އިއްޔެ ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރިއިރު އެކަމުގެ ސަބަބެއް ކަަމަށް ސަރުކާރުން ބުނީ ސުޕްރީމް ކޯޓުން މި ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ނެރުނު އަމުރުގެ ސަބަބުން ދައުލަތުގެ ހިންގުމުގެ ނިޒާމު އޮޅުން ބޮޅުންވެ، އަމަަނަށް ނުރައްކާ ވެދާނެ ކަމުގެ ބިރު އޮތުމެވެ.
އެ ސަބަބު ދެއްކުމަށް ފަހު ކުއްލި ހާލަތު އިއުލާނު ކުރުމަށް ފަހު ސަރުކާރުން އެޅި ފިޔަވަޅަކީ ސުޕްރީމް ކޯޓަށް ސިފައިންނާއި ފުލުހުން ވައްދައި އުއްތަމަ ފަނޑިޔާރު އަބުދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކުރުމެވެ. ދެން ހައްޔަރު ކުރީ ކުރީގެ ރައީސް މައުމޫނު އަބުދުލް ގައްޔޫމާއި އެމަނިކުފާނުގެ ދަނބިދަރިކަލެކެވެ. ޖުޑިޝަލް އެެޑްމިސްޓްރޭޝަނުގެ އިދާރީ ވެރިޔާ ހަސަން ސައީދު ވެސް ހައްޔަރު ކުރި އެވެ.
އެ ހުރިހާ ކަމެއް ހިނގައި ރައްޔިތުން ބިރުވެެރިމަކަަށް ވެއްޓި، ބައިނަލް އަގުވާމީ ފިއްތުންތައް އިތުރުވެ، ޓޫރިޒަމަށް ގެއްލުންވާން ފަށާފައި ވަނިކޮށް ރައީސް މިއަދު ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރި ސަބަބުތައް އިތުރަށް ތަފުސީލު ކޮށްދެއްވާފައެވެ.
ސުޕްރީމް ކޯޓުގެ އަމުރު ބަދަލުކުރަން ފުރުސަތު ނުލިބުން
ރައީސް އޮފީހުގައި ހުންނަވައި ހަބަތުފަތުރާ ވަސީލަތްްތައް މެދުވެރިކުރައްވައި މިއަދު ދެއްވި ހިތާބުގައި ރައީސް ޔާމީނު ވިދާޅުވީ ނުވަ މީހަކު މިނިވަން ކުރުމަށް އަމުރުކޮށް ސުޕްރީމް ކޯޓުން ނެރުނު އަމުރާ މެދު ބޮޑެތި ކަންބޮޑުވުންތަކެއް ހުރުމެވެ. އެގޮތުން ފާޅުކުރެއްވި އެންމެ ބޮޑު ކަންބޮޑު ވުމަކީ ދޫކޮށްލަން ޖެހޭ ލިސްޓުގައި ރާއްޖޭގެ އަމަނަށް ނުރައްކާ ވާ ވަރުގެ ބޮޑެތި ކުށްވެރިން ތިބުމެވެ.
"... އެ ވީއްލާ މީހުންގެ ތެރޭގައި ދިވެހި ރައްޔިތުންނަށް ގަބޫލުކުރަން ދަތިވާ ވަރުގެ ބޮޑެތި ކުށްތައް ކޮށްފައި ތިބި މީހުންގެ ލިސްޓެއް މިއައީ. ސަރުކާރުން އެ ލިސްޓާ ދޭތެރޭގައި ވިސްނާލި އިރު ކީއްވެގެންތޯ ހަމަ އެކަނި ކީއްވެގެންތޯ އެ ލިސްޓުހައި ހުރި މީހުން ދޫކޮށްލެވެން ޖެހުނީ؟" ހުކުމާ މެދު އޮތް ކަންބޮޑުވުމުގެ ތަފުސީލު ދެއްވަމުން ރައީސް ވިދާޅުވި އެވެ.
އެގޮތަށް ހުކުމް އޮތުމުން އަމުރުގެ މަގުސަދަކީ ކޮންމެވެސް ގޮތަކުން އެ ނުވަ މީހުން ދޫކޮށްލުން ކަން ސަރުކާރަށް ގަބޫލު ކުރެއްވުނު ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. ދެން ފާހަގަ ކުރެއްވީ ސުޕްރީމް ކޯޓުގެ އެ އަމުރާ މެދު ސުވާލު ކުރުމުގެ ބާރު ގާނޫނު އަސާސީން ދީފައިވާ ޖުޑިޝަލް ސާވިސް ކޮމިޝަން(ޖޭއެސްސީ)އަށް އެ ފުރުސަތު ބަންދުކޮށްފައި އޮތް ކަމެވެ.
"..ވަރަށް ވަރުގަދަ ކަންތައްތަކެއް ނިންމަން އަންގަވާފައި އެކަމަކު އެކަންކަން ނިންމީ ކީއްވެގެންތޯ ސާފުކުރަން ސުވާލުކޮށްލުމުގެ ފުރުސަތެއް ނެތި އަދި އެކަންކަން ނިންމަވާފައި އޮތީ ކޮން މަގުސަދެއްގައިތޯ އެއީ ކުރެވިދާނެ ކަމެއްތޯ ކީއްވެގެންތޯ ފަނޑިޔާރުން އެކައުންޓަބުލް އެއްވެސް ޖާގައެއް ނުދެއްވައި މި ކޯޓު އަމުރު ނިންމެވީ،" ރައީސް ވިދާޅުވިއެވެ.
ރައީސްގެ މިވާހަކަފުޅުން ސާފު މެސެޖެއް ލިބެ އެވެ. އެ މެސެޖަކީ ޖޭއެސްސީއަށް އެ ފުރުސަތު އޮތްނަމަ ޖޭއެސްސީއަށް އެ މައްސަލަ ހުށަހަޅައިގެން ސުޕްރީމް ކޯޓުގެ އަމުރަށް ބަދަލު ގެންނަން ސަރުކާރުން ބޭނުންވުން ކަމުގައި ބުނެވިދާނެ އެވެ. މައްސަލައަކީ އަމުރުގައި އެފުރުސަތު ނަގާލާގައި އޮތުމެވެ.
އަމުރު ތަންފީޒު ނުކުރާ ނަމަ ފިޔަވަޅު އަޅަން ކޯޓަށް ފުރުސަތު އޮތުން
ދެވަނަ މައްސަލައެއްގެ ގޮތުގައި ފާހަގަކުރެއްވީ ސަރުކާރުން އެހާ ކަންބޮޑުވާ ގޮތަށް އޮތް އަމުރު ވެސް ތަންފީޒުނުކޮށްފިނަމަ އަދި އެ އަމުރަށް ފާޑު ކިޔާނަމަ ފިޔަވަޅު އެޅުމުގެ ފުރުސަތު ސުޕްރީމް ކޯޓަށް އޮތުމެވެ.
"އެެއީ ކޯޓުގެ ހުރުމަތް ނޫނީ ކޯޓުން ކުރާ އަމުރަކަށް ނުކިޔަމަންތެރިވިކަމުގެ އަދަބެއްގެ ގޮތުން އަދަބު ދެއްވޭ ގޮތަށް. އެއީ އެބޭފުޅުން ( ފަނޑިޔާރުން) ގެންގުޅުއްވާ ގަވައިދެއްގެ ދަށުން، ޝަރީއަތް ކުރުމުގެ ގަވައިދުގެ ދަށުން އަޅުގަނޑު ހަނދާންވާ ގޮތުން ހައްދަވައިގެން އުޅުއްވާ ގަވައިދެއް،" ރައީސް ވިދާޅުވިއެވެ.
އެހެންވީމާ ބަންޑާރަ ނައިބަކަށް ވެސް ޕްރޮސެކިއުޓާ ޖެނެރަލަކަށް ވެސް ކޯޓުގެ އެ އަމުރާ މެދު ސުވާލު އުފެއްދޭނެ ޖާގައެއް ނެތް ކަަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ވިދާޅުވީ އެއީ ގާނޫނާ ހިލާފަށް އޮތް ކަމެއް ކަމަށާއި ރާއްޖޭގެ ގާނޫނު އަސާސީގައި އޮންނަނީ ތިން ބާރު ވަކިވެފައިވާ ނިޒާމެއް ކަމަށެވެ. އެގޮތުންް ސުޕްރީމް ކޯޓުގެ އަމުރަކަށް ތަބާވާއިރު އެ އަމުރަކީ އެކޯޓަށް ލިބޭ ބާރުގެ ތެރެއިން ކުރި ކަމެއްތޯ ދައުލަތުން ބަލަން ޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.
"...ސަރުކާރުން އެކަން ބަލަން ޖެހޭ ގޮތަކީ ބޮޑެތި ކުށްވެރިން ތަކެއް ދޫކޮށްލައިފިކަމަށް ވަންޏާ ރާއްޖޭގެ ދާހިލީ މަސްލަަހަތު ދެން ނިމިގެން ދާނީ ކިހިނެތްތޯ، އެ ކަށަވަރު ކުރަން ޖެހޭ ބަޔަކީ ސަރުކާރު،" ރައީސް ވިދާޅުވިއެވެ.
ސަރުކާރަށް ވަގުތު ބޭނުންވީ އެފަދަ ބަޔަކު ދޫކޮށްލައިފިނަމަ ސަލާމަތީ ގޮތުންް ކުރިމަތިވާނީ ކޮން ކަހަލަ ނުރައްކާތަކެއްތޯ ބަލައި ދިރާސާ ކުރަން ކަމަށް ވެސް ވިދާޅުވިއެވެ.
ފަނޑިޔާރުންގެ ވިސްނުން ބަދަލުވީ ކީއްވެތޯ ސުވާލު އުފެދުން
ސަރުކާރަށް ގެއްލުންވާ ގޮތަށް ސުޕްރީމް ކޯޓުން އަޅަން މަސައްކަތް ކުރި ކަމަށް ރައީސް ތުހުމަތު ކުރައްވާ ކަންތައްތަކެއް ވިދާޅުވުމަށް ފަހު ދެން ވިދާޅުވީ އެކޯޓަށް އެފަދަ ބަދަލެެއް އައީ ކީއްވެތޯ ސަރުކާރުން ވިސްނަން ޖެހުނީ އެ ކަންތައްތަކާ ހެދި ކަމަށެވެ. އަދި ވިދާޅުވީ ސުޕްރީމް ކޯޓަށް ނުފޫޒު ވަންނަނީ އެއް ފަރާތަކުން ނޫން ކަަމަށް ގަބޫލުކުރަން ވެސް އެހިސާބުން ދަތިވި ކަމަށެވެ.
"އަޅުގަނޑުމެން ވިސްނަން ބޭނުންވީ ސުޕްރީމް ކޯޓުގައި މިއުޅެނީ ކޮންކަހަލަ ކަމެއް ވަދެގެންތޯ. ސުޕްރީމް ކޯޓަށް ނުފޫޒު ވަންނަނީ އެއް ފަރާތަކުން ކަމަށް ގަބޫލުކުރަން އަޅުގަނޑުމެންނަށް ދެން ދަތިވެއްޖެ. ކުއްލިއަކަށް ވުޖޫދުގައި ނެތް މައްސަލަތަކެއް ބަލަން ފަށާ. އަދި ވަރަށް ވަރުގަދައަށް ވަރަށް އަވަސް ވަރަށް ކުރުމުއްދަތެއްގައި މިކަންކަން ނިންމަން ސުޕްރީމް ކޯޓުން ބާރު އަޅުއްވަމުން ގެންދެވި،" ރައީސް ވިދާޅުވިއެވެ.
އެ ސުވާލުތައް އުފެދިފައި އޮއްވައި ޖުޑިޝަލް އެޑްމިނިސްޓްރޭޝަންގެ އެޑް މިނިސްޓްރޭޓަރު ހަސަން ސައީދު ފްލެޓެއް ގަތް މައްސަލައެއް ފުލުހުން ބަލަންް ފެށި ކަމަށާއި އޭނާއަކީ އުއްތަމަ ފަނޑިޔާރާ ގާތް ގުޅުމެއް އޮންނަ މީހެއް ކަމަށް ވެސް ވިދާޅުވިއެވެ.
"...ފެނިގެން ދިޔައީ ހުޅުމާލޭ ފްލެޓަށް، ފްލެޓް ބައްލަވައި ގަންނަވަން ފޮނުއްވާފައި އޮތް އެޕްލިކޭަޝަނެއް. އެއީ ހަމަ ކިތާބީ ހެކި އޮތް ސައްހަ މައްސަލައެއް. ހަމަ އެއާ އެއީ ފެނިގެން ދިޔައީ ސުޕްރީމްކޯޓުގެ އިސް ފަނޑިޔާރުގެ ހަމަ މި މައްސަލަ. ފްލެޓެއް ބައްލަވައިގަންނަވަން ހުށަހަޅުއްވާގައި ފައިސާ ދައްކާވާނެ ކަމުގެ ލިއުން، ކަށަވަރުކޮށްދެއްވާފައި،" އެމަނިކުފާނު ވިދާޅުވިއެވެ.
މީހުން ބަންދު ކުރުމުގެ އަމުރުތައް ކްރިމިނަލް ކޯޓުން ނުދިނުން
ރައީސް ވިދާޅުވި ގޮތުން ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމުގެ ކުރިން ސަރުކާރުން ބޭނުންވީ ޖުޑިޝަލް އެޑްމިނިސްޓްރޭޓާ ހަަސަން ސައީދު ފްލެޓް ބައްލަވައިގަންނަވަން އުޅުއްވި މައްސަލަ ކަމަށެވެ. ނަމަވެސް އެ މައްސަލަ ބަލަން އުޅުމުން އޭނާ ހައްޔަރުކޮށްގެން ގެނެވޭނެ މަގެއް ނުހޯދުނު ކަމަށާއި ކްރިމިނަލް ކޯޓުން ވެސް ގެންދިޔައީ ބަންދު އަމުރުތައް ބާތިލު ކުރަމުން ކަމަށެވެ.
"އަނެއްކާ ދައުލަތުން މިކަހަލަ ކަންކަމުގައި ތުހުމަތުގައި ނަގަން ބޭނުންވާ މީހުންނަށް ކުރީގައި ލިބެމުން އައި އުސޫލުން ބަންދުގެ އަމުރު ހޯދަން ދަތިވެގެން ދިޔައީ. އެހެންވީމާ އަޅުގަނޑުމެންނަށް ފެނިގެން ދިޔަައީ ޖުޑީޝަރީގެ ތެެރެއިން، ދައުލަތުން، ސަރުކާރުން ބަލަން ބޭނުން ވެފައި ހުރި އެއްވެސް މައްސަލައް ކުރިއަށް ގެންދެވޭނެ ޖާގަ ނުދެއްވީ،" އެމަނިކުފާނު ވިދާޅުވިއެވެ.
އަދި ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރެއްވީ އެފަަދަ ސަބަބުތަކާ ހެދި ނުބެލި ހުރި މައްސަލަތައް ބަލަން ވެގެން ކަމަށާއި އެ އެ މައްސަލަތައް ބަލަން ބޭނުންވީ (ރާވާފައި ވަނީ) ކިހާ ވަރެއްގެ ބަޣާވާތެއް ކަން ބަލަން ބޭނުން ވާތީ ކަމަށެވެ. އެހެން ކަމުން ސުޕްރީމް ކޯޓަށާއި ކްރިމިނަލް ކޯޓަށް އައި ބަދަލާއި އެގޮތުން ނެރުނު އަމުރުތައް އެމަނިކުފާނު ސިފަކުރެއްވީ ބަޣާވާތެއްގެ ގޮތުގައި ކަން ދޭހަ ވެއެވެ.
"މި ކުއްލި ނުރައްކަލުގެ ހާލަތަކީ ބިރުވެރި ހާލަތެއް ނޫން. ކުއްލި ނުރައްކަލުގެ ހާލަތުން ފަރުވާ ހޯދަން ބޭނުންވީ މި ދެންނެވި ނުބެލި ހުރި މައްސަަލަތައް ހައްލު ކުރުމަށް އެކަނި،" ރައީސް ވިދާޅުވިއެވެ.
އަސްލަކީ ސަރުކާރާ ޖުޑިޝަރީއާ އޮތް ކޯޅުން
ރައީސް ޔާމީނު މިއަދު ދެއްކެވި ވާހަކަފުޅުން މާ ސާފުކޮށް ވެސް އެނގުނީ މައްސަލައަކީ ސަރުކާރުން ބޭނުންވާ ބަޔަކު ބަންދުކޮށްފައި ބައިތިއްބަން ބޭނުންވާ މީހުން ބަންދު ކުރަން ޖުޑިޝަރީން ޖާގަ ނުދިނުން ކަމެވެ. ފަނޑިޔާރުން ފްލެޓް ބައްލަވައި ގަންނަވަން އުޅުއްވި މައްސަލަ ވެސް ފެންމަތި ކުރަން ޖެހުނީ އެހެންވެއެވެ. އެހެން ނޫނީ އެއީ ދެން ސުޕްރީމް ކޯޓުގެ ފުރާޅުމަތިން އަރައިގެން ރޭގަނޑު ދަންވަރު އުއްތަމަ ފަނޑިޔާރު އުފުރާލައިގެން ގެންދާ ވަރު މައްސަލައެއްތޯ ސުވާލު އުފެދެއެވެ.
ގަބޫލުކުރަން ޖެހޭ ހަގީގަަތަކީ ޖުޑިޝަރީގެ ކޮންޓްރޯލް ސަރުކާރަށް އޮންނަން ނުޖެހޭ ކަމެވެ. އެގޮތަށް ކޮންޓްރޯލް ނެތުމަކީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރަން ޖެހޭނެ ކަމެއް ނޫނެވެ.