ހަބަރު

ކޯޓުން މެންބަރު އިލްހާމް ވެސް މިނިވަންކޮށްފި

ރާއްޖެ ވަޑައިގަތްތަނުން އެއާޕޯޓުން ހައްޔަރު ކުރި ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދު މިނިވަން ކުރަން ކްރިމިނަލް ކޯޓުން ދާދި ދެންމެއަކު ހުކުމް ކޮށްފި އެވެ.

އިލްހާމް އިއްޔެ މެންދުރު ރާއްޖެ އައި ވަގުތު އެއާޕޯޓުން ހައްޔަރު ކުރީ ތަހުގީގު ކުރާ މައްސަލައަކާ ގުޅިގެން ކޯޓް އަމުރެއްގެ ދަށުން އެވެ. ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރުނެތް ކަމުގެ މައްސަލައިގައި ސޮއިކުރެއްވުމަށް ފަހު ރާއްޖެއިން ބޭރަށް ވަޑައިގެން ސިނާން އާއި އިލްހާމް ހޯދަން ފުލުހުން މީގެ ކުރިން ވެސް އިއުލާން ކުރި އެވެ. އެ މީހުން ހޯދަން އިއުލާން ކުރީ، ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫންގެ މައްޗަށް ކުރާ ތުހުމަތުގަ އެވެ.

"ސުޕްރީމް ކޯޓުގެ އަމުުރު ވީ އެންމެ އަވަހަކަށް ތަންފީޒު ކުރަން ގޮވާލަން، ތަންފީޒު ނުކުރާ ނަމަ އެފަރާތްތަކާއި ގާނޫނު އަރާ ހަމަ ކުރާނެ، ސުޕްރީމް ކޯޓް އަމުރު ތަންފީޒު ކުރަން ފުލުހުންނާއި ސިފައިންނަށްވެސް ގޮވާލަން، އެބޭފުޅުން ބޭނުންވީ މައްސަލަ ނިމެންދެން ބަންދުގައި ބެހެއްޓުމަށް،" ނޫސްވެރިންނާ ބައްދަލު ކުރައްވާ އިލްހާމް ވިދާޅުވި އެވެ.

އިލްހާމްވެސް އިއްޔެ ހައްޔަރުކޮށްފައިވަނީ މައްޗަންގޯޅީ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާން އާއެކު އެވެ. ސިނާންވެސް ވަނީ ކޯޓުން މިނިވަން ކޮށްފަ އެވެ. އިއްޔެ އެއާޕޯޓުން އެދެބޭފުޅުން ހައްޔަރު ކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މީގެ ކުރިން އެދެބޭފުޅުން ފުލުހަށް ހާޒިރުވާން ވަނީ އަންގާފަ އެވެ. ނަމަވެސް ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހުގެރޭ ނެރުނު އަމުރާއި ގުޅިގެން ފުލުހުން ވަނީ އެދެބޭފުޅުން ހާޒިރުވާން އެންގި އަމުރު ބާތިލް ކޮށްފަ އެވެ.