ޖެކޮބް ޒޫމާ

ދެކުނު އެފްރިކާގެ ރައީސް ޒޫމާ އިސްތިއުފާ ދެއްވައިފި

ދެކުނު އެފްރިކާގެ ރައީސް ކަމުން ޖޭކޮބް ޒޫމާ އިސްތިއުފާ ދެއްވައިފި އެވެ. އޭނާ އިސްތިއުފާ ދެއްވީ ޚިޔާނާތާއި ފަސާދައިގެ މައްސަލަތަކާ ހެދި، ވެރިކަން ކުރާ އެފްރިކަން ނެޝަނަލް ކޮންގްރެސް (އޭއެންސީ) އިން އޭނާ އިސްތިއުފާދޭން އެންގުމުންނެވެ.

ނަސްލީ އިމްތިޔާޒާ ދެކޮޅަށް މަސައްކަތް ކުރެއްވި ވަރުގަދަ ޝަޚުޝިއްޔަތެއް ކަމަށްވާ ނެލްސަން މަންޑޭލާ އިސްކޮށް އުޅުއްވި، އޭއެންސީއަކީ މިހާރު 106 އަހަރު ވެފައިވާ ޕާޓީ އެކެވެ. ދެކުނު އެފްރިކާގައި އިނގިރޭސިން ގާއިމްކޮށްފައި އޮތް ދޮން މީހުންގެ ވެރިކަން ނިމުނު ފަހުން އެ ގައުމުގެ ވެރިކަން ކުރަމުން އަންނަނީ އެ ޕާޓީންނެވެ.

ދެކުނު އެފްރިކާގައި ނުފޫޒު ގަދަ އިންޑިއާ ދަރިކޮޅުގެ އާއިލާއެއް ކަމަށްވާ "ގުޕްތާ ޚާންދާނާ" ގުޅިގެން ފަސާދައިގެ އަމަލުތައް ހިންގެވި ކަމަށް ކުރެވޭ ތުހުމަތު ތަކާ ހެދި އެގައުމުގެ އިދިކޮޅު ފަރާތްތަކުން ޒޫމާގެ އިތުބާރު ނެތްކަމުގެ މައްސަަލަ ޕާލަމެންޓަށް ދެ ފަހަރެއްގެ މަތިން ވެއްދި އެވެ. ނަމަވެސް އޭއެންސީން އޭރުގައި ޒޫމާ ދިފާއު ކުރިއެވެ. ނަމަވެސް އެ ޕާޓީގެ ލީޑަޝިޕް މިދިޔަ ޑިސެމްބަރު މަހު ބަދަލުވުމާއެކު ޕާޓީން ވެސް ބާރުއަޅަމުން ދިޔައީ ޒޫމާ އިސްތިއުފާ ދެއްވުމަށެވެ. އެގޮތުން އެންމެ ފަހުން ބޭއްވި ބައްދަލުވުންތަކަށް ފަހު ޕާޓީން އެންގީ އޭނާ އިސްތިއުފާ ނުދެއްވައިފި ނަމަ ޕާލަމެންޓުން އޭނާ އަޒުލް ކުރާނެ ކަމަށެވެ.

ޒޫމާ އިސްތިއުފާ އިއުލާނު ކުރެއްވީ ކިހިނެތް؟

އުމުރުފުޅުން މިހާރު 75 އަހަރު ވެފައިވާ ޒޫމާ އިސްތިއުފާ ދެއްވިކަން އިއުލާނު ކުރެއްވީ ނޫސްވެރިންގެ ހާޒިރުގައި ދެއްވި ދިގު ތަގުރީރެއް ނިންމަވައި ލައްވަމުންނެވެ. އެ ތަގުރީރު ދެކުނު އެފްރިކާގެ ޓީވީޗެނަލްތަކުން ވަގުތުން ދުރަށް ދެއްކި އެވެ.

"މާ ސީރިއަސް ވެފައި ތިޔަ ތިބީ ކީއްވެތޯ؟" ނޫސްވެރިންނާ ސުވާލު ކުރައްވައި، ސަމާސާ ރާގެއްގައި ފެއްޓެވި ތަގުރީރުގައި އޭނާ ވިދާޅުވީ އިސްތިއުފާ ދެއްވަން ނިންމެވީ އޭއެންސީ ތެރޭގައި ބައިބައިވުމާއި ހަމަނުޖެހުން އުފެދިދާނެތީ ކަމަށެވެ.

"އަހަރެންގެ ނަމުގައި މީހެއްގެ ފުރާނަ ގެއްލިގެން ނުވާނެ، އަދި ހަމަ އެފަދައިން އަހަރެންގެ ނަމުގައި އޭއެންސީ ބައިބައި ވެސް ވެގެން ނުވާނެ. އެހެންވީމާ އަހަރެން ނިންމައިފިން ރައީސުލް ޖުމްހޫރިއްޔާކަމުން މިހާރުން މިހާރަށް އިސްތިއުފާދޭން،" ތަގުރީރުގައި ޒޫމާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޕާޓީގެ ނިންމުމާ އެއްބަސްވެވަޑައިނުގެންނެވިޔަސް އޭނާއަކީ އޭއެންސީގެ އުސޫލުތައް ހިފަހައްޓަވާ ބޭފުޅެއް ކަަމަށެވެ. އަދި ވިދާޅުވީ މަގާމު ދޫކޮށްލެއްވިޔަސް ދެކުނު އެފްރިކާއަށާއި އޭއެންސީއަށް ހިދުމަތް ކުރެއްވުމުގައި ދެމިހުންނަވާނެ ކަމަށެވެ.

ޒޫމާއަށް ފަހު ދެކުނު އެފްރިކާގެ ރައީސްކަމަށް ވަޑައިގަންނަވާނީ ނައިބު ރައީސް ސީރިލް ރަމަފޯސާ އެވެ. އޭނާއަކީ އޭއެންސީގެ ލީޑަރު ކަަމަށް މިދިޔަ ޑިސެމްބަރުމަހު އިންތިހާބުކުރި ބޭފުޅެކެވެ. އޭނާއާއި ޒޫމާއާ ދެބޭފުޅުންނަކީ ވެސް ނެލްސަން މަންޑޭލާ އަރިހުގައި މަސައްކަތް ކުރައްވާފައިވާ ދެ ބޭފުޅުންނެވެ.