ދުނިޔެ

ނޭޕާލަށް އަނެއްކާވެސް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

ނޭޕާލަށް އައި ބާރުގަދަ ބިންހެލުމުން އަރައިނުގަނެވިގެން އުޅެނިކޮށް ނޭޕާލަށް މިއަދު އަނެއްކާވެސް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ އެވެ.

މިއަދުގެ ބިންހެލުން އައީ ނޭޕާލުގެ ނަމްޗޭ ބާޒާރުގެ ހުޅަނގު ބިތަށް، 7.4 ގެ މެގްނެޓިއުޑް ބާރު މިނުގަ އެވެ. އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ ސެންޓަރުން ބުނެފައި ވަނީ ބިންހެލުން އައީ ބިމުގެ އަޑިން 19 ކިލޯމީޓަރު އަޑިއަށް ކަމަށެވެ.

މީގެ ދެ ތިން ހަފުތާއެއްހާ ކުދިން ނޭޕާލަށް ބިންހެލުމެއް އައީ މެގްނެޓިއުޑް 7.8 ގެ ބާރު މިނުގަ އެވެ. އެ ބިންހެލުމުގައި 8000 އަށް ވުރެ ގިނަ މީހުން މަރުވެ 18،000 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވެ އެވެ.

ނޭޕާލުގެ އާބާދީ 28 މިލިއަނަށް އަރާއިރު ބިންހެލުމުގެ އަސަރު ގާތްގަނޑަކަށް އަށް މިލިއަން މީހުންނަށް ކޮށްފައިވެ އެވެ. މިހާރު ވެސް ދެ މިލިއަން މީހުން ތިބީ ބޯ ފެނާއި ކާބޯތަކެތި ނުލިބި ހާލުގައިޖެހިފަ އެވެ.

މިއަދު އައި ބިންހެލުމާ ގުޅިގެން ލިބުނު ގެއްލުންތަކުގެ މާ ބޮޑު ތަފްސީލެއް އަދި ދުނިޔެ އަކަށް ނުލިބެ އެވެ.