ދުންޔާ މައުމޫން

ދުންޔާގެ ކަންބޮޑުވުންތައް އެޗްއާރްސީއެމަށް ހުށަހަޅައިފި

Feb 18, 2018
5

ސީރިއަސް ތުހުމަތުތަކެއް ކޮށް ޖަލުގައި ބަންދުކޮށްފައިވާ ބައްޕާފުޅު މައުމޫނާއި ކޮއްކޯފުޅު ފާރިޝްގެ ހައްޔަރާމެދު ހުރި ކަންބޮޑުވުންތައް މައުމޫންގެ ދަރިކަނބަލުން ދުންޔާ މައުމޫން މިއަދު ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށަހަޅައިފި އެވެ.

އެޗްއާރްސީއެމްގެ ރައީސާ އާމިނަތު އީނާސާއެކު ހުންނެވި ފޮޓޯއަކާއެކު ދުންޔާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހައްޔަރުކޮށްފައިވާ ބައްޕާފުޅު ހައްޔަރުކޮށްފައިވާ ކުރުމާއި، ކޮއްކޯފުޅާއި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށްފަހު ހައްޔަރުކުރި އެންމެހާ ފަރާތްތަކަށް ލިބެންޖެހޭ ހައްގުތަކާމެދު ހުރި ކަންބޮޑުވުންތައް އެޗްއާރްސީއެމްއަށް ހިއްސާ ކޮށްފައިވާ ކަމަށެވެ. އެ ފަރާތްތަކަށް ދޭންޖެހޭ ހައްގުތައް ދިނުމަށް ކަމާބެހޭ ފަރާތްތަކަށް ދުންޔާ ވަނީ ގޮވާލައްވާފަ އެވެ.

ރައީސް މައުމޫންގެ ބޭފުޅުންގެ ތެރެއިން ރައީސް ޔާމީންގެ ފަހަތްފުޅުގައި މިހާރުވެސް ހުންނެވި ދުންޔާ، ފުލުހުން ހައްޔަރުކޮށްފައިވާ މެންބަރުންގެ ހައްގުތަކާ ވެސް ގުޅޭ ގޮތުން މިއަދު އެޗްއާރްސީއެމާ ވާހަކަ ހިއްސާ ކުރައްވާފައިވާއިރު އެފަރާތްތަކުގެ ހައްގުގައި އެކަމަނާ އެންމެ ފުރަތަމަ އަޑުއުފުއްލަވާފައިވަނީ ބައްޕާފުޅު މައުމޫން ހައްޔަރުކޮށްގެން ދޫނިދޫއަށް ގެންދިޔަތާ ހަތް ދުވަސް ފަހުންނެވެ. އޭގެ ފަހުން ދުންޔާ ދަނީ ފުލުހުންގެ ހައްޔަރުގައި ތިއްބެވި އާއިލީ ބޭފުޅުންގެ ހައްގުތައް ހޯދައިދީ އެފަރާތްތައް މިނިވަން ކުރުމަށް ގޮވާލަމުންނެވެ.

ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގައި ހުންނެވި ދުންޔާ މިވަގުތު ހުންނެވީ ޗުއްޓީއެއްގައެވެ. ޗުއްޓީއަށް ވަޑައިގެންނެވުމުގެ ކުރިން އެކަމަނާ ވަނީ މަގާމުން ދުރައް ވަޑައިގެންފާނެ ކަމުގެ އިޝާރާތެއް ކުރައްވާފަ އެވެ.