ޑރ. މުހައްމަދު މުއިއްޒު

ޔޫއޭއީ ދަތުރުފުޅަށްފަހު ރައީސް ރާއްޖެ ވަޑައިގެންފި

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގައި ބޭއްވި ވާލްޑް ގަވަރުމަންޓްސް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ ގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މިއަދު މާލެވަޑައިގެންފި އެވެ.

ރައީސް މުއިއްޒުގެ މި ދަތުރުފުޅަކީ ޔޫއޭއީގެ ނައިބު ރައީސް، ބޮޑުވަޒީރު، މިނިސްޓާ އޮފް ޑިފެންސް އަދި ދުބާއީގެ ވެރިޔާ ޝައިހް މުހައްމަދު ބިން ރާޝިދު އަލް މަޚްތޫމްގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގެ ތެރެއިން ވޯލްޑް ގަވަރުމަންޓްސް ސަމިޓްގައި ކުރެއްވި ތަގުރީރުގައި، ރާއްޖެއިން ކުރިމަގުގައި ހާސިލްކުރަން ބޭނުންވާ ދެމެހެއްޓެނިވި ތަރައްގީގެ މުހިއްމު ތަސައްވުރު ރައީސް އިއުލާން ކުރެއްވި އެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ ވޯލްޑް ގަވަރުމަންޓްސް ސަމިޓުގެ ހަވާސާގައި މަތީ ފަންތީގެ ބައްދަލުކުރެއްވުންތަކެއް ބާއްވަވާފަ އެވެ.

މީގެ އިތުރުން ޔޫއޭއީގެ ދުބާއީގައި ބޭއްވި "އިންވެސްޓް މޯލްޑިވްސްގައިވެސް ރައީސް މުއިއްޒު ތަގުރީރު ކުރެއްވި އެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ރާއްޖެއަށް ގެންނަން އެދޭ ބޮޑެތި ބަދަލުތަކާއި ހާސިލުކުރަން އެދޭ ލަނޑުދަނޑިތައް ހާސިލުކުރުމުގައި އަމިއްލަ ވިޔަފާރިތަކުގެ އިސްނެގުމާއެކު އެދާއިރާ ކުރިއަރައިދިއުމުގެ މުހިއްމުކަން ފާހަގަކުރައްވާފައިވެ އެވެ.

އިންވެސްޓް މޯލްޑިވްސް ދުބާއީ އަކީ ރާއްޖޭގައި އިންވެސްޓް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކާއި ރާއްޖޭގެ ވިޔަފާރިތަކާއި ސަރުކާރުގެ މަތީފަންތީގެ އޮފިޝަލުން އެއްތަނަކުން ބައްދަލުވެ ގުޅުންބަދަހިވުމަށް މަގުފަހި ވެގެންދިޔަ ފޯރަމެކެވެ.

ރައީސްގެ މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ޔޫއޭއީގައި ދިރިއުޅޭ ދިވެހިންނާވެސް ބައްދަލުކުރައްވާފަ އެވެ. މި ބައްދަލުކުރެއްވުމުގައި އެމަނިކުފާނު ވަނީ ބޭރު ގައުމުތަކުގައި ދިރިއުޅޭ ދިވެހި ކުދިންނަށް ދިވެހި ބަހާއި އިސްލާމީ ތަރުބިއްޔަތު ކިޔަވައިދިނުމުގެ އޮންލައިން ޕްރޮގްރާމް "ރިވެލި" އިފްތިތާހް ކޮށްދެއްވާފަ އެވެ.