ނާއިބް ރައީސްގެ މަގާމުގައި ހުންނަވަނިކޮށް ޑރ. މުހައްމަދު ޖަމީލް އަހުމަދު އެ މަގާމުން ވަކިކުރީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށް އެދި ހުށައަޅާފައިވާ މައްސަލާގައި ދަައުލަަތުން ތަފާތު ވާހަކަތަކެއް މިއަދު ސުޕްރީމް ކޯޓްގައި ދައްކަވައިފި އެވެ.
މަގާމުން ދުރުކުރި މައްސަލަ ސުޕްރީމް ކޯޓަށް ހުށައެޅުއްވީ ޖަމީލެވެ. ދުސްތޫރީ މައްސަލައެއްގެ ގޮތުގައި އެމަނިކުފާނު ހުށައެޅުއްވި އެ މައްސަލާގައި ވަނީ މަގާމުން ވަކިކުރީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށް އެދިވަޑައިގެންފައެވެ.
އެ މައްސަލާގައި މިއަދު ވަނީ ފަހުގެ އަޑުއެހުން ބާއްވާފައެވެ. އެ އަޑުއެހުމުގައި ދައުލަތުން ވަނީ ޖަމީލު ވަކިކުރި ކުރުން ރަނގަޅުކަން ސާބިތު ކުރުމަށް ތަފާތު ވާހަކަތަކެއް ދައްކަވާފައެވެ. ދައުލަތުގެ ވަކީލާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު މަގާމުން ވަކިކުރުމުގެ އިޖުރާއަތް ކަނޑައެޅުމަކީ ރައްޔިތުންގެ މަޖިލީހަށް އޮތް އިހުތިޔާރެއް ކަމަށެވެ. އަދި ގާނޫނު އަސާސީގެ ބައެއް މާއްދާތައް ވަރަށް ތަފާތު ގޮތަކަށް ތަރުޖަމާ ކުރައްވާ ރައީސާއި ނާއިބު ރައީސްގެ އިތުބާރު ނެތް މައްސަލާގައި ޖަވާބުދާރީވުމުގެ ފުރުސަތު ތަފާތުކޮށް ހަނި ކުރެވިދާނެ ކަމަށެވެ.
ޖަމީލުގެ އިތުބާރު ނެތް މައްސަލަ މަޖިލީހަށް ހުށައެޅުމުން މަޖިލީހުގެ އޭރުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު އިސްވެ ހުންނަވާ މަޖިލީހުގެ ގަވާއިދުވެސް ވަނީ ކުއްލި ގޮތަކަށް ބަދަލު ކުރައްވާފައެވެ. އަދި ޖަވާބުދާރީވުމަށް އޮތް ފުރުސަތު ވަރަށް ބޮޑަށް ހަނިކޮށް އެންމެ ފަހުން ވަކީލެއް މެދުވެރިކޮށް ޖަވާބުދާރީވުމުގެ ހައްގުވެސް ވަނީ ނުގުޅައިގެންފައެވެ. އަދި ޖަމީލު މަގާމުން ވަކިކުރުން އަވަސް ކުރުމަށްވެސް ގަވާއިދަށް ބަދަލު ގެނައެވެ.
އެކަމަށް އިޝާރާތްކޮށް ދައުލަތުން ބުނީ މަޖިލީހުގެ ގަވާއިދަށް ގެނައި ބަދަލާ ގުޅިގެން ސުޕްރީމް ކޯޓަށް ނިންމޭނެ ގޮތެއް ނެތް ކަމަށެވެ. އަދި ޖަމީލު މަގާމުން ވަކިކުރިއިރު މަޖިލީހުގައި ތިއްބަވާ 85 މެންބަރުންގެ ތެރެއިން 61 މެންބަރުންގެ ސޮއި އިތުބާރު ނެތްކަމުގެ މައްސަލާގައި އޮތް ކަމަށެވެ. އަދި އެ މައްސަލާގައި ސޮއިކޮށްފައިވަނީ ހަމައެކަނި އޭރު ސަރުކާރު ހިންގާ ޕާޓީ އެކަނި ނޫން ކަމަށާ އެ މައްސަލާގައި އޭރު މަޖިލީހުގައި ތިއްބެވި ހުރިހާ ޕާޓީތައް ނިސްބަތްވާ މެންބަރުން ސޮއިކޮށްފައިވާ ކަމަށެވެ. އަދި މަގާމުން ވަކިކުރުމަށް ވޯޓްދިން މެންބަރުންގެ ތެރޭގައިވެސް ހުރިހާ ޕާޓީތަކުގެ މެންބަރުން ހިމެނޭ ކަމަށްވެސް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ. އަދި ވޯޓާއި ގުޅިގެން މަޖިލީހުގެ އެއްވެސް މެންބަރަކު ނިޒާމީ ނުކުތާވެސް ނަންގަވާފައިނުވާ ކަމަށެވެ.
"ނާއިބު ރަައީސް ވަކިކުރުމުގައި މަޖިލީހުން ކަނޑައަޅާ ސަބަބުތަކަކީ އެކަމުގެ މައްޗަށް އިތުރު އެއްވެސް ފަރާތެއްގެ ބަހެއް އޮތުން ގާނޫނު އަސާސީން ހުއްދަ ކުރާ ކަމެއް ނޫން ކަމަށް ދައުލަތުން މި ދަންނަވަނީ. އަދިި ރައްޔިތުންގެ މަޖިލީހުގެ ތިންބައިކުޅަ ދެބައި މެންބަރުން ނާއިބު ރައީސް ވަކިކުރަން ފާސްކުރުމުން އެ ހިސާބުން އެ ފަރާތް ނާގާބިލު ކަމަށް ކަނޑައެޅުނީ ކަމަށް އަދި މިއީ ރައީސުލްޖުމްހޫރިއްޔާގެ ދައުރެއް އޮންނަ ކަމެއް ނޫން ކަމަށް ދައުލަތުން މި ފާހަގަކުރަނީ،" ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ.
ޖަމީލު ހުށައެޅުއްވި މައްސަލާގައި އެދިވަޑައިގަތީ ނާއިބް ރައީސްގެ މަގާމުގައި ހުންނަވަނިކޮށް މަގާމުން ވަކިކުރީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ކަނޑައަޅައި ދެއްވުމަށާއި މަގާމުން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް ނެތި ކަމަށް ކަނޑައަޅައިދިނުމަށެވެ. އަދި ޖަމީލު މަގާމުން ވަކިކުރެއްވީ ކަނޑައެޅިފައިވާ ހަމަަތަކާއި ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށާއި ގާނޫނީ ރައްކާތެރިކަންވެސް ނިގުޅައިގެންފައި ކަމަށް ކަނޑައަޅައި ދިނުމަށެވެ. މީގެ އިތުރުން މި މައްސަލާގައި ބަދަލު ހޯދުމަށް ވަކިން ދައުވާ ކުރުމުގެ ހައްގު ޖަމީލަށް ލިބިގެންވާ ކަމަށް ކަނޑައަޅައިދިނުމަށްވެސް ވަނީ އެދިފައެވެ.
ޖަމީލުގެ ވަކީލު ކުރީގެ ޕްރޮސެކިއުޓަރު ޖެނެރަލް އަހްމަދު މުއިއްޒު މިއަދުވެސް ވިދާޅުވީ ހުށައަޅާފައިވާ މައްސަލަ ސުޕްރީމް ކޯޓަށް ބެލޭނެ ކަމަށެވެ. އެކަމުގެ ސަބަބުތައް ތަފްސީލު ކޮށްދެއްވާ މުއިއްޒު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އާއި ނާއިބު ރައީސް މަގާމުން ވަކިކުރުމުގައި އަމަލު ކުރަން ޖެހޭ އުސޫލުތައް ތަފާތު ވެގެން ނުވާނެ ކަމަށާ ގާނޫނު އަސާސީގައި އެ ދެ ބޭފުޅުން ތަފާތުކޮށްފައި ނުވާ ކަމަށެވެ.
މިއީ ދުސްތޫރީ މައްސަލައެއް ކަމަށް ތަކުރާރު ކުރައްވާ އެ މައްސަލަ ބެލުމުގެ އިހުތިސާސް ކޯޓަށް ލިބިގެންވާ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ. އަދި ގާނޫނު އަސާސީގެ 62 ވަނަ މާއްދާ ބުނާ ގޮތުން މި މައްސަލައަށް ޝަރުއީ ކޯޓަކުން ފަރުވާ ހޯދުމަށް ފުރުސަތު ލިބިދޭ ކަމަށެވެ.
މުއިއްޒު ވިދާޅުވީ ނާއިބު ރައީސް ވަކިކުރުން އެއީ ރިވިއު ނުކުރެވޭ މައްސަލައެއް ކަމަށް މަޖިލީހުގެ އެއްވެސް މެންބަރަކު ވާހަކަ ދައްކަވާފައިނުވާ ކަމަށާ މިއަދުގެ އަޑުއެހުމުގައި ދައުލަތުން ދެއްކީ ބަލައިގަންނަން ވަރަށް ދަތި ވާހަކަތަކެއް ކަމަށެވެ. އަދި ބައެއް ވާހަކަތަކަކީ ދައުލަތަށް ދެއްކިގެން ވާނެ ވާހަކަތަކެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.
"ދައުލަތުން ގަބޫލުކުރައްވާ ކަހަލަ ވޯޓެއް ނަގައިގެން ވަކިކުރެވުނީމަ ލީގަލިޓީގެ ސިއްކަ ޖެހުނީއޭ. އެ ނިމުނީއޭ. އެއީ ރަނގަޅު ނިންމުމެކޭ،" ދައުލަތުގެ ވަކީލުން މިއަދު ދެއްކެވި ވާހަކަތަކަށް އިޝާރާތް ކުރައްވާ ޖަމީލްގެ ވަކީލު މުއިއްޒު ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް ސާބިތުކޮށް ދެއްވިއްޖެ ޑރ. މުހައްމަދު ޖަމީލް އަހުމަދު ވަކިކުރެވުނީ ގާނޫނު އަސާސީގެ 100 ވަނަ މާއްދާގެ ހ އާއި ރ އާ ހިލާފަށް ކަމަށާ އަދި މި މައްސަލަ އަކީ ގާނޫނު އަސާސީގެ 113 ވަނަ މާއްދާ ނިޔާކުރާ ގޮތުގެ މަތިން ސުޕްރީމް ކޯޓަށް ބެލޭނެ މައްސަލައެއް ކަމަށް،" ދިފާއުގައި ދެއްކެވި ވާހަކަތައް ނިންމަވާލައްވަމުން މުއިއްޒު ވިދާޅުވިއެވެ.
މި މައްސަލާގައި ދެން އޮންނާނީ ހުކުމް ކުރުމެވެ. ދައުލަތުން އެދިފައިވަނީ މިއީ ކޯޓަށް ބެލޭނެ މައްސަލައެއް ނޫން ކަމަށް ކަނޑައަޅައި ދިނުމަށެވެ.
ޖަމީލްގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓް ރައްޔިތުންގެ މަޖިލީހުގައި ނަގައި އެމަނިކުފާނު މަގާމުން ދުރުކުރީ ޖުލައި 21، 2015 ގައެވެ. ޖަމީލް ބޭރު ކުރަން 78 މެންބަރުން ވޯޓް ދެއްވި އެވެ. ދެކޮޅަށްވޯޓް ދެއްވީ ދެމެންބަރުންނެވެ. އެއީ އަހުމަދު މަހުލޫފާއި އަލީ ހުސައިންއެވެ. ޖަމީލަށް ޖަވާބުދާރީވުމުގެ ފުރުސަތު ދެއްވުމަށް މަޖިލީހުގެ ފަސް މެންބަރަކު އެދިވަޑައިގެންނެވިއެވެ.
މަގާމުން ވަކި ކުރެއްވި އިރު އެމަނިކުފާނު ހުންނެވީ އަމިއްލަފުޅަށް އަރުވާލެއްވިގެން އިނގިރޭސިވިލާތުގައެވެ. މިއީ ރާއްޖޭގެ ތާރީހުގައި އެ ދުވަހާއި ހަމައަށް ނައިބު ރައީސަކު މިފަދަ ގޮތަކަށް މަގާމުން ދުރު ކުރި ފުރަތަމަ ފަހަރެވެ. ޖަމީލަށްފަހު ނާއިބް ރައީސް ކަމަށް ވަޑައިގެންނެވީ އޭރުގެ ބާރުގަދަ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބެވެ. ޖަމީލް ބޭރުކޮށް ނާއިބް ރައީސްގެ މަގާމު ހުސްކުރުވީވެސް އަދީބަށް ހާއްސަކޮށެވެ. ނަމަވެސް ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި އަދީބު މަގާމުން ދުރުކޮށް ޖަލަށް ލެވުނެވެ. ފަހުން ރައީސް ޔާމީންގެ ވެރިކަން ނިމެދެން ނާއިބް ރައީސަކަށް ހުންނެވީ އޭރުގެ ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދެވެ.