ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ ސިޔާސީ ހަލަބޮލިކަން ފިލައި ހަމަ ޖެހުން ލިބެންދެން ރާއްޖެއަށް ދަތުރު ނުކުރަން އެގައުމުގެ ސަރުކާރުން ލަފާ ދީފިއެވެ.
ރޮއިޓާސް ބުނީ ޗައިނާއިން އެގައުމުގެ ރައްޔިތުންނަށް އެގޮތަށް ލަފާ ދީފައިވާކަން ހާމަ ކުރެއްވީ އެގައުމުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނެއް ކަަމަށްވާ ގެން ޝުއާން މިއަދު ދުވަހު ބޭއްވެވި ޕްރެސް ބްރީންފިންއެއްގައި ކަމަށެވެ.
" ކައިރި މުސްތަގުބަލެއްގައި ދިވެހިރާއްޖެއަށް ދަތުރުކުރަން ތައްޔާރުވެގެން ތިބި ޗައިނާގެ ރައްޔިތުންނަށް ޗައިނާއިން ލަފާ ދެނީ އެތަނަށް ހަމަޖެހުން ލިބެންދެން ދަތުރު ލަސްކުރަން،" ގެން ޝުއާން ވިދާޅުވި ކަަމަށް ރޮއިޓާސްގެ ހަބަރުގައި ވެއެވެ.
މި ދުވަސް ވަރަކަކީ ޗައިނާގެ އާ އަހަރުގެ ބަންދުގައި ގިނަ ބަޔަކު ރާއްޖެއަަށް ދަތުރުކުރާ ދުވަސްވަރެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
ރާއްޖެއަށް ދަތުރު ނުކުރަން ޗައިނާ ސަރުކާރުން މިއަދު ލަފާ ދިނުމުގެ ކުރިން އެގައުމުން ވަނީ ހުކުރު ދުވަހު ޓްރެވެލް އެޑްވައިޒަރީއެއް ވެސް ނެެރެފައެވެ. އޭރު ޓްރެވެލް އެޑްވައިޒަރީ ނެރުނީ މިހިނގާ ފެބްރުއަރީ މަހުގެ ނުވަ ވަނަ ދުވަހާ ހަމައަށެވެ.
ޗައިނާއަކީ ރާއްޖެއަށް އެއް ގައުމަކުން އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމެވެ.
އެކި އެކި ހުކުމްތައް ކޮށްފައިވާ ސިޔާސީ ބައެއް ލީޑަރުންނާއި އެހެން ބައެއް މީސް މީހުން މިނިވަން ކުރަން ސުޕްރީމް ކޯޓުން ކުރި އަމުރަކަށް ސަރުކާރުން ގޮން ޖަހަމުން ދާތީ ރާއްޖޭގެ ސިޔާސީ މަޝްރަހު ވަނީ ހަލަބޮލިވެފައެވެ. ނަމަވެސް ރާއްޖޭގައި ބާއްވަމުންދާ އެއްވުންތައް އަދި ކުރިއަށް ދަނީ ސުލްހަވެރިކޮށެވެ. ރާއްޖެ ހަލަބޮލިވުމުން އެމެރިކާއާއި އިނގިރޭސިވިލާތުން ވެސް ވަނީ އެގައުމުގެ ރައްޔިތުން ސަމާލުވާން އަންގާފައެވެ.