ ދެމެންބަރުންނެވެ. އެއީ އަހުމަދު މަހުލޫފާއި އަލީ ހުސައިންއެވެ. މަގާމުން ވަކި ކުރެއްވި އިރު އެމަނިކުފާނު ހުންނެވީ އަމިއްލަފުޅަށް އަރުވާލެއްވިގެން އިނގިރޭސިވިލާތުގައެވެ. މިއީ ރާއްޖޭގެ ތާރީހުގައި އެ ދުވަހާއި ހަމައަށް ނައިބު ރައީސަކު މިފަދަ ގޮތަކަށް މަގާމުން ދުރު ކުރި ފުރަތަމަ ފަހަރެވެ. ޖަމީލަށްފަހު ނާއިބް ރައީސް ކަމަށް ވަޑައިގެންނެވީ އޭރުގެ ބާރުގަދަ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބެވެ. ޖަމީލް ބޭރުކޮށް ނާއިބް ރައީސްގެ މަގާމު ހުސްކުރުވީވެސް އަދީބަށް ހާއްސަކޮށެވެ. ނަމަވެސް ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި އަދީބު މަގާމުން ދުރުކޮށް ޖަލަށް ލެވުނެވެ. ފަހުން ރައީސް ޔާމީންގެ ވެރިކަން ނިމެދެން ނާއިބް ރައީސަކަށް ހުންނެވީ އޭރުގެ ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދެވެ.