ކުއްލި ނުރައްކަލުގެ ހާލަތު ރާއްޖޭގައި އިއުލާންކޮށްފައިވީ ނަމަވެސް އާންމު ދިރިއުޅުމުގެ ކަންތައްތަކާއި ވިޔަފާރިތަކާއި ޓޫރިސްޓް ރަށްތަކަށް އޭގެ އެއްވެސް އަސަރެއް ނުކުރާނެ ކަމަށާއި ކުރިއެކޭވެސް އެއްގޮތަށް ރާއްޖެއިން ދޭ ހިދުމަތްތައް ދެމުންގެންދާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ. އެ މިނިސްޓްރީން ވަނީ ރާއްޖޭގެ ހާލަތު އޮތްގޮތް ބަލަން ރާއްޖެ އައުމަށް ބޭރުގެ ފަރާތްތަކަށް ދައުވަތުދީފަ އެވެ.
ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމާ ގުޅިގެން ދުނިޔޭގެ އެކި ގައުމުތަކުން އެ ގައުމުތަކުގެ މީހުންނަށް ރާއްޖެ ނައުމަށް އަންގައި ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ފޮރިން މިނިސްޓްރީން އިއްޔެ ބުނީ، ރާއްޖެ އަންނަން ބިރުގަންނަންޖެހޭ ހާލަތެއް ގައުމުގައި ނެތް ކަމަށެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވީނަމަވެސް އާންމުންގެ ދިރިއުޅުމާއި ވިޔަފާރިތަކާއި ދޭ ހިދުމަތްތަކަށް ބުރޫއަރާ އެއްވެސް ކާފިއުއެއް ނެތް ކަމަށެވެ. ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުން ބަދަލު އައިސްފައިވަނީ ހަމައެކަނި ސަރުކާރުގެ އެތެރޭގެ ބައެއް ކަންކަމަށް ކަމަށާއި އޭގެ ސަބަބުން އަސަރުކޮށްފައިވަނީ ވެރިރަށް މާލެއަށް އެކަނި ކަމަށެވެ.
"ކުއްލި ނުރައްކަލުގެ ހާލަތުން އަސަރުކޮށްފައިވަނީ ހަމައެކަނި ވެރިރަށް މާލެއަށް. ރިސޯޓްތަކަށާއި ރިސޯޓު ރަށްތަކަށް އޭގެ އަސަރެއް ނުކުރޭ. މީހުންގެ އާންމު ދިރިއުޅުމުގެ ކަންކަން ވެސް ދަނީ ކުރިއެކޭވެސް އެއްގޮތަށް. ވަޒީފާ އަދާކުރާ ތަންތަނާއި ވިޔަފާރިތަކާއި ސްކޫލްތަކާއި އެއާޕޯޓް ފަދަ ތަންތަނުގެ ހިދުމަތްތައް ބަރާބަރަށް ކުރިއަށް އެބަދޭ،" މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.
ވެރިރަށް މާލޭގެ ސެކިއުރިޓީ ހާލަތު އޮތް ގޮތް ބަލައި ރާއްޖޭގެ ހާލަތު ލޮލުން ދެކިލަން ރާއްޖެ އައުމަށް ބޭރުގެ ގުޅުންގުރި ދާއިރާތަކާއި މަންދޫބުންނާއި ޑިވޮލޮޕްމަންޓް ޕާޓްނަރުންނަށް ފޮރިން މިނިސްޓްރީން ވަނީ ދައުވަތުދީފަ އެވެ.
ރާއްޖޭގައި މިދިޔަ ހޯމަ ދުވަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމުން އެމެރިކާ އާއި ޗައިނާ އާއި ޔޫކޭ އާއި ކެނެޑާ ސިންގަޕޫރު އަދި އިންޑިއާއިން ވެސް މިހާރު ވަނީ އެގައުމުތަކުގެ ރައްޔިތުން ސަމާލުވާން އަންގާފަ އެވެ.