އިންޑިއާ

ރާއްޖޭގެ ކަންކަމަށް ނުވަންނަން ނިންމީ ވިސްނާފައި: އިންޑިއާ އާމީ ޗީފް

ދިވެހި ރާއްޖޭގައި އުފެދުނު ސިޔާސީ ގަޑުބަޑާއެކު ރާއްޖޭގެ މައްސަލައިގެ ތެރެއަށް އަސްކަރީ ގޮތުން ނުވަންނަން ނިންމީ ރަނގަޅަށް ވިސްނާފައި ކަމަށް އިންޑިއާގެ އާމީ ޗީފް ޖެނެރަލް ބިޕިން ރަވާތު ވިދާޅުވެއްޖެ އެވެ.

ކެރެލާގެ ކޮޗީގައި މަރުކަޒު ހުންނަ "ދަ މަލަޔާލަ މެނަރޯމާ" ނޫހުން ނެރޭ މަޖައްލާއެއް ކަމަށްވާ "ދަ ވީކް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޖެނެރަލް ރަވާތު ވިދާޅުވީ ރާއްޖެއަށް އަސްކަރީ ފިޔަވަޅު ނާޅަން ނިންމީ ރަނގަޅަށް ވިސްނާފައި ކަމަށާއި އެހެން ނަމަވެސް އެއީ ރަނގަޅު ނިންމުމެއްކަން ނުވަތަ ނޫންކަން އެނގޭނީ ވެސ އަދި ފަހުން ކަމަށެވެ.

"އިންޑިއާގެ ޑިޕްލޮމޭޓުންނާއި ސިޔާސީ އެންޓައިޓީ އިން ދިވެހިރާއްޖޭގެ ކަންތައްތައް ބެލި. އަދި އެމީހުންނަށް އެންމެ ރަނގަޅު ގޮތް ކަމަށް ފެނުނު ގޮތަށް އަމަލުކުރީ،" ޖެނެރަލް ރަވާތު ވިދާޅުވި ކަމަށް ދަ ވީކްގެ އެ ރިޕޯޓުގައި ބުނެފައި ވެއެވެ.

ދަ ވީކް މަޖައްލާއިން މިދިޔަ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު ޖެހި ރިޕޯޓެއްގައި އިންޑިއާގެ އަަސްކަރީ އޮފިޝަލުންނާ ހަވާލާދީ ބުނެފައި ވަނީ ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމުން ރާއްޖެއަށް އަސްކަރީ ފިޔަވަޅު އަޅަން އިންޑިއާ ސިފައިން އޭރު ތައްޔާރުވި ކަމަށެވެ.

އެގޮތުން ބެންގަލޫރުގުގެ ކައިރީގައިވާ ވައިގެ މަރުކަޒެެއްގައި ރާއްޖެއަށް ދަތުރު ކުރުމަށް ދެ މަތިންދާބޯޓެއް ވެސް ތައްޔާރީ ހާލަތަކަށް ގެނައި ކަމަށާއި ސްޕެޝަލް ފޯސަސްގެ ފައުޖެއް ވެސް ތައްޔާރީ ހާލަތަށް ގެނައި ކަމަށް އެ ރިޕޯޓުގައި ބުނެފައި ވެެއެވެ. މުމްބާއީ ބަނދަރުގައި އެ ވަގުތު އޮތް ބަައެއް މަނަވަރުތައް ކޮޗީއަށް ފޮނުވި ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައި ވެއެވެ.

ރިޕޯޓުގައި ބުނެފައިވަނީ ރާއްޖޭގެ މައްސަލައިގެ ތެރެއަށް ނުވަނުމަށް ޗައިނާއިން އިންޑިއާއަށް އޭރުގައި އިންޒާރުކުރީ ސެޓެލައިޓް މެދުވެރިކޮށް އިންޑިއާ ސިފައިންގެ ހަރަކާތްތައް ބެލުމަށް ފަހުގައި ކަމަށް ވުން ވެސް އެކަށީގެންވާ ކަމަށެވެ.

އެކެއް ފެބްރުއަރީގެ އަމަރު ތަންފީޒު ނުކުރުމުން އިންޑިއާއިން އަސްކަރީ ގޮތުން ރާއްޖޭގެ މައްސަލައިގެ ތެރެއަށް ވަންނަން ގޮވައިލެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. އެ މަނިކުފާނު ސްރީލަންކާގައި ހުންނަވައިގެން މިހާރު ގޮވާލައްވަނީ މީހުން އެއްވުމަށެވެ.