ހަބަރު

ގާނޫނުގެ ބާރު ރައީސް ޔާމީން ދަމަހައްޓާނެ: އަދުރޭ

ދިވެހި ރާއްޖޭގައި ގާނޫނުގެ ބާރު ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް ދަމަހައްޓަވާނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަދުރޭ ވިދާޅުވީ، ގާނޫނާ ހިިލާފު އެއްވެސް އަމުރެއް ރައީސް ޔާމީން ނުކުރައްވާނެ ކަމަށެވެ. އަދި މީހެއްގެ ހަސަބަކަށާއި ނަސަބަކަށް ނުބަލައި އެމީހަކު ކުރި ކުށަކަށް ގާނޫނީ އިމުގެ ތެރެއިން އަދަބު ދޭން ރައީސް ޔަމީން ފަސްޖެހި ވަޑައި ނުގަންނަވާނެ ކަމަށެވެ.

"މި ގައުމުގައި ގާނޫނީ ބާރު ރައީސް ޔާމީިން ދަމަހައްޓާނެ، މީހެއްގެ ހަސަބަކަށް އަދި ނަސަބަކަށް ނުބަލާނެކަން، ކުރެއްވި އަދަބަކަށް ގާނޫނުގެ ތެރެއިން އަދަބުދޭން ރައީސް ޔަމީން ފަސް ނުޖެހޭނެ، ރައީސް ޔަމީން ޝަރުއީ މަރުހަލާ ތެރެއަށް އަތް ބާނައިގެން ނޫޅޭނެ،" އަދުރޭ ވިދާޅުވި އެވެ.

އެކެއް ފެބުރުއަރީގެ އަމުރަށް ފަހު ޕީޕީއެމްގެ ފަރާތުން އެންމެ ގިނައިން ވާހަކަފުޅު ދައްކަވާ އަދުރޭ ވިދާޅުވީ، ރާއްޖޭގެ އަމަން ނަގާލަން މަސައްކަތް ކުރާ ފަރާތްތަކަށް އެޅެން އޮތް ފިޔަވަޅެއް ވީ އެންމެ އަވަހަށް އަޅައި ގައުމު ހަލަބޮލި ކަމެއްގެ ތެރޭގައި ބާއްވަން ޖާގަ ނުދޭން ގޮވާލާ ކަމަށެވެ. އަދި ވިދާޅުވީ، އިދިކޮޅު ފަރާތްތަކުގެ ބޭނުމަކީ ގައުމު ހަލަަބޮލި ކޮށްގެން ރައީސް ޔާމީންގެ ވެރިކަން ވައްޓާލުން ކަމަށެވެ.

އަދުރޭ ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ރާއްޖޭގެ އަމަން ނަގާލަން ކުރަމުންދާ މަސައްކަތް ހުއްޓުވުމަށާއި އެކަމުގައި އިސްކޮށް ހަރަކާތްތެރިވަމުންދާ އެންމެހާ ފަރާތްތަކަށް ގާނޫނުގެ އެންމެ ހަރުކަށި އަދަބުތައް މިހާރުން މިހާރަށް ދޭންޖެހޭ ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުން ހަމަނުޖެހުން އުފައްދަން ޖެހޭ އެއްވެސް މަގުބޫލު ސަބަބެއް ނުދެއްކޭ ކަމަށެވެ.

"ހަމަނުޖެހުން އުފައްދަން ޖެހޭ އެއްވެސް މަގުބޫލު ސަބަބެއް ދިކޮޅަކަށް ނުދެއްކޭ، މި ރާއްޖޭގެ އަމުނަށް ގެއްލުންވާ ފަދަ އެއްވެސް ކަމެއް ސަރުކާރުން ނުކުރޭ، ރައްޔިތުން ބިރުވެރިކަމެއްގެ ތެރޭގައި ތިބެން ޖެހޭ ފަދަ ކަމެއް ސަރުކާރުން ނުކުރެ، ސުޕްރީމް ކޯޓުގެ ހުކުމަކަށް މިހާރު އޮންނާނީ ފަހެއް ފެބްރުއަރީގެ ހުކުމް އެކަނި، އޭގެ ކުރީގެ ހުކުމް ވަނީ ބާތިލް ކޮށްފަ، އެވާހަކައެއް ނުދެއްކޭނެ،" އަދުރޭ ވިދާޅުވި އެވެ.

އަދުރޭ އިތުރަށް ވިދާޅުވީ، ރާއްޖޭގެ އަމުނަށް ނުރައްކާތެރިވާފަދަ އަމަލެއް ހިންގަފާނެ ކަމަށް ހީވާބަޔަކު ވެސް ހިފާ ހައްޔަރުކުރަން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ކުށްވެރިންތަކެއް ދޫކޮށްލުމަށް ގޮވާލާ ގޮވާލުންް ކުށްވެރިކުރާ ކަމަށާއި ކުށްވެރިއަކު ދޫނުކުރުމަށް ސަރުކާރަށް ގޮވާލާފައި ވެއެވެ.