ދެ ދުވަހުގެ މެދުކެނޑުމަކަށްފަހު ރާއްޖެ ޓީވީގެ ޕްރޮގްރާމްތައް މިއަދު ފަށައިފި އެވެ.
ބުރާސްފަތި ދުވަހުގެ ރޭ ރާއްޖެ ޓީވީގެ ބްރޮޑްކާސްޓިން މެދުކަނޑާލާފައިވަނީ އެ ސްޓޭޝަންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ނުވާ ދަރަޖައަށްގޮސް އެ ޓީވީގެ ނޫސްވެރިންނަށް ރައްކާތެރިކަން ދިނުމަށް ޓީވީގެ ހިދުމަތް ވަގުތީ ގޮތުން ހުއްޓާލުން ނޫން އެހެން ހައްލެއް ނެތިގެން ކަމަށް ބުނެ އެވެ.
ރާއްޖެ ޓީވީގެ ޕްރޮގްރާމްތައް މިއަދު ހެނދުނުންފެށިގެން ކުރިއަށްގެންދަން ފަށާފައިވާއިރު، އެ ސްޓޭޝަންގެ ރައްކާތެރިކަމާއި ކުރިމަތިވަމުން އައި ބިރުވެރި ކަމަށް ހައްލެއް ހޯދައިދިނުމަށް ބްރޮޑްކާސްޓިން ކޮމިޝަނާއި ސިފައިންގެ އިދާރާ އަދި ފުލުހުންގެ މުއައްސަސާގައި އެދިފައިވާނެ ކަމަށް ރާއްޖެޓީވީން ބުންޏެވެ. އެހެން ނަމަވެސް އެއިން އެއްވެސް ފަރާތަކުން އަދި ޖަވާބެއް ނުދޭ ކަމަށް ވެސް ބުންޏެވެ.
"ކުއްލި ނުރައްކަލުގެ ހާލަތަކީ ގާނޫނުއަސާސީގެ 28 ވަނަ މާއްދާގައި ބަޔާންކުރާ ނޫސްވެރިކަމުގެ މިނިވަންކަން އޮތް ހާލަތެއް ކަމަށް ވީހިނދު ރާއްޖެ ޓީވީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ވާނީ އެދިފަ އެވެ،" ޓީވީގެ ހިދުމަތް ފެށުމާ ގުޅިގެން ރާއްޖެޓީވީން ނެރުނު ބަޔާނެއްގައި ބުންޏެވެ.
ރާއްޖެ ޓީވީން ބުނީ ހިދުމަތް އަލުން ފަށަން ނިންމީ ރާއްޖެ ޓީވީގެ ހިދުމަތް ފަށައިދިނުމަށް އާންމުންގެ ފަރާތްތަކުން އެދެމުންދިއުމާއެކު އާންމުންގެ ފަރާތުން ލިބޭ ތަރުހީބުގެ ސަބަބުން ކަމަށެވެ.
ދެ ދުވަހުގެ މެދުކެނޑުމަކަށްފަހު ރާއްޖެޓީވީގެ ޓްރާންސްމިޝަންތައް ދައްކަންފަށާފައިވާއިރު މީގެ ކުރިން، ނޮވެމްބަރު 6، 2015 ގައި ވެސް ރާއްޖެ ޓީވީން އަމިއްލައަށް ހިދުމަތް ކަނޑާލި އެވެ. އެ ފަހަރު ރާއްޖެޓީވީން އާންމު ބްރޯޑްކާސްޓް ހުއްޓާލައި ފޮނުވީ ލަވައެވެ. އެފަހަރުވެސް އެނބުރި ހިދުމަތަށް އައީ ދެ ދުވަސް ފަހުން އަމިއްލައަށެވެ.