މީހުން

އަލީ ސުލައިމާން ދަންނަނީ ކިހިނެއް؟

"ރާއްޖޭގެ ކޮންމެ ވެސް ހިސާބަކުން، އަލީ ސުލައިމާން، ޓީވީއެމް."

މިއީ މުޅި ރާއްޖެ އަށް އަލީ ސުލައިމާން ތައާރަފްވެ މަޝްހޫރުވި ގޮތެވެ. އޭނާގެ އަޑާއި، ކެމެރާގެ ކުރިމައްޗަށް އަރައި ޖައްސައިގެން ހުރި ވައްތަރު ވެގެން ދިޔައީ މާ ގިނަ ބަޔަކަށް ކަމުދިޔަ ސިފައަކަށް ނޫނެވެ.

އެހެންވެ އަލީ ސުލައިމާން ބަދަލުވީ އެންމެން ފޫހިފިލުވަން ކިޔައިދީ އުޅުނު ފާޑެއްގެ ޖޯކަކަށެވެ.

އެކަމަކު އޭނާގެ އަސްލު ވާހަކަ، ބުރަދަނެއް ނެތް މި ޖޯކަށް ވުރެ އެތައް ހާސް ބައި ބޮޑެވެ.

ފަހަރެއްގައި މިއީ "ސުނީތާގެ ހުވަފެން ހަގީގަތަކަށް" ވި ކަހަލަ ވާހަކަ އެކެވެ. މަޝްހޫރު ނެށުންތެރިޔާ އުމުރު ދުވަހު ބެލި ހުވަފެނަކީ އޭނާ، އައިޑޮލްއެއްގެ ގޮތުގައި ބެލި ބޮލީވުޑްގެ ބަތަލާއާ ބައްދަލުކުރުމުގެ ހުވަފެނެވެ. އޭނާ މި ހުވަފެނެއް ބެލީމަ ދިވެހިން ކުރީ މަލާމާތެވެ.

އެއަށް ފަހު ސުނީތާގެ މި ވާހަކައިގައި ދެން ވީ ގޮތް ކިޔައި ނުދިނަސް، އެ ވާހަކަ ނިމިގެން ދިޔަ ގޮތް އެންމެނަށް ވެސް އެނގޭނެ އެވެ.

މި އާދަޔާހިލާފު އަދި ހިތްވަރުގަދަ ނުވަތަ އިބްރަތްތެރި ވާހަކައާ އަލީ ސުލައިމާނުގެ ވާހަކަ ގުޅޭ ހިސާބަކީ ވެސް އެ "ހުވަފެނެވެ." އަލީ ސުލައިމާނު ބެލި ހުވަފެނަކީ ކޮންމެވެސް ދުވަހަކުން ޓީވީ އަށް އަރައި އިނދެ ޚަބަރު ކިޔަން ފުރުސަތު ލިބޭނެ ދުވަހަކަށް ކުރި އިންތިޒާރެވެ.

"ވީގޮތަކީ އެއް ދުވަހަކު ހެނދުނު އަޅުގަނޑު ޓީވީއެމް ހުޅުވާލިތަނުން މި ފެންނަނީ އަޅުގަނޑާ އެކު ސްކޫލްގައި އުޅުނު ކުއްޖަކު ޚަބަރު ކިޔަން އިންދައި. ދެން ވަރަށް ޝައުގުވެރިވެއްޖެ މިކަމަށް. ހިތަށް އެރީ އެއް ދުވަހަކުން އަޅުގަނޑު ވެސް އެގޮތަށް ޓީވީ އަށް އަރައި ޚަބަރު ކިޔައިދޭނަމޭ،" އަލީ ސުލައިމާނު އޭނާގެ ހުވަފެނުގެ ވާހަކަ ކިޔައިދިނީ މިހެންނެވެ.

އެއަށް ފަހު އޭނާ މި ވަނީ މަލާމާތައި ފުރައްސާރައިގެ ތެރެއިން އެތައް ގޮންޖެހުމެއް ކަޑައްތުކޮށް އެތައް ބަޔަކަށް ފިލާވަޅެއް ނަގައި ދީފަ އެވެ. އެއީ ހުވަފެނެއް ހަގީގަތަށް ހެދުމަށް ގަދައަޅައި މަސައްކަތްކުރާ މީހަކަށް އެއްވެސް ހުރަހެއް ނެތް ކަމުގެ އަގުހުރި ފިލާވަޅެވެ.

ނިމިގެން ދިޔަ ނޫސްވެރިންގެ އެވޯޑްސް ހަފުލާގައި އަލީ ސުލައިމާނަކީ ޓީވީގެ ކެޓަގަރީން އެންމެ މޮޅު ނޫސްވެރިޔާގެ އެވޯޑް ހާސިލުކުރި ފަރާތެވެ. އެކަމަކު އޭނާ މި ހުވަފެނެއް ބަލައި އޭގެ ފަހަތުން ދުވީމަ އެންމެން ވެސް ފުރަތަމަ ކުރީ މަލާމާތެވެ.

"އަޅުގަނޑު ގަބޫލުކުރަނީ ދިރިއުޅުމުގައި ހާސިލުކުރަން ބޭނުންވާ ކަންތައްތަކަށް ފުރުސަތު ލިބޭނީ އެކި މީހުންނަށް އެކި ގޮތަށޭ. އަޅުގަނޑަށް ޓީވީގައި ޚަބަރުކިޔަން ފުރުސަތު ލިބުނީ ދިމާވި ގޮތަކުން ޚަބަރު ކިޔާނެ މީހަކު އެ ދުވަހުގެ އެ ވަގުތު އެތަނުގައި ނެތުމުން،" ސުލައިމާނުގެ ހުވަފެނުގައި ކުލަ ޖެހުނީ އެކްސިޑެންޓަކުންނެވެ.

އޭގެ ކުރިން އޭނާ އަށް ކުލަ ހުވަފެނެއް ފެނުނަސް ދެން ތިބި މީހުން އޭގައި ކުލަ ޖައްސައި ނުދިނީ އެވެ. އޭނާ އަށް މާތް ރަސްކަލާގެ ދެއްވި ސިފަ އާއި އަޑު "ހުތުރު" ކަމަށް ބުނެ އެވެ.

"އެމީހުން ބުނަން ފެށީ އަޅުގަނޑުގެ އަޑު ވަރަށް އަންހެނޭ. އަޅުގަނޑުގެ ލުކްސް ވަރަށް އަންހެނޭ ކިޔާފައި އަޅުގަނޑަށް ޓީވީއެމުގެ މާހައުލުން ކުރިމަތިވީ ތަފާތުކުރުމެއް. ދެން ކުއްލިއަކަށް އެންގީ ރިޕޯޓްތަކަށް އަޑު އެޅުމާއި ކެމެރާގެ ކުރިމައްޗަށް އެރުން ވަގުތުން ހުއްޓާލުމަށް،" މިއީ އޭރުގެ އިންފޮމޭޝަން މިނިސްޓްރީގެ އިސް ނެގުމުގެ މަތިން ހިންގި ބްރޯޑްކާސްޓް ޖާނަލިޒަމް ކޯހެއްގެ އުއްމީދީ ތަރިއަކަށް ވެގެން ޓީވީއެމުން ފުރުސަތު ލިބިގެން އަތޮޅު ބިއުރޯއެއްގައި ނިކަން ބުރަކޮށް އަދި ނިކަން ލޯބިން މަސައްކަތްކުރަމުން ދަނިކޮށް ސުލައިމާނަށް ޖެހުނު ހާލެވެ.

އެކަމަކު ދެން ވީ ގޮތް ކިޔައިދިނުމުގެ ކުރިން އަދި އެއަށް ވުރެ ކުރިއަށް ޖެހިލާނަމެވެ.

ނޫސްވެރިޔަކަށް ވުމުގެ ޝައުގުވެރިކަން ނުވަތަ ޓީވީ އަށް އަރައި ޚަބަރު ކިޔުމުގެ ޝައުގުވެރިކަން ލައިގަތުމުގެ މާ ކުރިން ސުލައިމާނަކީ ދިވެހި ޓީޗަރެކެވެ. އޭނާގެ ރަށް، ވިލުފުށީގައި ގްރޭޑް އަށެކުން މައްޗަށް ދިވެހި ކިޔަވައިދިން ޓީޗަރެކެވެ.

މި ވާހަކައެއް ފާހަގަކޮށްލަން ބޭނުންވީ މި ދާއިރާގައި ވެސް އޭނާ އަށް ޖެހުނު ހާލެއްގެ ވާހަކަ ކިޔައިދިނުމުގެ ގޮތުންނެވެ. ރަށުން ވަކި ހިސާބަކަށް ކިޔެވުމަށް ފަހު މާލެ އައިސް އޭރުގެ އީޕީއެސްއެސް އިން އޯލެވެލް ހެދުމަށް ފަހު ޓީޗިން ކޯހެއް ހަދައިގެން ރަށަށް ދިޔައީ އެވެ.

ސުލައިމާނު ބުނީ ނޫސްވެރިކަމުގެ ދާއިރާ އަކީ އޭރު އެއްގޮތަކަށް ވެސް ޝައުގުވެރިވި ދާއިރާއެއް ނޫން ކަމަށެވެ. ކޮންމެއަކަސް މި ހާލެއްގައި އެނބުރި ރަށަށް ގޮސް ކުރިން ކިޔެވި ސްކޫލަށް، މުދައްރިސެއްގެ ގޮތުގައި ދިޔައިރު އޭނާ ކިޔަވައިދޭން ޖެހުނީ ކުރިން އެކުގައި ޕްރައިމަރީ ގްރޭޑްތަކުގައި ކިޔެވި ކުދިންނަށެވެ.

ސުލައިމާނު ރޮކެޓެއްހެން އަރައިގެން ދިޔައިރު ވެސް ބައެއް އެކުވެރިން ތިބީ އެވެ. ދެން މި ހާލެއްގައި ކުރީގެ ކްލާސް މޭޓުން އަދި ފަހުން ދަރިވަރުންނަށް ވި ކުދިންނަށް ދިވެހި ކިޔަވައިދޭން އުޅެނިކޮށް ސުނާމީ އަރައި ވިލުފުށީގެ ދިރިއުޅުން އޮޔާ ގެންދިޔައީ އެވެ.

ދެން މަޖުބޫރުވީ އަނެއްކާވެސް މާލެ ބަދަލުވާށެވެ. އޭރު އޭނާ އަށް ވަނީ މި ބުނާ ކުރީގެ ސްކޫލް މޭޓަކު ޓީވީއެމުން ޚަބަރު ކިޔަނިކޮށް ފެނިގެން ނޫސްވެރިކަމަށް ކޮންމެވެސް ވަރަކަށް ޝައުގު އުފެދިފަ އެވެ.

މާލެ އައިގޮތަށް އޭނާ ފުރުސަތު ހޯދީ މިއަދު ނޫހުންނެވެ. އެއަށް ފަހު ހުވަފެނުގައި ކުލައަކަށް ފަހު ކުލައެއް ޖައްސަމުން ކުރިއަށް ހިނގައިގަތީ އެވެ.

ނަމަވެސް ޓީވީއެމުގައި އޭނާ ހޭދަކުރި ފަސް ވަރަކަށް އަހަރު ވެގެން ދިޔައީ ވަޒީފާގެ މާހައުލުން އޭނާ އަށް ނިކަން ހިތި ތަޖުރިބާތަކެއް ކުރެވުނު ދުވަސްތަކަކަށެވެ.

"ނަމަވެސް އަޅުގަނޑު ދެރައެއް ނުވޭ. ދުވަހަކު ވެސް އުއްމީދު ގެއްލުވައެއް ނުލަން."

ފާޑުކިޔުމާއި ފުރައްސާރައިގެ ތެރޭގައި ވެސް ސުލައިމާނު ގަބޫލުކުރި ކޯޑަކީ މިއީ އެވެ.

އޭނާ ބުނީ ޚަބަރު ކިޔާނެ މީހަކު ނެތިގެން އޭނާ އަށް ޚަބަރު ކިޔަން ފުރުސަތު ދިންއިރު ނޫސްވެރިކަމުގެ ކޯހުން އެންމެ ރަނގަޅު އެކަކަށް ވެގެން ޓީވީއެމުން ފުރުސަތު ދިނީ ވެސް ކޯހުގައި ކިޔަވައިދިން ތަޖުރިބާކާރުންގެ ފިއްތުންތަކާ ހެދި ކަމަށެވެ. ކޯސް ހިންގި ތަޖުރިބާކާރުންނަށް ސުލައިމާނުގެ މަސައްކަތް ރަނގަޅުވިޔަސް ޓީވީއެމް އޮތީ އޭރު ވެސް އޭނާ ނުނަގަން ނިންމައިގެންނެވެ.

"ޓީވީ އަށް އަރާ ނަމަ އެ މީހަކު ވާން ޖެހޭނީ ވަރަށް ރީތި މީހަކަށް. މިއީ އެންމެނަށް ވެސް ގަބޫލުކުރެވިފައި އޮންނަ ގޮތަކީ. އެމީހެއްގެ އަޑު ވަރަށް ރީތި ވާން ޖެހޭނެ،" ސުލައިމާނު ކިޔައިދިނެވެ.

"އެއަށް ފަހު އަޅުގަނޑު އަންހެނޭ ކިޔާފައި އެންގީ އަޅުގަނޑު ކުރާ މަސައްކަތް އެހެން ކުއްޖަކު ބޭނުންކޮށްގެން ޕްރެޒެންޓްކުރަން. ދެން ވީޑިއޯކޮށްފަ، ރިޕޯޓް ލިޔެފަ އެ ރިޕޯޓް ކިޔަން ޖެހޭ ކުއްޖާ އަށް ބުނެދީގެން އުޅުނިން ހަ މަސް ވަންދެން. އަޅުގަނޑުގެ މަސައްކަތާ އެކު އެހެން މީހަކު ބެލުންތެރިންނަށް ދައްކަން ޖެހުމުން ހަގީގަތުގައި ވަރަށް ދެރަވި. އެކަމަކު ވެސް ހިތަށް އެރީ ހިތްވަރު ދޫކޮށެއް ނުލާނަމޭ."

އެންމެފަހުން ހައްލެއް ނުލިބިގެން ޓީވީއެމުން ސުލައިމާނު ހަވާލުކުރީ ޑޮކްޓަރަކާ އެވެ. އޭނާގެ އަޑު ބަދަލުކުރަން ނުވަތަ ވާހަކަ ދެއްކުމުގެ ރާގާއި ވައްޓަފާޅި އަށް ބަދަލެއް ގެނައުމަށް ސްޕީޗް ތެރަޕިސްޓަކާ ސުލައިމާނު ހަވާލުކުރީ އެވެ.

ހުވަފެން ހަގީގަތަކަށް ހެދުމަށް ކެތްމަދުވެފައިހުރި ވަރުން ޓީވީއެމްގެ އެ ޝަރުތު ވެސް ގަބޫލުކޮށް ތިން މަސް ވަންދެން އޭނާ ސްޕީޗް ތެރަޕީ ވެސް ނެގި އެވެ. އޭނާއާ އެކު ދެން ފޮނުވި ކުއްޖާ ފިލީ އެވެ.

"ދެން ޑޮކްޓަރު ވިދާޅުވީ ސުލައިމާނުގެ އަޑެއް ބަދަލެއް ނުކުރެވޭނެޔޭ. ވާހަކަ ދައްކާއިރު ނޯށަށް އަރައިގެން ގޮސް އަޑު ބަދަލުވަނީ އުފެދުމުގައި ވެސް ހުރި މައްސަލައަކާ ހެދިއޭ."

މިއީ އެ ސެޝަންތަކުން ނުކުތް ނަތީޖާ އެވެ. އެންމެފަހުން އެކްސިޑެންޓަކުން ޚަބަރު ކިޔަން ފުރުސަތު ލިބި އޭނާ އަށް ތައުރީފު އޮހުނީ އެވެ.

"އެއަށް ފަހު ދެ ތިން މަސް ފަހުން ޓީވީއެމްގެ ޚަބަރަށް އަރަން ފެށީ. އެކަމަކު އެއީ ވެސް ތަނުގެ ވެރިން އެދިގެން އަޅުގަނޑަށް ދިން ފުރުސަތެއް ނޫން. އެކްސިޑެންޓަކުން ލިބުނު ޗާންސެއް،" ސުލައިމާނު ބުންޏެވެ.

"އެ ދުވަހު ވަރަށް އުފާވި އެކުގައި ތިބި މީހުން ދިން ހިތްވަރުން. އެއްވެސް ކުށެއް ނުޖެހި ނިންމާލެވުނު. އަދި އާ ކަމެއް ވެސް އިހްސާސެއް ނުވޭ."

އެއަށް ފަހު ދެން ވެރިވި ސިޔާސީ ހަލަބޮލިކަމެއްގެ ތެރެއިން އޭނާ ޓީވީއެމުން ނުކުމެގެން ދިޔައީ އެވެ. އޭރު ވެސް ސުލައިމާނު ސުލައިމާނަށް ވީތީ އޮންނަ ތަފާތުކުރުން ކޮންމެވެސް ވަރަކަށް އޮވެ އެވެ. އޭނާ ބުނީ ކިރިޔާ ވެސް އެތަނުގެ ތެރެއިން އޭނާ އަށް ފުރުސަތުތަކެއް ލިބެން ފެށީ ޓީވީއެމަށް ޒިޔާރަތްކުރި ސީއެންއެންގެ މަޝްހޫރު ތަޖުރިބާކާރަކު އޭނާގެ މަސައްކަތްތަކެއް ފެނިގެން އެއަށް ތައުރީފުކުރި ހިސާބުން ކަމަށެވެ. 

"އޭނާ ބުނި ކަމަށް ވަނީ މީހަކު ހުންނަ ގޮތަކުންނެއް ނޫނޭ މީހަކު ބަލައިގަންނަން ޖެހޭނީ. އެ މީހަކު ކުރާ މަސައްކަތާއި ހުށަހަޅައިދޭ ކޮންޓެންޓަކަށޭ ބަލަން ޖެހޭނީ."

"ޓީވީއެމުން ނުކުމެގެން ދިޔައިރު ވެސް އަޒުމް ކަނޑައަޅައިގެން ދިޔައީ އަޅުގަނޑަކީ ޚަބަރު ކިޔޭ ފެންވަރުގެ މީހެއްކަން ސާބިތުކޮށްދޭނަމޭ. ކޮންމެވެސް އެއް ދުވަހަކު ރާއްޖޭގެ މެއިން ސްޓްރީމް ޓީވީ ޗެނަލެއްގެ ޕްރައިމް ޓައިމް ޚަބަރު ކިޔާފައޭ ހުއްޓާލާނީ،" ސުލައިމާނު ބުންޏެވެ.

މިއަދު އޭނާ އަކީ ވީޓީވީގެ ނިއުސްރޫމުގެ ސީނިއާ އެޑިޓަރެވެ.

"މީޑިއާގައި މަސައްކަތްކުރަން ކޮންމެހެން ވަރަށް ރީތި ނުވަތަ ވަރަށް ފޮޓޯޖެނިކް މީހަކަށް ވާކަށް ކޮންމެހެން ނުޖެހޭ. މީހެއްގެ އަޑު ހުރި ގޮތަކުން، މީހެއްގެ ސިފަ ހުރި ގޮތަކުން ތަފާތުކުރުމެއް ގެންގުޅެގެން ނުވާނެއޭ އަޅުގަނޑު ބުނާނީ. އެކަމަކު ވެސް ރާއްޖޭގެ މީޑިއާ މިހާރު އޮތް ހާލަތުގައި އެބަހުރި މި މައްސަލަ،" ސުލައިމާނު ބުނަނީ މިހެންނެވެ.

"އަޅުގަނޑު ހުންނަ ސިފައަކުން ނުވަތަ އަޅުގަނޑުގެ އަޑު ހުންނަ ގޮތަކުން މި މުޖުތަމައުން މި އޮންނަނީ އަޅުގަނޑު ވަކި ގޮތަކަށް ލޭބަލްކޮށް ހަދާނެ އެއްޗެއް ހަދައިފައި. އެ ތަފާތުކުރުމުގެ މައްސަލަ އަސްލު މައްސަލައަކީ."

ކޮންމެއަކަސް މި ހުރިހައި ވާހަކައެއް ކިޔައިދިނުމުގެ ކުރިން އޭނާ ބުނީ ޚަބަރު ކިޔަން ޝައުގުވެރިކަން އުފެދިފައި އެ ހިޔާލު ބަދަލުވެގެން ދިޔަ ފަހަރެއް ވެސް ދިޔަ ކަމަށެވެ.

"އެއީ މީހުން ދަންނަ މަޝްހޫރު މީހަކަށް ވީމަ މުޖުތަމައުގައި އުޅެން ނިކަން އުނދަގޫވާނެޔޭ ހިތަށް އެރީ."

ސުލައިމާނަށް ޖެހުނު ހާލަށް ބަލާފައި އޭނާ އަށް އުނދަގޫވާނެވަރު އިހްސާސްކޮށްލައްވާށެވެ. އޭނާ މަޝްހޫރުވީ މޮޅު ނުވަތަ ކެމެރާ އަށް ރީތި ނޫސްވެރިއެއްގެ ގޮތުގައެއް ނޫނެވެ.

އެކަމަކު އެއްވެސް އިރެއްގައި ހުވަފެނުގެ އުއްމީދު ދޫކޮށެއްނުލަ އެވެ. ސުލައިމާނު ބުނާ ގޮތަށް، ދިރިއުޅުމުގައި ހާސިލުކުރަން ބޭނުންވާ ކަންތައްތައް ހަގީގަތަށް ހެދުމުގެ ފުރުސަތު އެކި މީހުންނަށް ލިބޭނީ އެކި ގޮތަށެވެ.