ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީނު އަބުދުލް ގައްޔޫމު ވެެރިކަމަށް ވަޑައިގެންނެވި ފަހުން ރާއްޖޭގެ ކޯޓުތަކުން އާދަޔާ ހިލާފު ބާރު ސްޕީޑުގައި ޝަރީއަތްތަކެއް ކުރިއެވެ. އެ ޝަރީއަތްތަކުން ހުކުމްތައްކޮށް ޖަލަށްލީ ސިޔާސީ ލީޑަރުންގެ ތެރޭގައި އަދާލަތު ޕާޓީގެ ރައިސް އިމްރާން އަބުދުﷲ އާއި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބުރާހީމް ހިމެނިވަޑައިގަންނަވައެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ތަހުގީގު ހިންގީ ކުރީ ދައުރުގައި ކަމަށް ވިޔަސް ޝަރީއަތް ކުރީ މިދައުރުގައެވެ. އެ ޝަރީއަތްތައް ކުރި އިރު ރައީސް ޔާމީނަށް ރާއްޖޭގެ ޝަރުއީ ނިޒާމު ވަރަށް ރަނގަޅެވެ. އެހެންވެ، އެއިން އެއްވެސް ބޭފުޅަކަށް އައި ހުކުމް ތަންފީޒު ކުރުމުގައި ސަރުކާރު ކަންނެތެއް ނުވެއެވެ. އޭރުގައި އިދިކޮޅު ފަރާތްތަކުން ރާއްޖޭގެ ޝަރުއީ ނިޒާމަށް ފާޑު ކިޔާ ކޮންމެ ފަހަރަކު އެކަމަށް ރައްދު ވެސް ދެމުން ދިޔައީ ސަރުކާރުންނާއި ވެރިކަން ކުރާ ޕީޕީއެމުންނެވެ.
އެކަން އެހެން އޮއްވައި މިދިޔަ ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުން ކުރި އަމުރު ވެފައި މިވަނީ ސަރުކާރަށް އެއްގޮތަކަށް ވެސް ހަޖަމް ނުވި އަމުރަކަށެވެ. ހަގީގަތުގައި އެ އަމުރުގައި ކަނޑައަޅާފައި ވަނީ ހުކުމްތަކުގައި ތިއްބެވިި ބޭފުޅުން ކުށް ނުކުރައްވާ ކަމަކަށް ވެސް ނޫނެވެ. އެންގީ ކުރިން ކޮށްފައިވާ ޝަރީއަތްތައް ރަނގަޅު ނޫންވީމާ އެ ބޭފުޅުން މިނިވަންކޮށް، އެ މައްސަލަތައް އަލުން ބެލުމަށެވެ. މީގައި ސަރުކާރާ ދެކޮޅު އަމުރެއް އެހެންވީމާ ނެތެެވެ. ރަނގަޅު ކުރަން އަންގާފައި އެވަނީވެސް ޝަރުއީ ނިޒާމުން ހެދި ގޯހެކެވެ.
ކަން މިހެން ހުއްޓަސް އަމުރު ތަންފީޒު ނުކުރަން ސަރުކާރުން ވަނީ ފައިވިއްދާފައެވެ. އެހެންވީމާ އެކަމުގެ ހުތުރު ފިލުވައި، ރައްޔިތުންގެ ފޯކަސް ގެއްލުވައިލަން ސިލްސިލާ ހަރަކާތްތަކެއް އަންނަނީ ހިންގަމުންނެވެ.
ރައީސް ބައިވެރިވެވަޑައިގެންނެވި އެއްވުން
ސުޕްރީމްކޯޓުގެ އަމުރު ތަންފީޒު ނުކުރުމުން ރައްޔިތުން އެކަމާ ސުވާލު އުފައްދައި، ސަރުކާރަށް ފާޑުކިޔާ މިންވަރު ކުޑަ ކޮށް، އެކަމަށް ބަހަނާ ދައްކަން ހިންގި އެންމެ ފުރަތަމަ ހަރަކާތަކީ ހޮނިހިރު ދުވަހު ހަވީރު ކުރީގެ ވެސްޓް ޕާކް ސަރަހައްދުގައި ޕީޕީއެމުން ބޭއްވި އެއްވުމެވެ. އެ އެއްވުމަށް ރައީސް ޔާމީނު ވަޑައިގެންނެވީ ކުއްލި ގޮތަކަށެވެ.
އެ އެއްވުމަށް ދާން ދައުލަތުގެ ކުންފުނިތަކުގެ މުވައްޒަފުން ދާން މަޖުބޫރު ކުރި ކަމުގެ އަޑު ފެތުރުނެވެ. އެއީ ހަގީގަތެއް ކަމެއް ނުވަތަ ނޫން ކަމެއް ނޭނގެއެވެ. ކޮންމެ ސަަބަބަކާ ހެދި ނަމަވެސް އެތަނަށް ގިނަ ބަޔަކު ދިޔައެވެ. އެއްވި ބައިގަނޑު ފެނުމުން ރައީސް ހުންނެވީ އާދަޔާ ހިލާފު ޖޯޝެއްގައެވެ.
ބައެއް ފަހަރަށް ސަމާސާ ރާގެއްގައި އަދި ބައެއް ފަހަރަށް ވަރަށް ޖަޒުބާތީ ރާގެއްގައި ކުރިއަށް ގެންދެވި ތަގުރީރުގައި ފޯކަސް ގެއްލުވައިލުމުގެ ދެ ވާހަކައެއް ރައީސް ދެއްކެވިއެވެ. އެއް ވާހަކަ އަކީ ސުޕްރީމްކޯޓުގެ އަމުރު ތަންފީޒުކޮށްފި ނަމަ ރައްޔިތުންނަށް ވެދާނެ ނުރައްކަލުގެ ވާހަކައެވެ. އެގޮތުން ވިދާޅުވީ ދޫކޮށްލަން އަންގާފައިވާ އެކަކީ ހަތިޔާރު ގެންގުޅުނު މީހެއް ކަމަށެވެ. އެއީ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމުގެ ވާހަކައެވެ. އަދީބާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވަރަށް ބޮޑަށް ޖަޒުބާތީ ވެވަޑައިގެންނެވިއެވެ.
އެގޮތުން ލޯންޗްކޮޅަށް ދިން ހަމަލާގެ ވާހަކަ ކުރިން ނުދައްކަވާހާ ތަފުސީލުކޮށް ދެއްކެވިއެވެ.
ދެވަނަ ވާހަކައަކީ ރާއްޖޭގައި އަވަސް އިންްތިހާބެއް ބާއްވަން އެމަނިކުފާނު އެދިވަޑައިގަންނަވާ ވާހަކައެވެ.
"...އަޅުގަނޑު މިހާރު ހިތަށް އަރާ، އަޅުގަނޑު މިހާރު ހިތަށް އަރާ ، ދިވެހިރާއްޖޭގެ ގާނޫނު އަސާސީގައި މިއަށް ޖާގަ ނުދެވޭތީ އަޅުގަނޑު ދެރަވޭ. އެހެން ނަމަވެސް ބަރުލަމާނީ ނިޒާމު އޮންނަ ތަންތަނުގައި އެ ޖާގަ ލިބޭ. އަޅުގަނޑުމެންގެ ރާއްޖޭގައި އޮންނަނީ ރިޔާސީ ނިޒާމެއް ވީމާ އެކަމަަށް ޖާގަ ނެލިބޭ ކަމަކީ. ބަރުލަމާނީ ނިޒާމުގައި އެމީހުންގެ ދުސްތޫރުގައި އެމީހުންގެ ގާނޫނުތަކުގައި ޖަގާ އެބަ ލިބޭ ވެރިއަކަށް ހުންނަ މީހަކަށް ، ޕްރައިމް މިނިސްޓަރަކަށް ނޫނީ ހެޑް އޮފް ގަވަމެންޓަކަށް ، ކަންތައްތައް މިހެން ބޮޑުވެގެން ދިޔައިމާ ރައްޔިތުންގެ ވިސްނުން ހުރީ ކިހިނެތްތޯ ބެލުމަށް ޓަކައި އިންތިހާބެއް އަވަސް ކުރަން ގޮވާލައި އަވަސް އިންތިހާބަކަށް ދިއުން. އެއީ އެތަން ތަނުގެ ނިޒާމު އޮންނަ ގޮތް ، ބަރުަލަމާނީ ނިޒާމެއްގައި އެކަން އޮންނަ ގޮތް. އެހެންވީމާ ދިވެހި ރާއްޖެ މިދާ ގޮތުން ، ނޫނިއްޔާ މި ދަތި ދިރިއުޅުމުގައި މިއީ ވެސް އަޅުގަނޑުމެންނަށް ލިބޭނެ ނަމަ ރަނގަޅު ފުރުސަތެއް،" ރައީސް ވިދާޅުވިއެވެ.
އެއަށް ފަހު އިއުލާން ކުރެއްވީ ފަށައިގެން އެތައް ދުވަހެއް ވެފައިވާ ރިޔާސީ ކެމްޕޭން އަލުން ފެށްޓެވި ވާހަކައެވެ. އެއީ އެމަނިކުފާނު ހުންނެވީ އަމިއްލަ ނަފުސަށް އިތުބާރު ކުރައްވައިގެން ކަން ދެއްކެވުމުގެ ބޭނުމާ ވެސް އެކުގައި ދެއްކެވި ވާހަކަފުޅަކަށް ވެދާނެއެެވެ.
ރައީސް އަޒުލު ކުރުމުގެ އަމުރެއް ނެރެން އުޅޭ ކަމަށް އަޑު ފެތުރުން
އިއްޔެ ހެނދުނު ރައްޔިތުންްނަށް ލިބުނީ ބޮޑު ހައިރާން ކަމެކެވެ. މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް ( އެމްއެންޑީއެފް)ގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމާއި އެކްޓިން ކަމިޝަނަރް އޮފް ޕޮލިސް އަބުދުﷲ ނަވާޒު ރައީސް އޮފީހުގައި ކުއްލި ގޮތަކަށް ރައީސް އޮފީހަށް ވަޑައިގެން ބޭއްވި ނޫސް ކޮންފަރެންސް އެއް ބޭއްވުމުންނެވެ. އެ ދެބޭފުޅުންގެ މެދުގައި ދެން އިންނެވީ ބަންޑާރަ ނައިބު މުހައްްމަދު އަނިލްއެވެ.
އަނިލް ތުހުމަތު ކުރެއްވީީ ރައީސް ޔާމީނު އަޒުލު ކުރުމުގެ އަމުރެއް ނެރެން އުޅޭ ކަމަށެވެ.
އަނިލް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރުމަށް އަމުރެއް ނެރޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެއާއެކު ގައުމުގައި ވަރަށް ބޮޑަށް ހަމަނުޖެހުމާއި ނުތަނަވަސްކަން އުފައްދަން ބަޔަކު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ނަމަވެސް ރައީސުލްޖުމްހޫރިއްޔާ މަގާމުން ދުރު ކުރެވޭނީ ރައްޔިތުންގެ މަޖިލީހުން ފާސް ކުރާ ގަރާރަކުން ކަން ގާނޫން އަސާސީގެ 100 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށާއި އެކަމުގައި ސުޕްރީމް ކޯޓުގެ ހައިސިއްޔަތެއް އޮންނަނީ އެ ގަރާރުގެ ސައްހަ ކަމާމެދު ސުވާލު އުފެދިއްޖެ ހާލަތެއްގައި އެކަނި ކަމަށް އަނިލް ވިދާޅުވި އެވެ. އެހެން ކަމުން އެއާ ހިލާފަށް ސުޕްރީމް ކޯޓުން އިސްވެ ރައީސް އަޒުލު ކުރަން އުމުރެއް ނެރުމަކީ ޣައިރު ގާނޫނީ ކަމެއް ކަމަށާއި އެއަށް ސަރުކާރުން އަމަލު ނުކުރާނެ ކަމަށް ވެސް އަނިލް ވިދާޅުވި އެވެ.
"ހުރިހާ ކަމެއް ހިންގަން ވާނީ ގާނޫން އަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށްވާއިރު ގާނޫން އަސާސީން ލިބިދީފައި ނުވާ ބާރެއް ބޭނުން ކުރުމުގެ ހައިސިޔަތެއް އެއްވެސް ފަރާތަކަށް ލިބިފައި ނުވޭ،" އަނިލް ވިދާޅުވި އެވެ. "އެހެންކަމުން މިކަންކަމަށް ރިއާޔްކޮށް ބަންޑާރަނައިބުގއެ ހައިސިއްޔަތުން ސުޕްރީމް ކޯޓުން ރައީސް މަގާމުން ވަކި ކުރުމަށް އިސްވެ ކުރާ އެއްވެސް އަމުރަކީ ގާނޫނުގެ ތަރަހައިހެން ވާ ކަމެއް ނޫން މިކަން ވާނީ ގާނޫން ތަންފީޒު ކުރާ ފަަރާތްތަކަށް ސަރީހަކޮށް ދަންނަވާފަ، ގާނޫން އަސާސީއާ ހިލާފަށް ކުރާ އަމުރަކަށް ހުކުމަކަށް ތަބާވުން އެއީކޮށްގެން ނުވާނެ ކަމެއް، އެހެންކަމުން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ދަމަހައްޓަން އެފަދަ ޣައިރު ގާނޫނީ އެއްވެސް އަމުރަކަށް ސަރުކާރުން ތަބާނުވާނަން،" އަނިލް ވިދާޅުވި އެވެ.
ބަންޑާރަ ނައިބު ވަރުގަދައަށް ރައްދު ދެއްވައި އެހާ ތަފުސީލުކޮށް ވާހަކަ ދެއްކެވީ ވުޖޫދުގައި ނެތް އަމުރަކާ ބެހޭ ގޮތުންނެވެ.
އެއަށް ފަހުގައި ޖެނެރަލް ޝިޔާމާއި ނަވާޒު ވެސް ވިދާޅުވީ އެފަދަ އަމުރެއް ތަންފީޒު ނުކުރައްވާނެ ކަމަށެވެ.
ޝިޔާމް ވިދާޅުވީ ގައުމު ނުތަނަވަސް ކަމެއްގެ ތެރެއަށް ދާތަން ބަލާކަށް އަސްކަރިއްޔާއިން ނުތިބޭނެ ކަމަށާއި އެގޮތުން އެއްވެސް ޣައިރު ގާނޫނީ އަމުރަކަށް ތަބާނުވާނެ ކަމަށެވެ. އަދި ސިފައިން މަސައްކަތް ކުރާނީ އަނިލްގެ ގާނޫނީ ލަފާގެ ދަށުން ކަމަށެވެ.
ނަވާޒް ވިދާޅުވީ އެފަދަ ޣައިރު ގާނޫނީ އަމުރަކަށް ފުލުހުން ތަބާނުވާނެ ކަމަށެވެ. އަދި ފުލުހުން ވެސް މަސައްކަތް ކުރާނީ އަނިލްގެ ލަފާގެ ދަށުން ކަމަށެވެ.
އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގޭގެ ކައިރީގައި މުޒާހަރާ ކުރުން
އަމުރު ތަންްފީޒު ނުކުރާތީ ސަރުކާރަށް ފާޑުކިއުންތައްް އަމާޒުވެފައި ވަނިކޮށް ޕީޕީއެމްގެ އެކްޓިވިސްޓުން އުއްތަމަ ފަނޑިޔާރު އަބުދުﷲ ސައީދު ދިރިއުޅުއްވާ ގޭގެ ކައިރީގައި އިއްޔެ ހަވީރު މުޒާހަރާ ކުރިއެވެ. އެ މުޒާހަރާގެ ވެސް މައިގަނޑު ސަބަބަކަށް ހެދީ އެއްކަލަ " ނެރެން އުޅޭ ކަމަށް ބުނާ" އަމުރެވެ.
އެހެންވީމާ އެހަރަކާތުގައި ވެސް އޮތީ ސުޕްރީމްކޯޓުގެ " ޝިކާރައަކަށް ވެފައިވާ ރައީސެއް ދިފާއު ކުރަން" ހިންގި ހަރަކާތެއްގެ ސިފަ ޖައްސާފައެވެ.
ޕީޕީއެމުން ޖަލްސާ ބާއްވައި ފަނޑިޔާރުންނަށް ފާޑުކިއުން
ޕީޕީއެމްގެ ' ރުމާލު2 ' ޖަގަހައިގައި ރޭގައި ވަރަށް ފޯރި ގަދަ ޖަލްސާއެއް ބޭއްވިއެވެ. ގިނަ ބޭފުޅުން ވާހަކަ ދެއްކެވީ ރައީސް ޔާމީނު ދިފާއު ކުރައްވަން ތައްޔާރަށް ތިއްބެވިކަމުގެ ޔަގީންކަން ދެއްވުމުގެ ރާގެއްގައެވެ. ރާއްޖޭގައި ކަން ވެގެން އުޅޭ ގޮތް ނޭނގި ހުރި މީހަކު އެވާހަކަފުޅުތައް އަޑު އަހައިފި ނަމަ ހީވާނީ ރައީސް ޔާމީނަކީ ސުޕްރީމް ކޯޓުގެ އަނިޔާ ލިބެންދާ ބޭފުޅެއް ކަމަށެވެ.
ރޭގައި ވާހަކަފުޅު ދެއްކެވި ބޭފުޅުންގެ ތެރެއިން ސުޕްރީމް ކޯޓަށް އެންމެ ބޮޑަށް ފާޑުވިދާޅުވެ، ޖެއްސުން ކުރެއްވީ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުު އަދި ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކެވެ. އޭނާއަކީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ވެސް މެއެވެ.
"... އެހެންވީމާ މިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް ދައުލަތުގެ އެހެން މުއައްސަސާތަކުގެ މެމަބުން ވެސް އަމުރެއް ކުރަން ވާނީ އެއަމުރެއް ތަންފީޒު ކުރެވޭ ހިސާބުގައި ހުންނަ އަމުރުތޯ ބަލައިލުމަކީ އެއީ އަޅުގަނޑަށް ހީވަނީ ބުއްދިވެރިން ކުރަން ޖެހޭނެ ކަމެއްހެން. އެހެން ނޫނިއްޔާ އޭތި އެ ދަނީ އަތް ދަށުން،" ސުޕްރީމް ކޯޓުގެ އަމުރަށް ގޮން ޖައްސަވައި ވާހަކަފުޅު ދައްކަވަމުން މޫސަ ވިދާޅުވިއެވެ.
މިހުރިހާ ކަމަކުން ވެސް ހާމަ ވަނީ ސުޕްރީމްކޯޓުގެ އަމުރު ތަންފީޒު ކުރުމުނެ ނިޔަތެއް ސަރުކާރުގައި ވެސް އަދި ވެރިކަން ކުރާ ޕާޓީގައި ވެސް ނެތް ކަމެވެ. އަދި ރާއްޖޭގެ އެންމެ މަތީ ކޯޓަކީ ސިޔާސީ ވާދަވެރިން ވެސް ހަމަ ބަވާ ފުކަކަށް ހަދާލައި ކުޑަކޮށްލެވޭނެ ތަނެއް ކަމުގެ ވިސްނުން އެ ގެންދަނީ ފަތުުރަމުން ކަމެވެ. މިއީ މިހާރު އުޅޭ ޒުވާނުން ކިޔާ ގޮތުން ނަމަ " ހަމަ ހުސް ގޭމެވެ"