ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީނު އަބުދުލް ގައްޔޫމަކީ ގާނޫނީ އިޖުރާއަތްތަކަށް ވަރަށް ވަރުގަދައަށް ލޯބި ކުރައްވާ ބޭފުޅެކެވެ. އާދައިގެ ވަރަކަށް ވުރެ ބޮޑަށް ސުވާލު އުފެދޭ ސުވާލު އުފެދޭ ފަދަ ޝަރީއަތްތަކަަކުން އިދިކޮޅު ސިޔާސީ ލީޑަރުންތައް ޖަލަށް އަޅައިލި އިރު އެމަނިކުފާނު ގެންދެވީ ގާނޫނީ އިޖުރާއަތްތަކުގެ ބޭނުން ކުރައްވަމުން ގެންދެވި އެވެ.
ސިޔާސީ ލީޑަރުން ޖަލަށް ލުމުން، ބައިނަލް އަގުވާމީ މުޖުތަމައުވެސް ހިމެނޭ ގޮތުން އެއްވެސް މީހަކު ކަންބޮޑުވުން ފާޅުކޮށްފި ނަމަ ރައީސް ޔާމީނު ދައްކަވަނީ ޝަރުއީ ނިޒާމާއި ގާނޫނީ އިޖުރާއަތްތަކެވެ. އަބަދުވެސް ވިދާޅުވަމުން ގެންދެވީ އެބޭފުޅުން ޖަލަށްލީ ޝަރުއީ ނިޒާމުގެ ތެރެއިން ކަމަށާއި އެކަމުގައި ސަރުކާރަށް ކުރެވޭނެ ކަމެއް ނެތް ކަމަށެވެ.
އެކަމަކު އެ ޝަރީއަތްތައްތަކުގެ ކުރިންް ހިންގި ތަހުގީގުތަކުގައި މީހުންނަށް ގޯނާކޮށް ބިރުދައްކައިގެން ބަޔާން ނެގި ކަމަށް ވެސް މީހުން ދިޔައީ ތުހުމަތު ކުރަމުންނެވެ. އަނެއްކާ ދައުލަތުގެ ވަކީލުން އެ މައްސަލަތައް ފައިލްކޮށް ޝަރީއަތަށް ފޮނުވައި ހެދީ ވެސް ގަބޫލު ނުކުރެވޭހާ އަވަހަށެވެ. އޭރުގައި ޝަރުއީ ނިޒާމު ވަރަށް ގާބިލެވެ. މަސައްކަތް ވަރަށް ހަލުތްވެވެ.
ހުކުމްތަކުގައި ބެދިފައި ތިއްބެވި ސިޔާސީ ލީޑަރުން ރައީސް ޔާމީނު އޭރު ވިދާޅުވަމުން ގެންދެވީ މިނިވަން ވެވަޑައިގަންނަވަން އެދިވަޑައިގަންނަވާ ނަމަ ޝަރުއީ ނިޒާމުގެ ތެރެއިން ކުރިއަށް ވަޑައިގެންނެވުމަށެވެ. ޝަރުއީ ނިޒާމަށް ސަރުކާރުންް ނުފޫޒުފޯރުވާ ކަމަށް ބައިނަލް އަގުވާމީ މުޖުތަމައުން ކުރަމުން ދިޔަ ތުހުމަތުތަކަށް އެމަނިކުފާނު ގެންދެވީ ފާޅުގައި އިންކާރު ކުރައްވަމުންނެވެ.
އަދި އަބަދުވެސް ވިދާޅުވަމުން ގެންދެވީ "ރާއްޖޭގެ ދާހިލީ ކަންކަމުގެ ތެރެއަށް ވަންނަން ބައެއް ގައުމުތަކުން މަސައްކަތް ކުރާ" ކަމަށެވެ. އެއީ ރާއްޖޭގެ ސިޔާދަތަށް ގެއްލުންވާނެ ކަމެއް ކަމަށް ވެސް ގެންދެވީ ވިދާޅުވަމުންނެވެ.
ބައިނަލް އަގުވާމީ މުޖުތަމައުން ފާޑެއް ކިޔާ ކޮންމެ ފަހަރަކު އެއަށް ރައްދުދޭން ސަރުކާރުން ނެރޭ ބަޔާންތަކުގައި ގިނައިން އޮންނާނީ ޝަރުއީ ނިޒާމު، ގާނޫނީ އިޖުރާއަތްތައް އަދި ގާނޫނުގެ ވެރިކަން ފަދަ އިބާރާތްތަކެވެ.
"މި ސަރުކާރުގައި ސިޔާސީ ކުށްވެރިންނެއް ނުތިބޭނެ. ޑިމޮކްރަސީގެ ހަމަތަކާ ހިލާފަށް، ގާނޫނުގެ ބޭރުން ސިފައިން ފޮނުވައިގެން މީހަކު މި ސަރުކާރުން ހައްޔަރެއް ނުކުރޭ. ނުވެސް ކުރާނެ،" ޕީޕީއެމްގެ ރަސްމިއްޔާތެއްގައި ރައީސް ޔާމީން ވިދާޅުވެފައި ވެއެވެ.
ކޯޓުން ކުރާ އަމުރުތަކާ ބެހޭ ގޮތުން އެންމެ ފަހުން ރައީސް ޔާމީނު ވާހަކަފުޅު ދެއްކެވީ ޖެނުއަރީ މަހުގެ 29 ވަނަ ދުވަހުގެ ރޭ ޕީޕީއެމުން ބޭއްވި ޖަލްސާގަ އެވެ. އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވި ގޮތުގައި ކޯޓުން އަމުރެއް ކުރީމާ އެ އަމުރާ ދޭތެރޭގައި ސުވާލު ނުއުފައްދާ ތަންފީޒުކުރާ ބަޔަކަށް ފުލުހުން ވާން ޖެހޭނެ އެވެ.
"އެކަން އަޅުގަނޑުމެންގެ ތެރޭގައި ހަނދާން ނެތޭ ކަމަށް ވަންޏާ އެކަން ރަނގަޅު ކުރަން ރައީސުލް ޖުމްހޫރިއްޔާއަށް މަޖުބޫރުވޭ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވެފައިވާ ގޮތުގައި ފުލުހުންނަކީ އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) ފަދަ މިނިވަން މުއައްސަސާއެއް ނޫނެވެ.
"ފުލުހުންނަކީ ގާނޫނު ތަންފީޒު ކުރަން އޮތް ތަަންފީޒީ އިދާރާއެއް. އެއީ ސިޔާސީ ފިކުރަށް ޖާގަ ދެވޭ ބައެއް ނޫން. އެހެންވީމާ އަޅުގަނޑުމެންގެ ތެރޭގައި ހާލަތު މިހުރީ މިގޮތަށް،" ރައީސް ވިދާޅުވި އެވެ.
ޝަރުއީ ނިޒާމަށް ސަރުކާރުން ނުފޫޒު ނުފޯރުވާނެ ކަމަށް އެމަނިކުފާނުހާ ގިނައިން ވިދާޅުވި ލީޑަރަކު ރާއްޖޭގައި ނުހުންނާނޭ ބުންޏަސް ހެޔޮ ވާނެ އެވެ. އެހާވެސް ގިނައިން އެމަނިކުފާނު ވަނީ އެ ޔަގީންކަން ދެއްވާފައެވެ. ޝަރުއީ ނިޒާމާއި ފުލުހުންގެ މިނިވަންކަމަކީ އެމަނިކުފާނުގެ އެޖެންޑާގެ އެންމެ ކުރީގައި އޮންނަ އެއް ކަންތަކެވެ.
ނަމަވެސް ކޯޓުން ކުރާ އަމުރަށް ތަބާ ވެވަޑައިގެންނެވުމާއި ކޯޓުތަކާ ދޭތެރޭ ސުވާލު ނޫފެއްދެވުމުގައި ރައީސް ޔާމީނުގެ އިހުލާސްތެރިކަން އޮތް ވަރު މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން މިދަނީ ފެންނަމުންނެވެ. އެކި އެކި ހުކުމްތައް ކޮށް ޖަލަށް ލާފައިވާ ސިޔާސީ ބައެއް ލީޑަރުންނާއި އެނޫން ބައެެއް މީހުން ވަގުތުން މިނިވަން ކުރަން ކުރި އަމުރަށް އެހުންނަނީ ބީރު ކަންފަތްޕުޅެއް ދެއްވައިގެންނެވެ.
ސުޕްރީމްކޯޓުގެ އަމުރު ތަންފީޒުނުކޮށް ސަރުކާރުން ގެންދަނީ ބަހަނާއަކަށް ފަހު ބަހާނެއް ދައްކަމުންނެވެ. ބައިނަލް އަގުވާމީ މުޖުތަމައުގެ ގޮވައިލުން ތަަކަށް މިފަހަރަކު ޖަވާބެއް ނުވެސް ދެއެވެ. ރާއްޖޭގެ ޝަރުއީ ކަންކަމުގައި ފަހުބަސް ބުނާ އެކޯޓުގެ އަމުރު ތަންފީޒުނުކޮށް އޮވެގެން ދޭނެ ޖަވާބެއް އޮންނާނެ ކަމަކަށް ގަބޫލެއް ނުވެސް ކުރެވެއެވެ.