ދުނިޔެ

ސިރިސޭނާ ވިދާޅުވުމުން ވެސް ރަނިލް އިސްތިއުފާއެއް ނުދެއްްވި

ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ މަގާމުން އިސްތިއުފާ ދެއްވައި އޭނާގެ ޕާޓީގެ އެހެން ބޭފުޅަކަށް ޖާގަ ދެއްވަން ރައީސް މައިިތިރި ޕާލާ ސިރިސޭނާ އެދިވަޑައިގެންނެވުމުން ރަނިލް އެކަމަށް އިންކާރުކުރައްވައިފިއެވެ.

ބޮޑުވަޒީރުކަން ދޫކޮށްލައްވަން ރަނިލްއަށް ސިރިސޭނާ އިރުޝާދު ދެއްވީ ވެރިކަން ކުރާ އިއްތިހާދަށް ލޯކަލް ކައުންސިލް އިންތިހާބުގައި ކުރިމަތިވި ނާކާމިޔާބީއާ ގުޅިގެންނެވެ. ލަންކާގައި އާދީއްތަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އިއްޔެގެ އިންތިހާބުގައި އެންމެ ގިނަ ވޯޓު ލިބުނީ ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާގެ ސްރީލަންކާ ޕޮޑޫޖަނާ ޕެރަމޫނާ (އެސްއެލްޕީޕީ) އަށެވެ. އެޕާޓީން ވޯޓުގެ 44.65 ޕަސެންޓް ހޯދައި ލޯކަލް ކައުންސިލްތަކުގެ 340 ގޮނޑީގެ ތެރެއިން 220 ގޮނޑި ކާމިޔާބު ކުރި އެވެ.

އެ އިންތިހާބުގައި ރަނިލްގެ ޔުނައިޓެޑް ނެޝަނަލް ޕާޓީ (ޔޫއެންޕީ) އަށް ލިބުނީ ވޯޓުގެ 32.63 ޕަސެންޓެވެ. އެއީ 41 ގޮނޑިއެވެ. ރައީސް މައިތިރިޕާލާ ސިރިސޭނާގެ ޔުނައިޓެޑް ޕީޕަލްސް ފްރީޑަމް އެލަޔަންސް (ޔޫޕީއެފްއޭ) އަށް ލިބުނީ ވޯޓުގެ 8.94 ޕަސެންޓެވެ. އެއީ 11 ގޮނޑިއެވެ.

މައުލޫމާތު ލިބިގެން ތިބި މަސްދަރުތަކާ ހަވާލާދީ ކޮލަމްބޯ ގެޒެޓް ނޫހުން ބުނީ އިންިތިހާބުގައި ކުރިމަތިވި ނާކާމިޔާބީއާ ގުޅިގެން ސަރުކާރަށް ބަދަލުތަކެއް ގެންނަން ސިރިސޭނާއާއި ރަނިލް އިއްޔެގައި ކުރެއްވި މަޝްވަރާތައް ވީ ނާކާމިޔާބު ކަމަށެވެ. އެހެންވެ މިއަދުވެސް އަލުން މަޝްވަރާތައް ކުރިއަށް ގެންދާނެ ކަމަށް ވެސް ބުންޏެވެ. ބޮޑުވަަޒީރުކަމުން ރަނިލް އިސްތިއުފާ ދެއްވުމަކީ ސަރުކާރަަށް ގެންނަވަން ސިރިސޭނާ ހުށަހެޅުއްވި އެއް ބަދަލެވެ.

ސިރިސޭނާ ހުށަހެޅުއްވި އަނެއް ބަދަލަކީ ސްރީލަންކަން ފްރީޑަމް ޕާޓީ( އެސްއެލްއެފްޕީ) ސަރުކާރު ހިންގާ އިއްތިހާދުގައި ބައިވެެރި ކުރުމެވެ. ރަނިލް ވަނީ އެކަމަށް ވެސް އިންކާރު ކުރައްވާފައެވެ. ނޫހުން ބުނީ ރަނިލް އިސްތިއުފާ ދެއްވަން ސިރިސޭނާ ވިދާޅުވީ އެ ހުށަހެޅުއްވުމަށް އިންކާރުކުރެއްވުމުން ކަމަށެވެ.