ހަބަރު

ރާއްޖެއިން އިންޑިޔާއަށް: އުނދަގޫ ހާލަތު އިތުރަށް ގޯސް ނުކުރޭ

މިއީ ރާއްޖޭގެ ތާރީހު ދުށް އެންމެ ދަތި އުނދަގޫ ވަގުތު ކަމަށާއި މި ދަނޑިޅުގައި މައްސަލަ ހައްލު ކުރުމަށް އިތުރަށް ބުރޫ އަރާފަދަ ކަންކަން ނުކުރުމަށް ދިވެހި ސަރުކާރުން އިންޑިޔާއަށް ގޮވާލައިފި އެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ ރާއްޖޭގެ ހާލަތާ ގުޅޭ ގޮތުން އިންޑިޔާއިން ބަސް ބުނަމުން އަންނަނީ ކަން ހިނގައި ގޮތުގެ ހަގީގަތެއް ބެލުމެއް ނެތި ކަމަށާއި ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރު ކުރީ ގާނޫނާ ހިލާފަށް ކަމަށް ބުނެ އެ ގައުމުން ނެރުން ހަރުކަށި ބަޔާނަކީ ވެސް ކަނޑައެޅިގެން ރާއްޖޭގެ ގާނޫނުތަކަށް ބެލުމެއް ނެތި ހަގީގަތާ ހިލާފު ބަޔާނެއް ކަމަށެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަަތު ހަމަވުމުގެ ކުރިން އެކަން މަޖިލީހަށް ހުށަހަޅާ މުއްދަތު އިތުރުކޮށްފައިވާނީ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް ކަމަށާއި އޭގެ ސައްހަ ކަން އިތުރަށް ކަނޑައެޅުމަށް ސުޕްރީމް ކޯޓަށް ވެސް ހުށަހަޅާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. އޭގެ އިތުރުން ކުރިން ހިފަހައްޓާފައިވާ ގާނޫނުގެ ބައެއް މާއްދާތައް ވެސް މަޖިލީހުން ދޫކުރުމަށް ފާސްކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

"ޝަައްކެތް ނެތް ގޮތުގައި މިއީ ރާއްޖޭގެ ތާރީހު ދުށް އެންމެ ދަތި އުނދަގޫ ވަގުތު، މި ދަނޑިވަޅުގައި އިންޑިޔާ ފަދަ ރާއްޖޭގެ އެކުވެރި ގައުމުތަކުން މި މައްސަލަތައް ހައްލު ކުރުމަށް ބުރޫ އަރާފާނެ ކަންކަން ނުކުރުން ވަރަށް މުހިންމު،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

ފޮރިން މިނިސްޓްރީން ބުނީ ކުރިޔަށް އޮތްތަނުގައި ވެސް ސަރުކާރުން މަސައްކަތް ކުރާނީ އިންޑިޔާ އާއި ބޭރުގެ އެހެން ގައުމުތަކާ އެކުގައި ކަމަށާއި އެ ގައުމުތަކުގެ ކަންބޮޑުވުންތައް ވެސް ބަލައިގަންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވާ ކަމަށެވެ.

މަޖިލީހުން ގަރާރު ފާސްކުރީ 38 މެންބަރުންގެ ވޯޓާއެކު އެވެ. ވޯޓު ނެންގެވިއިރު މަޖިލީހުގައި ތިއްބެވީ ވެސް 38 މެންބަރުންނެވެ. ގާނޫނު އަސާސީގެ 87 ވަނަ މާއްދާގެ (ށ)ގައި ބުނެފައިވަނީ ރައްޔިތަކު އެއަށް އަމަލުކުރަން ޖެހޭ ކަމެއް ފާސްކުރަން ޖެހޭނީ މަޖިލީހުގެ މެންބަރުންގެ ދެބައިކުޅަ އެއްބައި މެންބަރުން ތަޅުމުގައި ތިއްބަވައިގެން ކަމަށެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 38 ވަނަ މާއްދާގައި އެކަންކަމަކީ ގާނޫނުތައް ފާސްކުރުމުގައި އެކަނި ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ވަނީ ވޯޓު ނަންގަވައި އެ ވޯޓު ސައްހަ ވާނެ ކަމަށް ވިދާޅުވެފަ އެވެ.

ނަމަވެސް ގިނަ ގާނޫނީ ވަކީލުން ވިދާޅުވާ ގޮތުގައި، މަޖިލީހުގެ ރައީސް 43 މެންބަރުން ތިއްބަވަން ޖެހޭނީ ގާނޫނުތައް ފާސްކުރުމުގައި އެކަނި ކަމަށް ވިދާޅުވި ނަމަވެސް ގާނޫނު އަސާސީގައި އޮތީ "ކޮންމެ ކަމެއް ވެސް"ކަން ވެސް ފާހަގަކޮށްފައިވާތީ ވޯޓު ސައްހަ ނުވާނެ ކަމަށެވެ. ޕްރޮސިކިއުޓާ ޖެނަރަލް އައިޝަތު ބިޝާމް ވެސް ވަނީ އެކަން ފާހަގަކުރައްވައި، މިހާރު ކުއްލި ހާލަތެއް ނެތްކަން ބަޔާން ކުރައްވާ ފުލުހަށް ސިޓީއެއް ފޮނުވާފަ އެވެ. އެޓާނީ ޖެނަރަލްގެ އިސް ވަކީލުން ވެސް އެ ލަފާ އެޓާނީ ޖެނަރަލް މުހައްމަދު އަނިލަށް އަރުވާފައިވެ އެވެ. ނަމަވެސް ކުއްލި ހާލަތަށް އަމަލުކުރަން ސުޕްރީމް ކޯޓުން ވަނީ ވަގުތީ އަމުރެއް ނެރެފަ އެވެ.