ހަބަރު

އިންޑިއާއިން ރާއްޖެއަށް ސިފައިން ފޮނުވައިފި ނަމަ ހުއްޓުވާނަން: ޗައިނާ

އިންޑިއާއިން ރާއްޖެއަށް ސިފައިން ފޮނުވައިފި ނަމަ އެކަން ހުއްޓުވަން ފިޔަވަޅު އަޅާނެ ކަަމަށް ބުނެ ޗައިނާއިން އިންޑިއާއަށް އިންޒާރު ދީފިއެވެ.

ޗައިނާ ސަރުކާރުގެ ގްލޯބަލް ޓައިމްސް ނޫހުގައި އިއްޔެ ލިއުނު އެޑިޓޯރިއަލްއެއްގައި ބުނެފައި އަމިއްލަ އަމިއްލައަށް ފިޔަވަޅު އަޅާ ހާލަތެއްގައި އެކަމާ ޗައިނާއިން ދެކޮޅު ހަދާނެ ގޮތް އިންޑިއާއިން މާކުޑަކޮށް އަންދާޒާކޮށްގެން ނުވާނެ ކަމަށެވެ.

ގްލޯބަލް ޓައިމްސްގައި ލިޔާ އެޑިޓޯރިއަލް ތަކަކީ ޗައިނާ ސަރުކާރުގެ ބުނުންތަކުގެ ގޮތުގައި ބައިނަލް އަގުވާމީ މީޑިއާތަކުން އަބަދުވެސް ނަގައެވެ. ޗައިނާއިން އެކަމަކާ ދެކޮޅެއް ވެސް ނުހަދައެވެ.

"ޔޫއެން އިން ހުއްދަ ދީގެން ނޫންް ގޮތަކަށް ހަތިޔާރު އެޅި ބާރުތަކުން (ރާއްޖޭގެ ކަންތަކުގެ ތެރެއަށް) ވަންނާނެ ރަނގަޅު އެއްވެސް ސަބަބެއް ނޯންނާނެއެވެ. ދިވެހިރާއްޖޭގެ ދާހިލީ ކަންތައްތަކުގެ ތެރެއަކަށް ޗައިނާއަކުން ނުވަންނާނެއެވެ. އެކަމަކު އޭގެ މާނައަކީ ނިއުދިއްލީ އިން އުސޫލުތައް މުގުރާލާއިރު ޗައިނާއިން އަތް އުރާލައިގެން ތިބުމެއް ނޫނެވެ. އިންޑިއާއިންް އެކަނިން ދިވެހިރާއްޖެއަށް ސިފައިން ފޮނުވައިފި ނަމަ ނިއުދިއްލީ ހުއްޓުވަން ޗައިނާއިން ފިޔަވަޅު އަޅާނެއެވެ،" ގްލޯބަލް ޓައިމްސްގެ އެޑިޓޯރިއަލް ވެއެވެ.

ލިއުމުގައި ބުނެފައި ވަނީ އިންޑިއާއިން ރާއްޖެއަށް ނުފޫޒު ފޯރުވަން ފެށީ 1988 ވަނަ އަހަރު ކުރި ބަޣާވާތް ހުއްޓުވަން އޭރުގެ ސަރުކާރުން އެދުމުން އެހީތެރިވި ހިސާބުން ކަމަށެވެ. އެހިސާބުން ފެށިގެން ރާއްޖޭން އައީ ސަލަމާތީ ކަންކަމުގައި އިންޑިއާއަށް ބަރޯސާ ކުރުމުން ކަަމަށާއި އިންޑިއާއިން ކިބުރުވެރިވީ އެހެންވެ ކަމަށް ވެސް ބުނެފައި ވެއެވެ.

"ދިވެހިރާއްޖޭގެ ރައީސް އަބުދުﷲ ޔާމީނު 2013 ވަނަ އަހަރު މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން އެގައުމުން ވަނީ ޔޫއެސް، ޗައިނާ، ސައުދީ އަރަބިއްޔާ އަދި ޕާކިސްތާނާ އެކު ދުރާލާ މުއާމަލާތް ކުރަންް ފަށާފައެވެ. އަދި މަޑުމަޑުން މާ މިނިވަން އަދި ތިލަފަތް ހަމަ ހާރިޖީ ސިޔާސަތަކަށް ވަނީ މިސްރާބު ޖަހާފައެވެ،" ލިއުމުގައި ވެއެެވެ.

ޗައިނާއިން މިމޭރުމުން ވާހަކަ ދައްކާފައި ވާއިރު ރާއްޖެއަށް ސިފައިން ފޮނުވާނެ ކަަމަކަށް އިންޑިއާއިން އަދި ރަސްމީކޮށެއް ނުބުނެއެވެ. އެކަމާ މަޝްވަރާ ކުރާ ކަމެއް ނުވަތަ ނޫން ކަމެއް ވެސް ނުބުނެއެވެ. ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ސަރުކާރުން ރާއްޖޭގައިި ކުއްލި ހާލަތު އިއުލާނުކޮށް އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކުރުމުން ސިފައިން ފޮނުވަން ގޮވައި ލެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. ނަމަވެސް އެމަނިކުފާނުގެ ގޮވައިލެއްވުމަށް އިންޑިއާ ސަރުކާާރުން އެއްވެސް ޖަވާބެއް އަދި ނުދެއެވެ.

ނަމަވެސް ގްލޯބަލް ޓައިމްސްގެ ލިއުމުގައި ބުނެފައި ވަނީ ރާއްޖެއަށް ސިފައިން ފޮނުވުމާ މެދު އިންޑިއާއިން މަޝްވަރާކުރަމުން އަންނަ ކަމަށެވެ. އަދި ބުނެފައި ވަނީ އިންްޑިއާއިން އެވާހަކަ ދައްކަނީ ފާޅުގައި ކަމަށެވެ.