އިލްހާމް އަހުމަދު

އިލްހާމް އަމިއްލައަށް ފުލުހަށް ހާޒިރުވެއްޖެ

މީގެ ތިން ދުވަސް ކުރިން ފުލުހުން ހޯދަން އިއުލާންކުރި، ދަނގެތި ދާއިރާގެ މެންބަރު އިލްހާމް އަހުމަދު މިއަދު އަމިއްލައަށް ފުލުހަށް ހާޒިރުވެ ހައްޔަރުވެއްޖެ އެވެ. އޭނާ ފުލުހަށް ހާޒިރުވީ މިއަދު 11:37 ހާއިރު އެވެ.

އިލްހާމް ފުލުހަށް ހާޒިރުވެފައި މިވަނީ އޭނާގެ އަންހެނުން ރޭ ހައްޔަރު ކޮށް ދޫކޮށްލާފައިވެސް ވަނިކޮށެވެ. ނަމަވެސް މިއަދު ހެނދުނު އޭނާގެ އަންހެނުން ފުލުހަށް ހާޒިރު ކުރި އެވެ. އިލްހާމްގެ ކޮއްކޮގެ ފޯނު ވެސް ހިފަހައްޓާފައި ވެއެވެ.

އިލްހާމްއަށް ކުރާ ތުހުމަތު ރޭ ފުލުހުން ވަނީ ހާމަކޮށްފަ އެވެ. ތުހުމަތަކީ، ސަރުކާރު ވައްޓާލަން މަސައްކަތް ކުރުމުގެ ތުހުމަތެވެ.

މީގެ ކުރިން އިލްހާމް ރާއްޖެ އައިތަނުން ވަނީ އެއާޕޯޓުން ހައްޔަރުކޮށްފަ އެވެ. އެހެން ނަމަވެސް އޭރު ކްރިމިނަލް ކޯޓަށް މުއްދަތު ޖަހަން ގެންދިޔުމުން އެ ކޯޓުން ވަނީ އޭނާ ދޫކޮށްލައިފަ އެވެ. އިލްހާމްއާ އެކު ރާއްޖެއަށް ވަޑައިގަތް މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާން ހޯދަން ހުކުރު ދުވަހު އިއުލާން ކުރުމުން އޭނާ ވަނީ އަމިއްލައަށް ފުލުހަށް ގޮސް ހައްޔަރުވެފަ އެވެ.

ސިނާންގެ މައްޗަށް ކޮށްފައިވާ ތުހުމަތަކީ ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު މަޖިލީހުގެ ތެރެއިން ވައްޓާލުމަށް ޓަކައި ރިޝްވަތުގެ ގޮތުގައި ފައިސާ ހިފައި ގާނޫނާ ހިލާފަށް ވެރިކަން ވައްޓާލުމަށް ރޭވުމުގައި އަމަލީ ގޮތުން ބައިވެރިވެފައިވުމެވެ. އަދި އޭނާގެ މައްޗަށް ހަމައެކަނި ލިބިފައިވާ ހެއްކަކީ ސިއްރު ހެކިވެރިއެއްގެ ހެކިބަހެވެ. ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫންގެ މައްޗަށް ވެސް ކުރަނީ ހަމަ އެ ތުހުމަތުތަކެވެ.