ދުނިޔެ

ތުރުކީއާ ހަނގުރާމަކުރަން ކުރުދީން އަސަދާ ގުޅިއްޖެ

ސޫރިޔާގެ ހުޅަނގު އުތުރުގައި ތުރުކީއާ ގުޅޭ އިމުގެ ކައިރީގައިވާ އަފްރިން ނަމަކަށް ކިޔާ ރަށް ކޮންޓްރޯލް،ކުރާ ކުރުދީ ހަނގުރާމަވެރިންނާ ދެކޮަޅަށް ތުރުކީ ސިފައިންދޭ ހަމަލާތަކުން ދިފާއުވާން، ކުރުދީ ހަނގުރަމަވެރިން ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދާ ގުޅިއްޖެއެވެ.

ތުރުކީ ސިފައިންނާ ދެކޮޅަށް ކުރުދީންނާ އެކު ހަނގުރާމަކުރަން ސޫރިޔާ ސަރުކާރުން ސިފައިން ފޮނުވާނެ ކަމަށް އެމީހުން ބުނި ނަމަވެސް އަސަދު ސަރުކާރުން އެކަން އަދި ކަށަވަރެއް ނުކޮށްދެއެވެ. ސޫރިޔާ ހަނގުރާމައިގެ ހާލަތު ބަލާ ފަރާތްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އަފްރީން ސަރަހައްދުގައި ސޫރިޔާ ސިފައިން އަދި ހަރަކާތްތެރިވާކަށް ނުފަށައެވެ. ސޫރިޔާ ސަރުކާރުގެ ސިފައިން އަފްރީން ސަރަހައްދުން ފޭބީ 2012 ވަނަ އަހަރުއެވެ.

ނަމަވެސް ކުރުދީ ހަނގުރާމަވެރިންގެ އިސް މީހެއް ކަމަށްވާ ބަރުދާން ޖިއާ ކުރުދު ރޮއިޓާސްއާއަށް ބުނެފައި ވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ސޫރިޔާ ސިފައިން އަފްރީންއަށް ވަންނާނެ ކަމަށެވެ. އަދި އެމީހުން ބަލަހައްޓާނީ އެރަށުގެ އިމުގައިވާ މަގާމުތައް ކަމަށް ވެސް އޭނާ ބުނެފައި ވެއެވެ.

އެގޮތަށް ކަންތައް ވެއްޖެ ނަމަ ތުރުކީ ސިފައިން ޖެހޭނީ ކުރުދީ ހަނގުރާމަވެރިންގެ އިތުރުން ސޫރިޔާ ސަރުކާރުގެ ސިފައިންނާ ދެކޮޅަށް ވެސް ހަނގުރާމަ ކުރާށެވެ.

އަފްރީން ކޮންޓްރޯލް ކުރަމުން އަންނަ ކުރުދީ ހަނގުރާމަވެރިންގެ ވައިޕީޖީ ގްރޫޕަކީ ތުރުކީން ގަބޫލުކުރާ ގޮތުގައި ޓެރަރިސްޓުންނެވެ. އަދި އެމީހުންނާ ދެކޮޅަށް މިދިޔަ ޖެނުއަރީމަހު ހަނގުރާމަފެށީ ތުރުކީގެ އިމުން ޓެރަރިސްޓުންގެ ވަސް ފުހެލާނެކަމަށް ބުނަމުންނެވެ.

ކުރުދީންގެ ވައިޕީޖީއަކީ އިސްލާމިކް ސްޓޭޓް (އައިއެސް) އާ ހަނގުރާމަކުރުމަށް އެމެރިކާއިން ތަމްރީނުކޮށް، ހަތިޔާރުފޯރުކޮށްދެމުން އަންނަ ޖަމާއަތެކެވެ. އެ ޖަމާއަތާ ހަނގުރާމަކުރަ ކުރަން ތުރުކީ ސިފައިން ސޫރިޔާއަށް ވަނުމުން އެމެެރިކާއިން އަންނީ އެކަމާ ދެކޮޅު ހަދަމުންނެވެ.

ސޫރިޔާގެ ހަ އަހަރަށްވުރެ ދިގުލީ ހަނގުރާމައަކީ އަހުލީ ހަނގުރާމައެއް ކަަމަށް ބައިނަލް އަގުވާމީ މުޖުތަމައުން ސިފަކުރަމުން ދިޔަޔަސް އެ ހެނގުރާމައިގައި އެމެރިކާ، ރަޝިޔާ، އިރާނު އަދި ތުރުކީން ދަނީ ސީދާ ގޮތެއްގައި ބައިވެރިވަމުންނެވެ. އެ ހަނގުރާމައިގައި މިހާތަނަށް ބައިމިލިޔަނެއްހާ މީހުން މަރުވި އިރު އެތައް މިލިޔަން މީހުން ވަނީ ގެދޮރު ގެއްލި ހާލުގައި ޖެހިފައެވެ.