ރޭ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓްގެ އިތުރު ފަނޑިޔާރަކާއި ކުރީގެ ރައީސް މައުމޫން ހައްުޔަރުކޮށްފައި ވާތީ، އެބޭފުޅުން ސަލާމަތް ކުރުމަށް އިންޑިއާގެ އަސްކަރީ އެހީތެރިކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު އެދިވަޑައިގެންފި އެވެ.
ކުޑަ އިރުކޮޅެއް ކުރިން ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ހައްޔަރުކޮށްފައިވާ ފަނޑިޔާރުންނާއި ކުރީގެ ރައީސް މައުމޫނު އަބުދުލް ގައްޔޫމާއި ފަނޑިޔާރުންނާއި އެހެނިހެން ގައިދީން މިނިވަން ކުރުމަށް އިންޑިއާގެ އަސްކަރީ ބާރާ އެކު މަންދޫބަކު ފޮނުވަން އެދިވަޑައިގަންނަވާ ކަމަށެވެ. އެ ޓްވީޓުގައި އެމެރިކާގެ ކިބައިން ނަޝީދު އެދިވަޑައިގެންފައި ވަނީ އެމެރިކާގެ ބޭަންކްތައް މެދުވެރިކޮށް ރާއްޖޭގެ ވެރިން ކުރާ މުއާމަލާތްތައް ހުއްޓުވައި ދިނުމަށެވެ.
އިންޑިއާއާއި އެމެރިކާގެ ކިބައިން އެ ކަންތަތަކަށް އެދިވަޑައިގަންނަވަނީ ދިވެހި ރައްޔިތުންގެ ފަރާތުން ކަަމަށް ވެސް ނަޝީދުގެ ޓްވީޓުގައި ވިދާވެފައި ވެއެވެ.
ސަރުކާރުން އިއްޔެގައި ކުއްލި ހާލަތު އިއުލާން ކުރުމަށް ފަހު ރޭ ވަނީ އުއްތަމަ ފަނޑިޔާއާއި ސުޕްރީމްކޯޓުގެ އެހެން ފަނޑިޔާރަކު ހައްޔަރުކޮށްފައެވެ. އަދި ކުރީގެ ރައީސްް މައުމޫނު އަބުދުލް ގައްޔޫމާއި އޭނާގެ ދަނބިދަރިކަލަކު ވެސް ރޭގައި ވަނީ ހައްޔަރުކޮށްފައެވެ.