ޔުނައިޓެޑް އަރަބް އެމިރޭޓްސް

ޔޫއޭއީގެ ދައުވަތަކަށް ނައިބު ރައީސް ދުބާއީއަށް

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ސަރުކާރުގެ ދައުވަތަކަށް ނައިބު ރައީސް އަބުދުﷲ ޖިހާދު ދުބާއީއަށް ވަޑައިގެންފި އެވެ.

ނައިބު ރައީސް ދުބާއީއަށް ވަޑައިގަންނަވަން ޔޫއޭއީން ދައުވަތު ދިނީ މާދަމާއިން ފެށިގެން ތިން ދުވަހުގެ މުއްދަތަކަށް އެ ރަށުގައި ބާއްވާ ސަމިޓެއްގައި ބައިވެރިވެވަޑައިގެންނެވުމަށެވެ. "ދަ ވޯލްޑް ގަވަމެންޓް ސަމިޓް 2018" ގެ ނަމުގައި ބާއްވާ އެ ސަމިޓަކީ އިންސާނިއްޔަތަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ހައްލު ހޯދަން ޓެކްނޮލޮޖީ އާއި އާ އުފެއްދުންތައް ބޭނުން ކުރެވޭނެ ގޮތްތައް ހޯދުމަށް އަމާޒުކޮށްގެން ސަރުކާތަކުގެ އެޖެންޑާ އެކުލަވައިލުމަށް މަޝްވަރާ ކުރާ ސަމިޓެކެވެ.

އެ ސަމިޓްގައި ޔޫއީ އަދި ދުނިޔޭގެ މާހިރުންނާއި ލީޑަރުން ބައިވެރިވެވަޑައިގަންނަވާނެ އެވެ. އެގޮތުން ބައިވެރިވަަޑައިގަންނަވާ ބޭފުޅުން ތަކުރީރު ކުރެއްވުމާއި ޕެނަލް ޑިސްކަޝަންތައް ވެސް ސަމިޓުގައި އޮންނާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ. ސަމިޓްގައި ދުނިޔޭގެ 140 ގައުމަކުން ގާތް ގަނޑަކަށް 4000 މީހުން ބައިވެރިވާނެ އެވެ.