ރިޕޯޓް

އެންމެން ބަލަން، 12 ގޮނޑިއަށްވާނީ ކިހިނެއް؟

މަޖިލީހުގެ ގޮނޑި ގެއްލިފައިވާކަމަށް ބުނާ މެންބަރުންގެ މައްސަލައަކީ އަހަރުވީ މައްސަލައެކެވެ. އެއް އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ މި ބޮޑު މައްސަަލަ ނިމެން އަންނަ އިރު، އީޔޫގެ ނިންމުންތަކާއެކު ސަރުކާރު އޮތީ ޕްރެޝަރެއްގެ ތެރޭގަ އެވެ. ސަރުކާރުގެ އިސްވެރިންނަށް ޓާގެޓެޑް ސެންކްޝަންސް ނުވަތަ ވަކި ވަކި ފަރާތްތަކަށް ފިޔަވަޅު އަޅާނެ ފްރޭމްވޯކެއް ކަނޑައަޅަން އީޔޫއިން ވަނީ ފާސްކޮށްފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މި 12 ދާއިރާގެ މެމްބަރުންނަށް މަޖިލީހަށް ވަދެވި، އެ މެމްބަރުންގެ ވާޖިބު އަދާކުރުމުގެ ފުރުސަތު ދިނުމަކީ، އީޔޫގެ ހުށަހެޅުމެކެވެ.


އީޔޫގެ ޕްރެޝަރާއި އެފަދަ ޕްރެޝަރުތަކަށް އަޅައި ވަރަށް ބަލާއިރު ދެ ގޮތަކަށް މިކަން ހިނގައިދާނެ އެވެ. ފުރަތަމަ ގޮތަކީ، ރައްޔިތުންގެ މަޖިލީހުގެ އެ 12 ދާއިރާގެ ގޮނޑިވެސް މެންބަރުންނަށް ނުގެއްލޭ ގޮތްވުމެވެ. އެގޮތަށް ނިންމިއަސް ސަރުކާރަކަށް ގެއްލުމެއް ނެތެވެ. އެ 12 ގޮނޑި ސަލާމަތްވިޔަސް، އިދިކޮޅު ފަރާތްތަކަށް ނިސްބަތްވާ މެމްބަރުންތަކެއް ބަންދެއްގައި ނުވަތަ ޝަރުއީ ހުކުމްތަކެއްގައި ތިއްބެވުމުގެ ސަބަބުން އިދިކޮޅަކަށް "މެޖޯރިޓީ" އެއް ނުލިބޭނެ އެވެ.

އެހެން ކަމުން އެ 12 ގޮނޑި އިދިކޮޅަށް ލިބުނަސް މަޖިލީހުގެ ތެރެއިން މާބޮޑު ތަފާތެއް ނާންނާނެ އެވެ.

ދެވަނަ ގޮތަކީ، ޕީޕީއެމްއިން 13 ޖުލައި 2015 އިގެ މާކުރިން ވަކިކުރި ހަތަރު މެމްބަރުންގެ ގޮނޑި ސަލާމަތް ކޮށްދިނުމެވެ. ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިނާއި، ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބުރާހިމާއި، މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި، ދިއްދޫ ދާއިރާގެ މެމްބަރު އަބުދުއްލަތީފު މުހައްމަދަކީ މި ފްލޯ ކްރޮސިންގ މައްސަލައެއް ދިމާވުމުގެ މާކުރިން ޕީޕީއެމްއިން ވަކިކޮށްފައިވާ މެމްބަރުންނެވެ. އެހެން ނަމަވެސް ޕީޕީއެމްއިން ވަނީ އެ މެމްބަރުންގެ ސުލޫކީ މައްސަލަތައް އަލުން ބަލަމުންދާ ކަމަށްބުނެ ޕާޓީއަށް އުސޫލުތަކާއި ހިލާފަށް ވައްދާ ދެވަނަ ފަހަރަށް ޕާޓީން ވަކިކޮށްފަ އެވެ. އެ ގޮތަށް ނިމުނަސް އީޔޫއަށް ފެންނާނެ ކަމެއް އޮންނާނެ އެވެ.

މި ދެގޮތް ނޫން އިތުރު ގޮތެއްވެސް އެ ބައޮތެވެ. އެގޮތަކީ ސަރުކާރާއި، ރައްޔިތުންގެ މަޖިލީހާއި، އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ގޮތަށް މި 12 ދާއިރާގެ ގޮނޑިވެސް ހުސްވެފައިވާކަމަށް ނިންމުމެވެ.

ރައީސް އަބުދުﷲ ޔާމީން ށ. އަތޮޅަށް ކުރެއްވި ދަތުރު ފުޅުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައިވަނީ، ގޮނޑި ގެއްލިފައިވާ މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ނުނިންމޭނެ ކަަމަށެވެ. މި ވާހަކަފުޅާއެކު ގިނަ ބަަޔަކު ގަބޫލު ކުރަނީ މި 12 ދާއިރާގެ ވެސް ގޮނޑި ހުސްވުން ގާތް ކަމަށެވެ.

12 މެމްބަރުންގެ މި މައްސަލައަކީ މިހާރުވެސް ގޮތެއް ކަނޑައެޅުން ލަސްވެފައިވާ މައްސަލައެކެވެ. ގިނަ ބަޔަކު އިންތިޒާރު ކުރަމުންދަނީ، އިންސާފުވެރި ނިންމުމަކަށެވެ.