މިއަދު ހަވީރު އިދިކޮޅު ޕާޓީތަކުން ބޭއްވި އެއްވުމުގައި އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ މަންމާފުޅު އާބިދާ އަހުމަދު ބައިވެރިވަޑައިގަތެވެ. އާންމު ކަމެކެވެ. ނަމަވެސް މިއަދު އެ މަންމަ ހުންނެވީ ދަރިފުޅު މިނިވަންކުރުމަށް ގޮވާލައްވާކަށް ނޫނެވެ.
ރައީސް ނަޝީދު ދޫކޮށްލުމަށް ގޮވާލައި އާންމުކޮށް އެއްވުންތަކުގައި ބައިވެރިވާ އާބިދާ މިއަދު ހުންނެވީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫން މިނިވަންކުރުމަށް ގޮވާލައި ޕޯސްޓަރެއް ހިއްޕަވައިގެންނެވެ. ފާރިސް މިނިވަންކުރުމަށް ވެސް ގެންދެވެނީ ގޮވާލައްވަމުންނެވެ.
ރައީސް ނަޝީދުގެ މަންމާފުޅު މިއަދު ދެއްކެވީ ނަމޫނާއެއް ކަމަށް ދަނީ ބުނަމުންނެވެ. ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ސިފަ ކުރެއްވި ގޮތުގައި އެއީ ޑިމޮކްރަސީގެ ރީތި މިސާލެކެވެ. އޭނާ ވަނީ ރައީސް ނަޝީދުގެ މަންމާފުޅަށް ސާބަސް ދެއްވާފަ އެވެ.
ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ވިދާޅުވި ގޮތުގައި ރައީސް ނަޝީދުގެ މަންމާފުޅު ރާއްޖެއަށް ދެއްވީ ވަރުގަދަ މެސެޖެކެވެ. "ބޭއިންސާފަށް އާނއެކޭ ބުނެގެން ދެން ނުތިބޭނެކަން އަންގައި މުޅި ރާއްޖެއަށް ދެއްވި ވަރުގަދަ މެސެޖެއް އެއީ،" އަލީ ހުސެއިން ވިދާޅުވެ އެވެ.
ރައީސް ނަޝީދުގެ މަންމާފުޅުގެ މި ފޮޓޯ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް މަޝްހޫރުވެފައިވާއިރު ކޮންމެ މީހަކު ވެސް ދަނީ އެ ފޮޓޯއަށް ތައުރީފްކުރަމުންނެެވެ. އެއްވުމުގައި ހުންނަވަނިކޮށް ރައީސް ނަޝީދުގެ މަންމާފުޅުގެ މޫނަށް ވަނީ ޕެޕާ ސްޕްރޭ ޖަހާފަ އެވެ. އޭގެ ވީޑިއޯތައް ވެސް އާންމުވެފައިވާއިރު ފުލުހުންނަށް އެކަމާ ގުޅިގެން ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. ޕެޕާ ސްޕްރޭ ޖެހި ނަމަވެސް އާބިދާގެ ހިތްވަރަށް ބަދަލެއް ނާންނާނެ ކަމަށް ވެސް ދަނީ ބުނަމުންނެވެ.
ކުރީގެ ރައީސް މައުމޫނާއި ރައީސް ނަޝީދުގެ އާއިލާއާ ދެމެދު ސިޔާސީ ގޮތުން ވާދަވެރިކަން އަބަދުވެސް އޮވެ އެވެ. ރައީސް މައުމޫންގެ ވެރިކަމުގައި ރައީސް ނަޝީދު ވެސް ޖަލުގައި ދުވަސްތަކެއް ހޭދަކުރެއްވި އެވެ. ސިޔާސީ ގޮތުން މީގެކުރިން އެންމެ ވާދަވެރި ރައީސް ނަޝީދާއި ރައީސް މައުމޫން މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ އެކުގަ އެވެ.
ރައީސް މައުމޫން ވެސް މިހާރު ހައްޔަރުގައި ހުންނެވިއިރު ފާރިސްއަކީ ޒުވާން ކުޅަދާނަ ލީޑަރެއް ކަމަށް އެކި ފަހަރު މަތިން ރައީސް ނަޝީދު ވިދާޅުވެފައިވެ އެވެ. ފާރިސްއަށް ތައުރީފްކޮށް ފާރިސް މިނިވަންކުރުމަށް ތަކުރާރުކޮށް ރައީސް ނަޝީދު ގޮވާލައްވަމުން ގެންދަވަ އެވެ.