ހަބަރު

މިރޭ ޕީޕީއެމް މެންބަރުން ކިޔައިދިނީ "ގާނޫނު އަސާސީ"

ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު ފާސްކުރުމަށްފަހު "ގައުމަށްޓަކާ މަގޭ މޭ އައްޑަނައަކަށް" ނަމުގައި ޕީޕީއެމްއިން ބޭއްވި ޖަލްސާގައި ވާހަކަ ދެއްކެވި ހުރިހާ ބޭފުޅުން ވެސް ގާނޫނު އަސާސީގެ އެކިއެކި މާއްދާތައް ވަރަށް ތަފްސީލްކޮށް ކިޔައިދެއްވައިފި އެވެ.

ސަރުކާރުން ގާނޫނު އަސާސީއާ ހިލާފުވަމުންދާ ކަމަށް އިދިކޮޅުން ވަރަށް ބޮޑަށް ތުހުމަތުކުރަމުންދާއިރު، ޕީޕީއެމްގެ ތަރުޖަމާނު އަދި ކެލާ ދާއިރާގެ މެންބަރު އަލީ އާރިފް މިރޭ ވަނީ ގާނޫނު އަސާސީގެ ގިނަ މާއްދާތަކެއް ތަފްސީލްކޮށް ދެއްވާފަ އެވެ. އޭގެ ސަބަބެއް ކަމަށް އާރިފް ވިދާޅުވީ، ރައްޔިތުންނަށް އޮޅޭ ގޮތަށް ގާނޫނު އަސާސީގެ މާއްދާތައް ފުންނާބު އުސް ގާނޫނީ ވަކީލުން މާނަކޮށްދެމުންދާތީ އެވެ.

އާރިފް އެންމެ ބޮޑަށް ވާހަކަ ދެއްކެވީ، ރައީސްއަށް ލިބިދީފައިވާ ބާރުތައް ބަޔާންކުރާ މާއްދާތަކާއި ކުއްލި ނުރައްކަލުގެ ހާލަތު ބަޔާންކުރާ މާއްދާ އެވެ. ރައީސް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރައްވާފައިވަނީ ގާނޫނު އަސާސީގައިވާ ގޮތަށް ވެސް މާއްދާތައް ތަފްސީލް ކޮށް ދެއްވަމުން އާރިފް ވިދާޅުވި އެވެ.

އެ ގަރާރާ ގުޅޭ ގޮތުން މިއަދު މަޖިލީހުގައި ނެގި ވޯޓަކީ ވެސް ގާނޫނު އަސާސީގައިވާ ގޮތުން ނެގި ވޯޓެއްކަން އޭނާ ފާހަގަކުރެއްވި އެވެ. އެގޮތުން ގާނޫނު އަސާސީގެ 87 ވަނަ މާއްދާގެ (ށ)ގައި 43 މެންބަރުން ރައްޔިތުން އެއަށް އަމަލުކުރަންޖެހޭ ކަމެއް ފާސްކުރުމަށް ތިބެން ޖެހޭނެ ކަމަށް ބުނެފައިވީ ނަމަވެސް، ގާނޫނު އަސާސީގެ 88 ވަނަ މާއްދާގެ ދަށުން އެކުލަވާލާފައިވާ ގަވައިދުގެ 38 ވަނަ މާއްދާގައި އެ ކަންކަން ތަފްސީލްކޮށްފައިވާއިރު މުޅިން ވެސް ހުރީ ގާނޫނު ފާސްކުރާ ވާހަކަ ކަމަށެވެ. ގަރާރެއް ފާސްކުރުމަށް އެ އަދަދު މުހިންމު ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވަނީ އެ މާއްދާއަށް އިދިކޮޅު ވަކީލުން ޗެލެންޖް ކުރެއްވުމަށް ވެސް ގޮވާލައްވާފަ އެވެ.

މިރޭ ވާހަކަ ދެއްކެވި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު ވެސް ގާނޫނު އަސާސީގެ މާއްދާތަކެއް ފާހަގަކުރެއްވި އެވެ. އޭނާ ފާޙަގަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޒިންމާތަކެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައި މެންބަރުން އަމަލުކުރަން ޖެހޭނެ ކަމަށް ބުނެފައިވާ ގޮތްތަކުގެ މާއްދާތަކެވެ.

ޕީޕީއެމް ޕީޖީ ގުރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ނަޝީދު ވެސް ގާނޫނު އަސާސީގެ މާއްދާތައް ފާހަގަ ކުރެއްވި އެވެ. އަދި އެންމެން ވެސް އަމަލުކުރުމަށް ލާޒިމް ވަނީ އެ ގާނޫނު އަސާސީއަށް ކަމަށާއި ގާނޫނު އަސާސީއާ ހިލާފަށް މި ސަރުކާރުން އެއްވެސް ކަމެއް ނުކުރައްވާ ކަމުގެ ޔަގީންކަން އެރުއްވި އެވެ.

ގާނޫނު އަސާސީއާ ހިލާފަށް މިއަދު އެއްވެސް ކަމެއް ނުކުރައްވާ ކަމަށް ތަކުރާރުކޮށް ޕީޕީއެމްގެ މެންބަރުން ވިދާޅުވާއިރު ގާނޫނީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ، ޕީޕީއެމްއަށް ނިސްބަތްވާ މެންބަރު މުހައްމަދު ނަޝީދު މިއަދު ވޯޓް ނެގި ވަގުތު ޖަލްސާގެ ޗެމްބަރުގައި ވަޑައިގެން ނަމަވެސް އޭނާ ވަނީ ވޯޓްގައި ބައިވެރިވެ ވަޑައި ނުގެންފައެއް ނުވެ އެވެ.

މަޖިލީހުގެ މިއަދުގެ ވޯޓް ނަގާފައި މި ވަނީ، ރައްޔިތުން އޭގެ މައްޗަށް އަމަލު ކުރުން ލާޒިމް އެއްވެސް ނިންމުމެއް މަޖިލީހުން ނިންމަންވާނީ މަޖިލީހުގެ ޖުމްލަ އަދަދުގެ ދެބައިކުޅައެއް ބަޔަށް ވުރެ ގިނަ މެންބަރުން ތިބި ޖަލްސާއެއްގައި ކަމަށް ގާނޫނު އަސާސީގައި ބުނެފައި ވާތީ މިއަދުގެ ވޯޓްގެ ސައްހަ ކަމާ މެދު ވަނީ ސުވާލު އުފައްދާފަ އެވެ. އެ ވޯޓް ނެގޭނީ މަޖިލީހުގައި 43 މެންބަރުން ހާޒިރުވެ ތިބެގެން ކަމަށް ރާއްޖޭގެ ހުރިހާ ތަޖުރިބާކާރު ގާނޫނީ ވަކީލުން ވަނީ ބުނެފަ އެވެ.