1 ފެބުރުއަރީގެ އަމުރު

ޕީޕީއެމްއިން ވެސް ކުރީ އެއްކަމެއް، ފުލުހުންނަށް ގޯސްވީ އިދިކޮޅު!

ގާނޫނުގައިވާ ގޮތުން ފުލުހުންނަކީ އެއްވެސް ބައެއްގެ ނުފޫޒެއް ނެތި ގާނޫން ތަންފީޒުކޮށް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް މަސައްކަތް ކުރާ ބަޔަކަށް ވާން ޖެހެ އެވެ. އެއްގޮތަކަށް ވެސް ވަކި ފިކުރެއްގެ ބަޔަކަށް ފައިދާވާ ގޮތަށް ނޫނީ ވަކި ކޮޅަކަށް ޖެހިގެން މަސައްކަތް ކުރަން ތިބޭ ބައެއް ނޫނެވެ. އެގޮތަށް މަސައްކަތްކޮށްގެން ވެސް ނުވާނެ އެވެ. މިއީ ކަން އޮންނަން ޖެހޭ ގޮތެވެ.

ގާނޫން އަސާސީން އެންމެ ފަހު ގޮތް ކަނޑައެޅުމުގެ ބާރު ލިބިފައިވާ، ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ނެރުނު އަމުރާ ގުޅިގެން އިދިކޮޅު ޕާޓީތަކުގެ ސަޕޯޓަރުން އުފާ ފާޅު ކުރުމުގެ ގޮތުން އާޓިފިޝަލް ބީޗު ސަރަހައްދަށް އެއްވި އެވެ. ކުރިޔާ ހިލާފަށް އެ އެއްވުމުގައި މަގު މަތީގައި ހިނގާލުމެއް ބާއްވާކަށް ނުނިންމަ އެވެ. އަދި އިރެއް ވަންދެއް ފުލުހުން އެއްވެސް ވަރަކަށް ހުރަސް ނަޅާ ތިއްބާ ކުއްލި އަކަށް ސީޕީ އަރީފް މަގާމުން ވަކިކޮށް، ރަޔަޓު ގިޔަރުގައި ތިބި ފުލުހުންގެ ލަޝްކަރެއް އެ ސަރަހައްދަށް ފޮނުވި އެވެ. ދެން ފެނިގެން ދިޔައީ ޕެޕާ ސްޕްރޭ އާއި ކަރުނަގޭހާއި މުގުރުން އެތަނުގައި ތިބި މީހުން ގައިގައި ތަޅައި އެއްވުން ރޫޅާލި މަންޒަރެވެ. އެއްވެސް މީހަކަށް ވެސް ނޫސްވެރިޔަކަށް ވެސް ބެލުމެއް ނެތި އާޓިފިޝަލް ބީޗު ސަރަހައްދުން އެންމެން ފައްސާލީ އެވެ. ބަޔަކު ހައްޔަރު ވެސް ކުރި އެވެ.

ނަމަވެސް ޕީޕީއެމް އިން ރައީސް އަބްދުﷲ ޔާމީނަށް އޮތް ތާއީދު ދައްކާލުމަށް ވެސްޓް ޕާކު ސަރަހައްދަށް އެ ޕާޓީގެ ސަޕޯޓަކުން އެއްވުމުން ފެނިގެން ދިޔައީ މުޅިން ތަފާތު މަންޒަރެކެވެ. އެ ސަރަހައްދަށް ދިޔަ އިރު މާ ދުރުން ފުލުހުން އެ ސަރަހައްދުގެ ސެކިއުރިޓީ ބަލަހައްޓައި ދިނުމުގައި އަވަދިނެތި އުޅޭތަން ފެންނަން ފެށި އެވެ. ޕީޕީއެމްގެ އެކްޓިިވިސްޓުން މަގުމަތީ ސްޕީކަރުތައް ބަހައްޓައިގެން ވެސްޓްޕާކު ތެރެއާއި އެ ސަރަހައްދު އެއްކޮށް އޮތީ ފުރާލާފަ އެވެ. އިދިކޮޅު އެއްވުމުގައި ހެދި ގޮތަކަށް މީހުން ދުރަށް ޖެއްސުމުގެ ބަދަލުގައިި ފުލުހުން ދުރައް ޖައްސަމުން ދިޔައީ އެ ސަރަހައްދަށް ދިޔަ ސައިކަލާއި ކާރުތަކެވެ. ޓްރެފިކް ބަލަހައްޓާދީ ހުރިހާ އިންތިޒާމްތަކެއް ވަރަށް ފުރިހަމަކޮށް ކުރިޔަށް ގެންދިޔުމަށް ފުލުހުން އެހީތެރިވެދިނެވެ.

އިދިކޮޅުން އެއްވީ އެމްޑީޕީ ޖަގަހައިގެ ކުރިމައްޗަށެވެ. ޕީޕީއެމް އިން އެއްވީ އެ ޕާޓީގެ ޖަގަހައިގެ ކުރިމައްޗަށެވެ. ނަމަވެސް ސިޔާސީ ދެ ފިކުރެއްގެ ބަޔަކު އެއް ކަމެއް ކުރާއިރު، ދެ ފަރާތާމެދު ތަފާތު ގޮތަކަށް ފުލުހުން އަމަލު ކުރަނީ ކީއްވެގެން ހައްޔެވެ؟ ގާނޫނުގެ ތެރެއިން ހަމަހަމަކަމާއި އިންސާފުގެ ތެރެއިން ރައްޔިތުންނާމެދު އަމަލު ކުރަން ތިބޭ ބައެއްގެ އަމަލުތައް އެގޮތަށް ހުރުމުން އެއްވެސް ނުފޫޒެއް ނެތްތޯ ސުވާލު އުފެދެ އެވެ. ސޯޝަލް މީޑިއާ ތެރޭގައި ވެސް އަންނަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުވެ ސުވާލު އުފައްދަމުންނެވެ.

އަނެއް ކަމަކީ ފުލުހުން މީގެ ކުރިން އިދިކޮޅު އެއްވުންތައް ރޫޅާލަނީ އެއްވުން މަނާތަނަކަށް އެއްވާތީ ކަމަށް ބުނެ އެވެ. އެއީ ގާނޫނަށް ބަދަލު ގެނައި ފަހުން މާލޭގައި އެއްވެވޭނީ ކާނިވާ ސަރަހައްދަށް އެކަންޏެވެ. އެ ގާނޫނާ ހިލާފުވި ކަމަށް ބުނެ ފުލުހުން އިދިކޮޅު ސަޕާޓަރުންތައް ފައްސާލި ނަމަ ޕީޕީއެމްގެ ސަޕޯޓަރުން ވެސް ހަމަ އެގޮތަށް ފައްސާލަން ޖެހޭ ނޫންތޯ އެވެ. އެއީ އެތަނުގައި ސަރުކާރުގެ އެއްވުން ކުރިޔަށް ދިޔަ އިރު އެ އެއްވުން އިންތިޒާމް ކުރި މެންބަރުން ގޮވަމުން ދިޔައީ ވީހާވެސް ބޮޑަށް މަގު މައްޗައް ނިކުމެ ތިބުމަށެވެ. އަދި ވެސްޓް ޕާކުގެ ތެރޭގައި ތިބި ސަޕޯޓަރުން ވެސް ޕާކުން ނިކުމެ "ބޮޑު ފަޅި" ދައްކާލުމަށް މަގުމައްޗައް ނިކުތުމަށެވެ. އެގޮތަށް ގޮވަމުންް ދިޔަ އިރު ވެސް ފުލުހުން ދިނީ ބީރު ކަންފަތެކެވެ. ޕީޕީއެމްގެ ސަޕޯޓަރުން މަގުމައްޗައް ނިކުމެ ސަރަހައްދުގެ ޓްރެފިކް ތާށިވެފައިވާ އިރު ފުލުހުން ތިބީ އަތް އުރާލައިގެނެވެ. ގާނޫނުގައި އޮންނަ ގޮތެއް އޭރަކު ނުފެނެ އެވެ.

ފުލުހުން ތަފާތު ކުރުންތައް ގެންގުޅޭ މައްސަލަ ސޯޝަލް މީޑިއާގައި މިއަދު ހޫނުވި ނަމަވެސް މިއީ އެ އިދާރާއިން އެގޮތަށް އަމަލު ކުރި ފުރަތަމަ ފަހަރެއް ވެސް ނޫނެވެ. މީގެ ކުރިން ވެސް އިދިކޮޅު ސަޕޯޓަރުން ބާއްވާ "ކުއްލި ސައި" ތައް ރޫޅާލުމަށް ފަހު ގޮސް ޕީޕީއެމް އިން މަގުމަތީގައި ގޮނޑި އަތުރައިގެން ބާއްވާ އެއްވުންތައް ބާއްވަން އެހީތެރިވެދެ އެވެ. އެ ހުރިހާ ކަމަކަށް މަގުފަހިކޮށްދިން ފުލުހުންގެ އިސްވެރިން މިއަދު މަގާމުތަކުގައި ނެތެވެ.

ނަމަވެސް ސުވާލުކޮށްލާ ކޮންމެ ފަހަރަކު "އަމަލު ކުރަނީ އިންސާފާއި ހަމަހަމަ ކަމާއެކުގައި ކަން" ވަރަށް ސާފުކޮށް ފުލުހުން ބުނެ އެވެ. ފުލުހުންގެ ވާޖިބަކީ ވަކި ބަޔަކަށް ހިމާޔަތް ދިނުން ހެއްޔެވެ؟ ނޫނީ ފުލުހުން ތިބީ ސިޔާސި ކުލަ ޖެހިފަ ހެއްޔެވެ؟ އެކަމަކު ފުލުހުންނަކީ ހަމަހަމަކޮށް އަމަލު ކުރަން ޖެހޭނެ ބަޔެކެވެ. މަގުމަތީގައި އެއްވުން ބޭއްވުން މަނާ ނަމަ ކޮންމެ މީހަކަށް ވިޔަސް އެއްވުން ބޭއްވުން މަނާވާނެ އެވެ.