ހަބަރު

މަޖިލީހަށް ނުވަދެ، ޗެލެންޖް ކުރާނެ ކަމެއް ނެތް: މޫސަ

މިއަދު ރައްޔިތުންގެ މަޖިލީހުގައި ދެއްވި ވޯޓަކީ ރައްޔިތުންގެ ހައްގުގައި ދެއްވި ވޯޓެއް ކަމަށާއި އެ ވޯޓުގައި ބައިވެރިވެވަޑައިނުގަނެ، އެއަށް ޗެލެންޖް ކުރުމުގެ ހައްގެއް އެއްވެސް އެއްވެސް ބޭފުޅަކަށް ނެތް ކަމަށް މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.

"ގައުމަށްޓަކާ މަގޭ މޭ އައްޑަނައަކަށް" ނަމުގައި ރުމާލު2 ޖަގަހައިގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މޫސާ މަނިކު ވިދާޅުވީ، މަޖިލީހުގެ ޖަލްސާއެއް ކުރިއަށްދާއިރު އެކަށީގެންވާ އުޒުރެއް ނެތި ޖަލްސާއަށް ހާޒިރުވެވަޑައިނުގަތުމަކީ ގަވައިދުން މަނާކުރާ ކަމެއް ކަމަށެވެ. މޫސާ ފާހަގަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 158 ވަނަ މާއްދާ އެވެ.

އެ މާއްދާގައި ބުނެފައިވަނީ މަޖިލީހުގެ ޖަލްސާއެއް ހިނގަމުންދާއިރު، އެކަށީގެންވާ އުޒުރެއް ނެތިއްޔާ އެ ޖަލްސާއަކަށް ވަޑައިގެން ވޯޓުގައި ބައިވެރިވާން ޖެހޭނެ ކަމަށް ބުނެފައިވާ ކަމަށެވެ. އަދި މަޖިލީހުގައި ވޯޓަށް އެހޭ ކޮންމެ މައްސަލައެއްގައި ވޯޓު ދޭން ވާނެ ކަމަށެވެ.

"އެއީ ކުއްލި ނުރައްކަލުގެ ހާލަތަސް، ކުއްލި ހާލަތު ނޫނަސް، ދެމިގެންވާ ނުރައްކަލެއް ވިޔަސް، ކޮންމެ ފާޑަކަށް އޮތަސް އެ މަޖިލިސް މެންބަރަކަށް ވާނަމަ އެއީ ލާޒިމްވާ ކަމެއް،" މޫސާ މަނިކު ވިދާޅުވި އެވެ.

މިއަދުގެ ޖަލްސާއަށް ގަސްދުގައި ހާޒިރުނުވެ، މަޖިލީހުގައި އަދަދު ހަމަނުކުރުމަކީ އެހެން ދާއިރާތަކުގެ ރައްޔިތުންގެ ހައްގުތައް އޭގެ ސަބަބުން ގެއްލިގެންދާ ކަމެއްގެ ގޮތުގައި މޫސާ ފާހަގަކުރެއްވި އެވެ. މިއަދު 38 މެންބަރުން ވޯޓު ދެއްވީ އެ ދާއިރާތަކުގެ ރައްޔިތުންގެ ހައްގުގަ ކަމަށެވެ.

"ކުއްލި ނުރައްކަލުގެ ހާލަތު ދިގުކުރަން ޖެހޭތީ ވޯޓު ދިނީ، އެއޮތީ ވޯޓު ދީފަ، އެކަމާ ޗެލެންޖް ކުރައްވަން ނޫޅުއްވާ، އެ ބޭފުޅުން އެތަނަށް ވަޑައިނުގެންނެވީމަ އެތާ 43ގެ އަދަދު ނެތީ، އެތަނުގަ 43 ނެތުމަކީ އަޅުގަނޑުމެންގެ ވޯޓުން އަޅުގަނޑުމެން މަހްރޫމް ކުރަން ޖެހޭ ކަމެއް ނޫން،" މޫސާ މަނިކު ވިދާޅުވި އެވެ.

"އެހެންވެއްޖެއްޔާ އަޅުގަނޑުމެންނާމެދު ދައުވާއެއް ކުރެވޭ ދުވަހެއް ވިއްޔާ އެ ބޭފުޅުން ހައްޔަރުކޮށްފަ އެކަން ކުރަން ޖެހޭނީ، އެއީ ގާނޫނު އަސާސީގެ އުސޫލަކީ،"

ވޯޓެއް ނަގާއިރު މަޖިލީހުގައި ކޯރަމް ބޭއްވުމަކީ ކޮންމެ މެންބަރެއްގެ ވެސް ޒިންމާއެއް ކަމަށާއި ކޯރަމް ގަސްދުގައި ހަމަނުކޮށް ދިނުމަކީ އެހެން މެންބަރުންގެ ވޯޓުލުމުގެ ހައްގު ގެއްލިގެންދާ ކަމެއް ނޫން ކަމަށް މޫސަ ވިދާޅުވި އެވެ. މޫސަ ވިދާޅުވީ، ވޯޓަށް ދަތިކުރުމަކީ ވެސް ގަވައިދު މަނާ ކުރާ ކަމަކަށްވާއިރު އިދިކޮޅު މެންބަރުން މިއަދު ކުރެއްވީ އެކަން ކަމަށެވެ. އެހެންނަމަވެސް މި މަހު ވެސް އެ މެންބަރުން ތިއްބެވީ ރައްޔިތުންގެ ޓެކްސް ފައިސާއިން މުސާރަ ނަންގަވައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

މޫސަ މިހެން ވިދާޅުވިއިރު އިދިކޮޅު މެންބަރުންގެ ޕީޖީ ލީޑަރު އިބްރާހިމް ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވީ، ކުއްލި ނުރައްކަލުގެ ހާލަތަކީ ގާނޫނު އަސާސީއާ ހިލާފަށް ހިންގާފައިވާ އެއްޗެއް ކަމަށާއި އެއާ ގުޅިގެން ކަން ކުރައްވާފައިވަނީ ވެސް ގާނޫނު އަސާސީއާ ހިލާފަށް ކަމަށްވާތީ އެފަދަ ކަމެއް ފާސްކުރުމަށް އެއަށް ގާނޫނީ ހައިސިއްޔަތު ދިނުމަށް ފުރުސަތު ނުދެއްވާނެ ކަމަށެވެ. މަޖިލީހަށް ވަޑައިނުގަތީ އެހެންވެ ކަމަށެވެ.

ގާނޫން އަސާސީގެ 87 ވަނަ މާއްދާގެ (ށ) ގައި ބުނެފައި ވަނީ ރައްޔިތުން އޭގެ މައްޗައް އަމަލު ކުރަން ޖެހޭ ކަމެއް މަޖިލީހުން ވޯޓަށް އަހަން ޖެހޭނީ މަޖިލީހުގެ ޖުމުލަ އަދަދުގެ ދެބައިކުޅަ އެއްބައި މެންބަރުން ހާޒިރުވެ ތިބެގެނެވެ. އެއީ ޖުމުލަ 43 މެންބަރުންނާއެކުގަ އެވެ. ނަމަވެސް އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ މެންބަރުން އެ ޖަލްސާ ބޮއިކޮޓް ކޮށްފައިވާތީ އެ މައްސަލަ ފާސް ކުރީ 38 މެންބަރުންގެ އިއްތިފާގުންނެވެ.

މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ވެސް މިއަދު ވަނީ މަޖިލީހުގެ ގަވައިދުގެ 38 ވަނަ މާއްދާއަ ހަވާލާދީ ވޯޓުގައި ދެބައިކުޅަ އެއްބައި މެންބަރުން ބައިވެރިވާކަށް ނުޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން އެ ގަވައިދުގައި ރައްޔިތުން ސީދާ އަމަލު ކުރަން ޖެހޭ ކަންކަމުގެ ތެރޭގައި ކުއްލި ނުރައްކަލުގެ ހާލަތު ނުހިމެނެ ކަމަށް މަސީހު ވިދާޅުވި އެވެ. އެހެންވެ މިއަދުގެ ވޯޓުގެ ސައްހަ ވާނެ ކަމަށް މަސީހު ވަނީ ވިދާޅުވެފަ އެވެ.