ވިޔަފާރި

ލަންކާއާ ޗައިނާގެ ކުންފުންޏަކުން އަންބަރާގައި ރިސޯޓެއް

Feb 11, 2018

ސްރީލަންކާ އާއި ޗައިނާ ކުންފުންޏެއް ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗާއަކުން ވ. އަންބަރާގައި ރިސޯޓެއް ތަރައްގީ ކުރަން ތައްޔާރުވެއްޖެ އެވެ.

ޓޫރިޒަމް ހަބަރުތައް ގެނެސްދޭ ނޫސްތައް ބުނާ ގޮތުގައި ސިލޯން ހޮޓެލް ކޯޕަރޭޝަން (ސީއެޗްސީ) އާއި ޗައިނާ ހާބަރު އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ) ގުޅިގެން އަންބަރާގައި ތަރައްގީ ކުރަނީ 100 ކޮޓަރީގެ ރިސޯޓެވެ.

އެ ކުންފުނިން ބުނެފައިވާ ގޮތުގައި 50 މިލިއަން ޑޮލަރު އިންވެސްޓް ކޮށްގެން ތަރައްގީ ކުރާ، ރިސޯޓު ހުޅުވާނީ 2020 ވަނަ އަހަރު އެވެ.

ޗައިނާ ހާބަރު އިންޖިނަރިން ކުންފުނިން ވަނީ 2015 ވަނަ އަހަރު 27 މިލިއަން ޑޮލަރު އިންވެސްޓްކޮށްގެން ރާއްޖޭގައި 50 ކޮޓަރީގެ ރިސޯޓެއް ތަރައްގީ ކުރަމުން އަންނަ ކަމަށް ވެސް ބުނެފަ އެވެ.

ސީއެޗްއީސީއަކީ ހުޅުލެ-މާލެ ބްރިޖު ތަރައްގީ ކުރަމުން ގެންދާ ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ (ސީސީސީ) ގެ ސަބްސިޑަރީ ކުންފުންޏެކެވެ.

ވ. އަންބާރަކީ މިހާރު ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ބޭނުންކުރަމުންދާ ރަށެކެވެ.

ސަރުކާރުން ވަނީ މި ދައުރުގެ ތެރޭގައި 50 އާ ރިސޯޓު ހުޅުވާނެ ކަމަށް ބުނެފަ އެވެ. މިގޮތުން މިދިޔަ އަހަރު ވެސް 20 ރިސޯޓެއް ހުޅުވާފައިވާ ކަމަށް ސަރުކާރުން ބުނެ އެވެ.