1 ފެބުރުއަރީގެ އަމުރު

ފެނަކާ އާއި އެމްއާރްޑީސީގެ އިމާރާތެއްގައި ރޯކޮށްލަން އެބައުޅޭ: ޝަރީފް

ފެނަކަ ކޯޕަރޭޝަން އާއި މޯލްޑިވްސް ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ)ގެ އިމާރާތެއްގައި ރޯކޮށްލަން އުޅޭ ކަމަށް ފެނަކާގެ އެމްޑީ އަހުމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.

ޝަރީފް މިއަދު ވިދާޅުވީ ފެނަކައާއި އެމްއާރްޑީސީގެ އިމާރަތެއްގައި ރޯކޮަށްލަން އުޅޭ ކަމުގެ އިންޒާރު މެސެޖުތަކެއް ރޭގެ ވަގުތެއްގައި ލިބުނު ކަމަށާއި އެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް ދީފައިވާ ކަމަށެވެ. އޭނާ ސިފަ ކުރެއްވީ އެކަމަކީ ރައީސް ނަޝީދު ސަރުކާރު ބަދަލު ކުރުމާ ގުޅިގެން ހިނގި ފަދަކަންކަން ފެށެން އުޅެނީ ކަމަށެވެ.

"ރޭ ދަންވަރު އަޅުގަނޑުގެ ފޯނަށް އައި ފެނަކަ އާއި އެމްއާރްޑީސީގެ އިމާރާތެއްގައި ރޯކޮށްލަން އުޅޭ ކަމަށް، ކާކުކަން ނޭންގޭ ގޮތަށް ފޮނުވާފައި ހުރީ، އަޅުގަނޑުމެން އެކަން ކުށްވެރި ކުރަން އަަދި ރޭ ވާނީ މަައްސަލަ ފުލުހަށް ހުށަހަޅާފައި،" ޝަރީފް ވިދާަޅުވި އެވެ.

އިމާރާތްތަކަށް ގެއްލުންދޭން ބަޔަކު ރާވަމުން އައި ނަމަވެސް ކުންފުނިތަކުން ހިންގަމުން އަންނަ މަޝްރޫއުތަކަށާއި ކުރިޔަށް ދާ އެއްވެސް މަސައްކަތެއް ނުހުއްޓާނެ ކަމަށާއި ހުރިހާ ކުންފުނިތަކެއް ހުރީ ސާބިތު ކަމާއެކުގައި ކަމަށް ޝަރީފް ވިދާޅުވި އެވެ.

އިމާރާކަތްތަކުގައި ރޯކޮށްލަން އުޅޭ ކަމަށް ބުނާ މައްސަލަައާ ގުޅޭ ގޮތުން މައުލޫމާތު ސާފު ކުރުމަށް ފުލުހަށް ގުޅި ނަމަވެސް ފޯނަށް ޖަވާބެއް ނުދެ އެވެ.