އެކި އެކި ހުކުމްތައް ކޮށް ޖަލަށް ލާފައިވާ ސިޔާސީ ލީޑަރުން މިނިވަން ކުރަން ގޮވާލައި މާފުށީ ޖަލުގެ ބޭރުގައި މުޒާހަރާ ކުރަމުން އެބަ ދެއެވެ.
މާފުށީ ޖަލުގެ ބޭރުގައި ކުރަމުންްދާ މުޒާހަރާގައި އިސްކޮށް އުޅުއްވަނީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފެވެ. އެ މުޒާހަރާގައި ބައިވެރިވި މީހުން ވަނީ ސުޕްރީމްކޯޓުގެ އަމުރު ތަންފީޒުކުރަން ގޮވާލައި ޝުއޫރުތައް ލިޔެފަައިވާ ބޯޑުތައް ހިފައިގެން ޖަލުގެ މައި ދޮރާށި ކައިރީގައި އަޑު އުފުަލާފައެވެ.
ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި މިހާރު ބަންދުކޮށްފައި ތިބި ސިޔާސީ ބޭފުޅުން ވަގުތުން ދޫކޮށްލުމަށް ވަނީ އަމުރުކޮށްފަ އެވެ. ނަމަވެސް އެ އަމުރު ތަންފީޒު ނުކޮށް ސިފައިންގެ ހެޑްކުއާޓަރުގައި ބައެއް މިނިސްޓަރުން ތިއްބަވައިގެން ޓީވީ އެމް މެދުވެރިކޮށް ދެއްވި ބަޔާނުގައި ބަންޑާރަ ނައިބު މުހައްމަދު އަނިލް އެ އަމުރު ސިފަ ކުރެއްވީ، "ސުޕްރީމް ކޯޓުން ނެރުނު ކަމަށް ބެލެވޭ އަމުރެއްގެ" ކަމަށެވެ. އެ އަމުރުގެ ސައްހަކަން ބަލަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.
ނަމަވެސް އެއީ ކަންތައް ކުރެވޭނެ ގޮތެއް ނޫން ކަމަށް ގާނޫނީ މާހިރުންނާއި ރާއްޖޭގެ އިދިކޮޅު ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. ކުރީގެ އުއްތަމަ ފަނޑިޔާރު ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒުކުރުމުގައި ބަންޑާރަ ނައިބާއި ޕްރޮސިކިއުޓާ ޖެނަރަލްގެ ސީދާ ދައުރެއް ނޯންނާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ވޯޓަކުން އުއްތަމަ ފަނޑިޔާރުކަމުން ވަކި ކުރި، ފާއިޒް މިއަދު ވިދާޅުވީ، ސުޕްރީމް ކޯޓުގެ އަމުރާމެދު ހިޔާލު ތަފާތުވުމުގެ ޖާގައެއް އޮތް ކަމަށްވީ ނަމަވެސް އަމުރަށް ތަބާވުން ލާޒިމް ވާނެ ކަމަށެވެ.
"އަމުރު ތަންފީޒު ކުރުމުގަ އޭޖީ، ޕީޖީގެ ސީދާ ދައުރެއް ނޯންނާނެ، އަމުރު ތަންފީޒުކުރުމުގަ ބަލަންޖެހޭ ޑިއު ޕްރޮސެސްއަކީ އަމުރުގަވާ ގޮތަށް އަމަލު ކުރުން،" ފާއިޒް ވިދާޅުވި އެވެ.
ސުޕްރީމްކޯޓުގެ އަމުރު ތަންފީޒު ކުރަން ބައިނަލް އަގުވާމީ މުޖުތަމައުން ވެސް އަންނަނީ ސަރުކާރަށް ގޮވައިލަމުންނެވެ. އެގޮތުން އދ. އާއި ޔޫރަޕިއަން ޔޫނިއަން( އީޔޫ) އާއި އިނގިރޭސިވިލާތާއި އެމެރިކާއާއި އަވަށްޓެރި ސްރީލަންކާއާއި އިންޑިއާއިން ވެސް ވަނީ އެ އަމުރު ތަންފީޒުކުރަން ސަރުކާރަށް ގޮވާލާފައެވެ.