ސެޕްޓެމްބަރު 23ގައި ބޭއްވި ރިޔާސީ އިންތިހާބު އިދިކޮޅު ފަރާތްތަކުގެ ކެނޑިޑޭޓް އިބުރާހިމް މުހައްމަދު ސޯލިހު (އިބޫ) ކާމިޔާބު ކުރެެއްވުމާ އެކު ވަރަށް ގިނަ އަދަދެއްގެ ބަޔަކަށް އުއްމީދު ތަކެއް ލިބުނެވެ. ގެއްލިފައިވާ ހައްގުތައް އަލުން ލިބި، ބިރުވެރިކަމެއް ނެތް އުފާވެރި މިނިވަން ޖައްވަކަށް ނޭވާ ލެވޭނެ ކަމުގެ އުފާވެރިކަން ލިބުނެވެ.
ސަރުކާރުގެ އަނިޔާވެރިކަން ނިމި، އެ އަނިޔާގެ ޝިކާރައަކަށްވެފައިވާ އެތަކެއް ބަޔަކަށް ފަރުވާ ލިބޭނެ ކަމުގެ އުމްމީދެއް ގެނެސްދިނީ އިންތިހާބުގެ ނަތީޖާ އެވެ. ސިޔާސީ މަގުސަދެއްގައި ބޭއިންސާފުން ހުރަގެއަށް ލާފައި، ތިިބި އެތަކެއް ބަޔެއް މިނިވަން ވާނެ ކަމުގެ އުމްމީދު ލިބުނެވެ. ކަސިޔާރުވެފައިވާ ރާއްޖޭގެ އިޖުތިމާއި ހާލަތާއި، އިގްތިސާދީ ހާލަތު ރަނގަޅު ކުރެވި، ގައުމަށް އަމާން ކަމާއި، ފާގަތިކަން ގެނެސްދޭނެ ކަމުގެ އުމްމީދުވެސް އޮތީ އެވެ.
މި ހުރިހާ ކަމަކަށްވުރެވެސް ބޮޑަށް ދިވެހި ރައްޔިތުންގެ ތެރެއިން 60،000 ރައްޔިތުންގެ ހައްގުތަށް ގެއްލިފައިވާތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ. ރައްޔިތުން މަޖިލީހުގައި އެ ރައްޔިތުންގެ ބަހެއް ނެތި މަޖިލިސް ކުރިއަށް ދާތާ މިހާރު އެތައް ދުވަހެކެވެ. ބޮޑެތި ނިންމުންތަކެއް ނިންމީ އެ ރައްޔިތުންގެ ބަސްނެތި އެވެ. އެ ހައްގުތަށް އަބުރާ ލިބޭނެ ކަމުގެ އުމްމީދުގައި ތިބި މީހުން އަދިވެސް ތިބީ އެ އުމްމީދާ އެކުގަ އެވެ. ރައްޔިތުން އުމްމީދު ކުރި ގިނަ ކަންތައްތަކެއް މިހާރުވެސް ފުރިހަމަ ވަމުންދާ އިރު، 12 މެންބަރުންގެ ގޮނޑީގެ މައްސަލަ ނިމޭނެ ކަމުގެ ނިޝާނެއް ވެސް ނުފެނެ އެވެ.
ސިޔާސީ ގޮތުން، ނުހައްގުން އެތަކެއް ބަޔަކަށް ދެމުންއައި، އަނިޔާތަކަށް ނިމުމެއް ވަނީ އައިސްފައެވެ. ސިޔާސީ މަގުސަދަކަށްޓަކައި ހުރަގެއަށް ލެވުނު ސިޔާސީ ބައެއް ބޭބޭފުޅުން ވަނީ މިނިވަން ވެފައެވެ. އެހެން ނަމަވެސް 60،000 ރައްޔިތުންގެ އެ ޝަކުވާ މިއަދުވެސް އޮތީ އޮތް ގޮތަށެވެ. ރައްޔިތުންގެ މަޖިލީހުގެ 12 ދާއިރާއެއްގެ އަޑު ކެނޑިފައިވާތާ އެތަކެއް ދުވަހެއް ވެގެންގޮސް ޝަކުވާތައް އޮތީ ފުނިޖެހިފަ އެވެ. ދުސްތޫރީ އެ ބޮޑު މައްސަލައަށް "ދުސްތޫރު"ގެ ތެރެއިން އަދިވެސް ވަނީ ހައްލެއް ނުލިބި އެވެ.
އިންސާފާއި، ހަމަޔަށް ލޯބި ކުރާނެ ކޮންމެ ބަޔަކުވެސް ގަބޫލު ކުރާނެ ހަގީގަތަކީ އެ 12 ދާއިރާގެ އަޑު ރައްޔިތުންގެ މަޖިލީހުން ކަނޑުވާ ލެވިފައިވަނީ ސިޔާސީ މަގުސަދަކަށްޓަކައި ކަމެވެ. މަޖިލީހުގައި ވަކިބަޔަކަށް އޮތް ސާފު މެޖޯރިޓީއެއް ފުރޮޅިގެންދާނެ ކަމުގެ ޔަގީންކަން ލިބުމާއެކު، ވެރިކަން ކުރާ ޕާޓީއިން ދައުލަތުގެ ބަންޑާރަނައިބާއި، ދައުލަތުގެ އެކި އެކި އިދާރާތަށް މެދުވެރިކޮށް، ހާމައަށް ފެންނާން ހުރި އެތަކެއް ހަގީގަތަކާއި ހިލާފަށް އެ 12 މެމްބަރުންގެ ހައިސިއްޔަތު ނަގާލީ އެވެ. އެކަން ކުރީ ދުސްތޫރީ ނިޒާމުގެ ތެރެއިން ސިޔާސީ ނުބައި ނިޔަތުގަ އެވެ.
މެމްބަރު ކަމުގެ ހައިސިއްޔަތު ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކުރިން ކަނޑައެޅުމަށްފަހު، ގޮނޑި ނުގެއްލޭ ކަމަށް ފަހުން ނިންމި މެމްބަރުންނަކީ މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހްމަދާއި ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ އަހްމަދާއި، ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން އާއި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހީމާއި މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތާއި ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ އާއި ހަނިމާދޫ ދާއިރާގެ މެންބަރު ހުސެއިން ޝަހުދީ އަދި އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ (މުހަންމާ) އާއި ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތަފާ އަދި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހެވެ.
މައްސަލަ ފެށުނީ، ބަންޑާރަނައިބްގެ ފަރާތުން "ފްލޯކްރޮސިން" ހުއްޓުވުމަށް ސްޕްރީމްކޯޓަށް ވަޑައިގަތުމުން އެކޯޓަށް ގާނޫނު އަސާސީން ދީފައިވާ ބާރެއް އިލެކްޝަންސް ކޮމިޝަނާއި ހަވާލު ކުރުމާ ހިސާބުން އެވެ. ގާނޫނު އަސާސީގައި ބަޔާންކޮށްފައިވަނީ މެމްބަރެއްގެ މެމްބަރު ކަމާއިމެދު ހިލާފެއް އުފެދިއްޖެ ނަމަ، އެކަމަށް ގޮތެއް ނިންމާނީ ސްޕްރީމްކޯޓުން ކަމަށެވެ. އެހެން ނަމަވެސް، އުއްތަމަ ފަނޑިޔާރަކަށް އަބްދުﷲ ސައީދު ހުންނަވައި، އެ ބާރު ހަވާލުކުރީ އީސީއާ އެވެ. އެއާ އެކު އީސީއިން މަޖިލީހަށް އެންގީ އެ މެންބަރުންގެ ގޮނޑި ގެއްލުނު ކަމަށެވެ. އަދި ބައި-އިލެކްޝަން ބާއްވަން މަސައްކަތް ފެށި އެވެ. އެހެން ނަމަވެސް، އެކެއް ފެބުއަރީގައި ސުޕްރީމް ކޯޓުން އިތުރު އަމުރެއް ނެރެ، އެކަން ބާތިލްކޮށް 12 މެންބަރުންގެ ގޮނޑި ގެއްލިފައި ނުވާ ކަމަށް ނިންމި އެވެ. އެހެން ނަމަވެސް، ސުޕްރީމް ކޯޓްގެ އާ ބެންޗުން އެ ނިންމުން ބާތިލްކޮށް 12 ގޮނޑިއާ މެދު ގޮތެއް ނިންމޭނީ ހަމައެކަނި ސުޕްރީމް ކޯޓަށް ކަމަށް ކަނޑައެޅި އެވެ.
އެ ނިންމުން އެހެން އޮއްވާ، އިލެކްޝަންސް ކޮމިޝަނުން މިދިޔަ ހަފްތާ ވަނީ 12 މެމްބަރުންނާއި މެދު ނިންމުނީ ގޯސް ނިންމުމެއްކަމަށް ނިންމައި، މެންބަރުންގެ ގޮނޑި ނުގެއްލޭކަން މަޖިލީހަށް އަންގައިފަ އެވެ. އެހެން ނަމަވެސް ސުޕްރީމް ކޯޓުން ވަނީ އެ ދުވަހުން ދުވަހަށް އެ ނިންމުން ބާތިލްކޮށް އެކަމުގައި ގޮތް ނިންމާނީ ސުޕްރީމް ކޯޓުން ކަމަށް ބުނެފަ އެވެ. އެއާ އެކު އަނެއްކާ ވެސް މައްސަލަ ދިގުލައިގެން ދިޔައީ އެވެ.
އެނިންމުން އެގޮތަށް އައުމުން ގޮނޑިގެއްލިފައިވާ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ލޯޔަރު ވައްޑޭ) އެ މެމްބަރުން ސިފަ ކުރެއްވީ ނިވި ދިއްލޭ 12 ބޮކީގެ ގޮތުގަ އެވެ.
ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން އަވަސް އަށް ވިދާޅުވީ އެ މައްސަލައަކީ އަވަސް ނިޔާ އިއްވަން ޖެހޭ މައްސަލައެއް ކަމަށެވެ. މިހާރުވެސް މައްސަލަ މާބޮޑަށް ލަސްވެއްޖެ ކަމަށާއި އެތައް ބައެއްގެ ހައްގު ގެއްލިފައިވާ ކަމަށް ވެސް ސައުދު ވިދާޅުވި އެވެ. ސުޕްރީމް ކޯޓުން މި މައްސަލައިގައި ލަސްވުންތަކެއް އުޅެނީ ކީއްވެގެން ކަމާ މެދު އޭނާ ވެސް ސުވާލު އުފެއްދި އެވެ.
"އީސީން ނިންމި ނިންމުން ސްޕްރީމްކޯޓުން ބާތިލް ކުރުމުން، ޖުޑިޝަރީ މިނިވަން ކަމާއެކު މަސައްކަތް ކުރާ ކަމަށް ރައްޔިތުންގެ ހިތުގައި އުފެދިފައިވާ ޝައްކު އަދިވެސް ނުފިލާ. އެމައްސަލަ އަަވަސް ގޮތެއްގައި ނިންމެވުމަކީ ޖުޑިޝަރީގެ މައްޗަށް ގާނޫނު އަސާސީން ލާޒިމް ކުރާ ކަމެއް. މި މައްސަލަ ނުނިމި ލަސްވާ ކޮންމެ ދުވަހަކީވެސް އެތަކެއް ރައްޔިތުންނެއްގެ ހައްގުތަކެއް ގެއްލިގެން ދާނެ ދުވަހެއް" ސައުދު ވިދާޅުވި އެވެ.
އެތަކެއް ރައްޔިތުންނެއްގެ ހައްގުތަކާއި ގުޅިފައިވާ މިވަރުގެ ބޮޑު މައްސަލައަކަށް މިއަދާ ހަމަޔަށް އައި އިރުވެސް ހައްލެއް ނުލިބި އޮތުމަކީ ހިތާމަ ކުރަންޖެހޭ ވަރުގެ ބޮޑު މައްސަލަ އެކެވެ. ސިޔާސީ މައްސަލަތަކެއްގެ ތެރޭގައި ރައްޔިތުންގެ ހައްގުތައް ގެެއްލިގެން ދިއުމަކީ ގައުމުގެ ސުލްހަ މަސަލަސްކަމަށް ބުރޫ އަރައި، ހަމަހަމަކަން ގެއްލިދާނެ ވަރުގެ ސީރިއަސް މައްސަލަ އެކެވެ. އެކެއް ފެބުރުއަރީގެ އަމުރު ބާތިލް ކުރަން އޭޖީއިން ކޯޓަށް ހުށަހެޅި މައްސަލައިގައި ނެރުނު ހުކުމުގައި ވެސް ބުނެފައި ވަނީ، އެއީ ހިޔާލުތަފާތުވުން އުފެދިފައިވާ ދުސްތޫރީ މައްސަލައެއް ކަމަށާއި އެ މައްސަލަތަކަށް ނިހާއީ ހުކުމެއް އަންނަން ޖެހޭ ކަމަށެވެ. މިއީ ސުޕްރީމް ކޯޓްގެ ފަސް ފަނޑިޔާރުންގެ ބެންޗުގެ ވެސް އިއުތިރާފެވެ. އެހެން ނަމަވެސް އެ މައްސަލައިގައި ނިހާއީ ހުކުމެއް ނީއްވިގެން އުޅެނީ ކީއްވެ ހެއްޔެވެ. ރިޔާސީ އިންތިހާބަށް ފަހު އެ މައްސަލައިގައި އަޑުއެހުންތަކެއް އިޖުރާއަތު ފުރިހަމަ ކުރުމުގެ ގޮތުން ބާއްވައިފި އެވެ. އެކަމަކު އަދި ހުކުމަކާ ހަމަޔަކަށް ނާދެވެ އެވެ. މި މައްސަލައަކީ ސްޕްރީމްކޯޓުން ފައިސަލާ ކުރަނިވި ހުކުމެއް ވީހާ އަވަހަކަށް އިއްވަން ޖެހޭ މައްސަލައެކެވެ. މި ދާއިރާތައް ތަމްސީލު ކުރާނެ މެމްބަރުން ނެތުމަކީ ދުސްތޫރީ ބޮޑު މައްސަަލަ އެކެވެ. އެ ހުސްކަމުގައި އަހަރަކަށް ވިރެ ގިނަ ދުވަސް ވޭތު ވެއްޖެ އެވެ. މި މައްސަލައަށް ފަރުވާއެއް ބޭނުންވަނީ އެހެންވެ އެވެ. އެކަމަކު ސުޕްރީމް ކޯޓް ފެންނަނީ މި މައްސަލައިގައި ފަހަތު ފަޔަށް ބުރަވާ ތަނެވެ.