ހަބަރު

އިދިކޮޅު އެއްވުމުގައި މަޑުކޮށްލީ "ބަލައިލަން": ޗައިނާ ސަފީރު

ފެބްރުއަރީ އެއްވަނަ ދުވަހު ސުޕްރީމްކޯޓުން ނެރުނު އަމުރު ތަންފީޒުކުރަން ގޮވާލާ ރޭ އިދިކޮޅުން އެއްވުން ކުރިއަށްގެންދިޔަ އެމްޑީޕީ ހަރުގެ ސަރަހައްދުގައި މަޑުކޮށްލެއްވީ އެތަން "ކުޑަކޮށް ބަލާލަން" ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގް ވިދާޅުވެއްޖެ އެވެ.

ސަފީރު ޖަންގ ލިޖޮންގ ވަނީ ރޭ އިދިކޮޅު ފަރާތްތަކުން މުޒާހަރާކުރަމުން ދަނިކޮށް އެތަނުގައި ހިނގަމުންދިޔަ ކަންކަން ބައްލަވާލައްވަން ކުޑަ ވަގުތުކޮޅަކު އެ ސަރަހައްދުގައި މަޑުކޮށްލައްވައި ބައެއް ފަރާތްތަކާ ވެސް ވާހަކަ ދައްކަވައިފަ އެވެ. އަދި ބައެއް ފޮޓޯވެސް ނަންގަވާފަ އެވެ. ސަފީރުގެ އެ "ޒިޔާރަތް" މީޑިޔާގެ ލޯތަކަށް ވަނީ އަރާފަ އެވެ.

އެކަމާގުޅިގެން ސަފީރު މިއަދު "އަވަސް" އަށް ވިދާޅުވީ، އިދިކޮޅުން މުޒާހަރާ ކުރާ ސަރަހައްދަކީ އެމްބަސީއާ ކައިރި ސަރަހައްދަކަށް ވުމުން އެމްބަސީއަށް ހިންގަވާފައި ވަޑައިގަތް މަގުމަތީގައި އެތަނަށް މަޑުކޮށްލެއްވީ ކަމަށެވެ. ނަމަވެސް އެއީ އެއްވެސް ހާލެއްގައި ރަސްމީގޮތުން ކަމެއް ބަލައި ހެދުމުގެ ބޭނުމުގައި ކުރެއްވި ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

ސަފީރު ވިދާޅުވީ ޗައިނާ އަކީ ރާއްޖެއާ ވަރަށް ގާތްކޮށް ދެކޭ ގައުމެއް ކަމަށާއި ރާއްޖޭގައި މިހާރު ހިނގަމުންދާ މައްސަލަތަކުގެ ތެރެއަށް ޗައިނާއިން ވަނުމަށް ބޭނުން ނުވާ ކަމަށެވެ. ނަމަވެސް ޗައިނާ އިން މީގެ ކުރިން ވެސް ޕްރޮޕޯސް ކޮށްފައިވާ ގޮތަށް މައްސަލަތަކުގައި ހިމެނޭ ފަރާތްތައް ގުޅިގެން މަޝްވަރާކޮށް ގައުމުގެ ކަންކަން ވީހާވެސް އަވަހަށް ސުލްހަވުމަށް އުންމީދުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

"އެއީ އެމްބަސީއާ ވަރަށް ކައިރި ތަނެއް. އެހެންވެ އެހެން ދަމުން ވަރަށް ކެޝުއަލް ކޮށް އެތާނގައި މަޑުކޮށްލީ. އެއްވެސް ރަސްމީ ބޭނުމެއް އޮވެގެންނެއް ނޫން. އެކަން މާ ބޮޑު ކަމަކަށް ނުހެއްދެވުން އެދެން،" ސަފީރު ވިދާޅުވި އެވެ.

ސަފީރު މިހެން ވިދާޅުވެފައިވާއިރު، ރާއްޖޭގައި މިހާރު ކުރިއަށްދާ މައްސަލަތަކާ ގުޅޭގޮތުން ޗައިނާއިން ވަނީ ރާއްޖޭގެ ކަންކަން ވަރަށް ގާތުން ބަލަމުންދާ ކަމަށް ބުނެފަ އެވެ. އަދި ރާއްޖޭގެ ކަންކަން ގުޅުންގުރި ފަރާތްތައް މަޝްވަރާކޮށްގެން ހައްލުކުރުމަށް ޗައިނާއިން އެދޭ ކަމަށާއި، އެކަމުގައި ރާއްޖޭގެ ހުރިހާ ފަރާތްތަކަށް ވެސް އެހީތެރިވެ، އެއްބާރުލުމަށް ޗައިނާއިން އޮތީ ތައްޔާރަށް ކަމަށް ވެސް ވަނީ ބުނެފަ އެވެ.