ވިޔަފާރި

ތުނބުރީގައި ތިން ބީޗް ރިސޯޓު ހަދަން ބީލަމަށް ހުޅުވާލައިފި

Dec 20, 2014

ގެސްޓް ހައުސް އައިލެންޑުގެ ގޮތުގައި ތަރައްގީ ކުރާ ލ. ތުނބުރީގައި ތިން ބީޗް ރިސޯޓު ހަދަން މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބީލަމަށް ހުޅުވާލައިފި އެވެ.

އެމްއެމްޕީއާރުސީން ބުނި ގޮތުގައި ތުނބުރީގައި ތަރައްގީކުރާ ބީޗް ރިސޯޓްތަކަށް ބީލަށް ހުށަހެޅުމުގެ ފުރުސަތު އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

ތުނބުރީގައި ތަރައްގީކުރާ ތިން ރިސޯޓް ތަރައްގީ ކުރަނީ މޫދުގައި ކޮޓަރި އަޅައިގެންނެވެ. މި ރިސޯޓުގައި ހަދާ ކޮންމެ ރިސޯޓެއްގައި 100 އެނދު ހުރެ އެވެ.

މެދު ފަންތީގެ ޓޫރިޒަމަށް އަމާޒުކޮށްގެން ތަރައްގީކުރާ ތުނބުރީގައި ގެސްޓް ހައުސްގެ ބައި ހަދަނީ ރަށު ތެރޭގަ އެވެ. މި މަޝްރޫރުގެ ދަށުން ދަށުން ތަރައްގީކުރާ 20 ޕްލޮޓަށް 16 ފަރާތަކުން ކުރިމަތިލާފައިވެ އެވެ.

އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިއަތު ވިދާޅުވި ގޮތުގައި މި މަޝްރޫއަށް ގިނަ ބަޔަކު ދަނީ ޝައުގުވެރިކަން ފާޅު ކުރަމުންނެވެ. މި މަޝްރޫއުގެ ދަށުން ހަދާ ގެސްޓް ހައުސް ޕްލޮޓްތަކަށް ކުރިމަތިލެވެނީ ހަމައެކަނި ދިވެހިންނަށް ކަމަށް އޭނަ ވިދާޅުވި އެވެ.

ނަމަވެސް ބީޗް ރިސޯޓްތަކަށް ބޭރުގެ ފަރާތްތަކުން ވެސް ކުރިމަތިލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޒިއަތު ވިދާޅުވި ގޮތުގައި ގެސްޓް ހައުސް އައިލެންޑުގައި ކޮޓަރިތައް ވިއްކާނީ ރެއަކަށް 150 ޑޮލަރާއި 300 ޑޮލަރާ ދެމެދުގެ އަގުތަކެއްގައި ކަމަށެވެ.

ގެސްޓް ހައުސް މަޝްރޫއުގެ ދަށުން ބިން ކުއްޔަށް ދޫކުރާނީ 25 އަހަރަށެވެ.