ރިޕޯޓް

12 މެންބަރުންނަށް މަޖިލީހުގެ ދޮރު ހުޅުވާލެވިދާނެތަ؟

"މެންބަރެއްގެ ގޮނޑިއާމެދު ގޮތް ނިމޭނީ ސުޕްރީމް ކޯޓުން ވަކިވަކިން މައްސަލަ ބަލައި ނިހާއީ ހުކުމެއް އިއްވުމުން ކަމަށް ކަނޑައެޅުމުން 12 މެންބަރުން މަޖިލީހަށް ވަނުމަށް އެއްވެސް ގާނޫނީ ހުރަހެއް ނެތްކަން ވަރަށް ސާފުވެއްޖެ،" އެކެއް ފެބުރުއަރީގެ އަމުރާ ގުޅޭ ސުޕްރީމް ކޯޓުގެ ބޮޑު ހުކުމާއެކު މައްސަލަ ބޮޑުވެފައިވާ 12 މެންބަރުން ވިދާޅުވަނީ މިހެނެވެ.

އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ބުނީ ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެންބަރެއްގެ ގޮނޑި ގެއްލިފައިވާ ނުވާތީ އެ ހުރިހާ މެންބަރުންނާއެކު މަޖިލީހުގެ ޖަލްސާ ބޭއްވުމަށެވެ. މާނައަކީ އޭރު ވެސް މަޖިލީހަށް ވަނުން މަނާކޮށްފައިވާ މެންބަރުންތަކަށް މަޖިލީހުގެ ގޭޓް ހުޅުވުމެވެ. ނަމަވެސް އެ ގޭޓް ނުހުޅުވެނީހުން އެ އަމުރު ސަސްޕެންޑްކޮށް މެންބަރުން މަޖިލީހަށް ނުވަދެވޭ ގޮތް ހެދި އެވެ.

އޭގެ ހަ މަސް ފަހުން ސުޕްރީމް ކޯޓުން މިވަނީ ސަސްޕެންޑްކުރި އަމުރު އެއްކޮށް ބާތިލްކޮށް އެކަން ވުޖޫދުން ފޮހެލާފަ އެވެ. ސުޕްރީމް ކޯޓުން 12 މެންބަރުންނަށް މަޖިލީހަށް ވައްދައި، ޖަލްސާ ބޭއްވުމަށް އެންގި އެންގުން ބާތިލްކުރީ އެވެ. މަޖިލީހަށް ވެއްދުން ބާތިލްކުރުމުން ވެސް 12 މެންބަރުން މި ވިދާޅުވަނީ މިހެނެވެ. އެ މެންބަރުންނަށް އޮތް ހުރަސް ނެތިގެން ދިޔައީ ކަމެވެ. ގާނޫނީ އެއްވެސް ހުރަހެއް މަޖިލީހަށް ވަނުމަށް ނެތްކަން މިހާރު ކަށަވަރު ކަމެވެ.

އެކަން ވަކީލް ނޫރުއްސަލާމް އަބޫބަކުރު ތަފްސީލްކޮށްދެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މެންބަރެއްގެ ގޮނޑިއާމެދު އުފެދޭ ސުވާލަށް ނިހާއީ ހުކުމެއްގެ ސިފަ ލިބިގެން ދާނީ ފައިސަލާވާނެހެން އެއްވެސް އޮޅުމެއް ނޯންނާނެހެން ސުޕްރީމް ކޯޓުން ގޮތެއް ކަނޑައެޅުމުންކަން ބަންޑާރަ ނައިބުގެ ފަރާތުން ހުށަހެޅި ދުސްތޫރީ މައްސަލާގެ ހުކުމުން ވަރަށް ސާފުވާ ކަމަށެވެ.

އެ މެންބަރުންގެ ގޮނޑިއާމެދު ނިހާއީ ހުކުމެއް ކަނޑައަޅަން މައްސަލަތައް ވަކިން ބަލަންޖެހޭއިރު އެއްވެސް މެންބަރެއްގެ ގޮނޑި ގެއްލުނު ކަމަށް ވެސް އަދި ނުގެއްލޭ ކަމަށް ވެސް މި ހާލަތުގައި ނުބުނެވޭނެކަން އޭނާ ފާހަގަކުރެއްވި އެވެ. އެފަދަ ހާލަތްތަކުގައި މެންބަރުންނަށް މަޖިލީހަށް ވަނުމުގައި ހުރަހެއް އޮވެގެން ނުވާނެ ކަމަށް ގަބޫލު ކުރައްވަ އެވެ. އެއީ މެންބަރުންގެ ގޮނޑި ގެއްލޭ ކަމަށް ކަނޑަނާޅާހާ ހިނދަކު ބަލަންޖެހޭނީ އެއީ މެންބަރުންގެ ގޮތުގަ އެވެ.

"ސުވާލު އުފެދުނީމަ އެކަމަކާމެދު ގޮތެއް ނުނިންމާހާ ހިނދަކު އަމަލު ކުރަން ޖެހޭނީ ކުރިން އޮތް އަސްލަށް،" އެހެން ވިދާޅުވާން ޖެހޭ ސަބަބު ނޫރުއްސަލާމް އޮޅުންފިލުވައިދެއްވި އެވެ.

ސުވާލު އުފެދިފައިވަނިކޮށް މަޖިލީހަށް ވަދެވޭ؟

މިހެން އޮތް ހާލަތެއްގައި ކުރިން އަމަލުކޮށްފައިވާ ގޮތަށް ބަލަން ޖެހެ އެވެ. މީގެކުރީގެ މަޖިލީހުގައި ވެސް މެންބަރުންތަކެއް ގޮނޑި ގެއްލުނެވެ. އެގޮތުން މިހާރު ވެސް ގޮނޑިއާމެދު ސުވާލު އުފެދިފައިވާ މެންބަރެއް ކަމަށްވާ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާގެ ގޮނޑި ގެއްލުނެވެ. އެއީ ސާބިތު ދަރަންޏެއް އޮވެ، އެ ދަރަނި ދައްކަމުން ނުދިޔަ މައްސަލައަކާ ގުޅިގެންނެވެ.

މުސްތަފާގެ މައްޗަށް ދަރަންޏެއް ސާބިތުވެފައި އޮވެ އެ ދަރަނި ދައްކާފައިނުވާތީ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައިދިނުމަށް ސުޕްރީމް ކޯޓަށް އޭރު މައްސަލަ ވެއްދީ އުމަރު ނަސީރެވެ. އެ މައްސަލަ އުމަރު ކޯޓަށް ވެއްދީ 2011 ވަނަ އަހަރުގެ ތެރޭގަ އެވެ. ހުކުމް އިއްވީ 2012 ވަނަ އަހަރުގެ ތެރޭގަ އެވެ. ކޯޓުގައި މައްސަލަ ކުރިއަށް ދިޔަ މުއްދަތުގެ ތެރޭގައި މުސްތަފާ މަޖިލީހުގެ މަސައްކަތްތަކުގައި ބައިވެރިވެވަޑައިގަތެވެ.

ހަމަ އެހެން ދެން ގޮނޑި ގެއްލުނު އޭރުގެ އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒާއި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމްގެ ގޮނޑީގެ މައްސަލަ ސުޕްރީމް ކޯޓުގައި ކުރިއަށް ދިޔައިރު ވެސް އެ މެންބަރުން މަޖިލީހަށް ވަޑައިގަންނަވަ އެވެ. އެ ބޭފުޅުންގެ ގޮނޑި ގެއްލުނީ ވެސް ދަރަނީގެ މައްސަލައެއްގަ އެވެ. މައްސަލާގެ އަޑުއެހުންތައް އަހަރަކަށް ދެމިގެން ދިޔަ އެވެ.

އެންމެފަހުން ސުޕްރީމް ކޯޓުގައި ގޮނޑީގެ މައްސަލަތަކެއް ކުރިއަށް ދިޔައީ މިދިޔަ އަހަރު އެވެ. އެއީ މެންބަރު މުހައްމަދު އަމީތާއި މެންބަރު އަބްދުލް ލަތީފާއި މެންބަރު ސައުދު ހުސެއިނާއި މެންބަރު މުހައްމަދު ވަހީދުގެ މައްސަލަ އެވެ. އެ މެންބަރުންގެ ގޮނޑި ގެއްލުނީ ފްލޯ ކްރޮސިން ނުވަތަ އިންތިހާބުވާ ޕާޓީން ވަކިވެއްޖެނަމަ ގޮނޑި ގެއްލޭ ގޮތަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމުންނެވެ. އެ ހުކުމަށް ރިޔާއަތްކޮށް އެންމެ ފުރަތަަމަ އިލެކްޝަން ކޮމިޝަނުން ގޮނޑި ގެއްލުވާލީ އެ މެންބަރުންގެ އެވެ. އެއީ މިދިޔަ އަހަރުގެ އޯގަސްޓް މަހު އެވެ. އޭގެ ފަހުން މިއަދާ ހަމައަށް ވެސް އެ މެންބަރުންނަށް މަޖިލީހަކަށް ނުވަދެވެ އެވެ.

އުސޫލެއް، ހަމައެއް ނެތް ހާލަތެއް؟

މިހާރު މިއޮތް ހާލަތަކީ އަމަލު ކުރާނެ އުސޫލެއް އިޖުރާއަތެއް ނެތި ހުސް ހާލަތެއް ކަމަށް ބުނެވިދާނެ އެވެ. އެއީ 12 މެންބަރުންގެ ގޮނޑިއާމެދު ސުވާލު އުފެދިފައިވަނީ މީގެކުރިން ރާއްޖޭގައި ނެތް ހާލަތެއް މެދުވެރިގެންނެވެ. މީގެކުރިން މެންބަރެއްގެ ގޮނޑި ގެއްލެނީ އެއް އަހަރަށްވުރެ ދިގު ޖަލު ހުކުމެއް އަތުވެއްޖެނަމަ ނުވަތަ ދަރަންޏެއް ސާބިތުވެއްޖެނަމަ އެވެ. އެ ހާލަތުގައި އެ މެންބަރުންނަށް މަޖިލީހަށް ވަދެވޭ ގޮތަށް އޮންނަ އޮތުން ފްލޯ ކްރޮސިންގެ ހާލަތުގައި އެޕްލައި ކުރެވިދާނެތޯ އެއީ ސުވާލެކެވެ.

ފްލޯ ކްރޮސިންއާ ގުޅޭ ސުޕްރީމް ކޯޓުގެ ހުކުމްގައިވާ ގޮތުން މެމްބަރަކު އިންތިހާބުވި ޕާޓީން ވަކިވެއްޖެ ނުވަތަ ވަކިކޮށްފި ނަމަ އެކަން އިލެކްޝަން ކޮމިޝަނުން މަޖިލީހަށް އަންގާ ހިސާބުން ފެށިގެން އެ މެމްބަރެއްގެ ގޮނޑި ގެއްލުނީ އެވެ. އެކަމަކު އެއީ އެންމެ ފަހު ބަހެއް ނޫނެވެ. ހުކުމުން ވެސް އަދި ގާނޫނު އަސާސީއިން ވެސް ސާފުވާން އޮތް ކަމަކީ މެންބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅާނީ ސުޕްރީމް ކޯޓުން ކަމެވެ. މެންބަރެއްގެ ގޮނޑި ގެއްލިއްޖެއޭ ހަމައެކަނި ބުނެވޭނީ ސުޕްރީމް ކޯޓުގެ ނިހާއީ ހުކުމަކުން ކަމެވެ. އެކަން ސުޕްރީމް ކޯޓުގެ އަމުރަކުން ވެސް ނުވާނެކަން ސުޕްރީމް ކޯޓުން އިއްވި ހުކުމުން ވަރަށް ސާފުވެ އެވެ.

އިލެކްޝަން ކޮމިޝަނުން މެންބަރެއްގެ ގޮނޑިއާމެދު ސުވާލު އުފައްދާ ހިސާބުން އެކަމާ ގުޅިގެން ސުޕްރީމް ކޯޓުން ފަހު ބަހެއް އިއްވުމާ ދެމެދު ހިނގާ މުއްދަތުގައި އަމަލު ކުރާނެ އެއްވެސް އުސޫލެއް ނެތެވެ. އިލެކްޝަން ކޮމިޝަނާއި ރައްޔިތުންގެ މަޖިލީހުން އެ މުއްދަތުގައި މެންބަރުން މަޖިލީހަށް ނުވައްދަ އެވެ. އެކަމަކު މެންބަރުންނާއި ގާނޫނީ ބޭފުޅުން ވެސް ބުރަވަނީ އެހެން އެ މެންބަރުން ހިފެހެއްޓޭނެ ހަމައެއް ނެތް ކަމަށެވެ.

ގާނޫނީ ވަކީލަކު ވިދާޅުވި ގޮތުގައި، 12 މެންބަރުންގެ ގޮނޑިއާމެދު ސުވާލު އުފެދި ދާނެ ނުދާނެ ކޮޅެއް ނޭނގި ތިއްބާ މިހާރު ވެސް އެއް އަހަރުވެފައިވާއިރު އޭގެ ސަބަބުން ގެއްލިގެން ދަނީ އެތައް ރައްޔިތުންގެ ހައްގެކެވެ. އެފަދަ މައްސަލަތަކުގައި ގޮތެއް އަވަހަށް ނިންމުމަކީ މުހިންމު ކަމެއް ކަމަށްވާއިރު އެ މުއްދަތުގައި އަމަލު ކުރާނެ އުސޫލެއް އޮތުމަކީ ވެސް ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރުމަށް މުހިންމު ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. އެ މުއްދަތުގައި އަމަލު ކުރާނެ ގޮތެއް ސުޕްރީމް ކޯޓުން އަވަހަށް ބުނެދޭން ޖެހޭ ކަމަށެވެ.

މަޖިލީހުން 12 މެންބަރުންނަށް ދޮރު ލައްޕާފައިވާއިރު އެ ދޮރަކީ ހުޅުވާފައިވާ ދޮރެއް ކަމަށް އެ މެންބަރުން ގަބޫލުކުރާ ހާލަތުގައި ދެބަސްވުން މިއޮތީ އުފެދިފަ އެވެ. އެ ދެބަސްވުން ފިލުވުމަށް މަޖިލީހަށް ވަދެވޭނެކަން ނުވަތަ ނޫންކަން ސުޕްރީމް ކޯޓުން ބުނެދީގެން ނޫނީ މިކަމަށް ހައްލެއް ލިބޭނެ ކަމަކަށް ނުބެލެވެ އެވެ.