ދުނިޔެ

ސޫރިޔާގެ ޣޫތާގެ ހާލަތު ސިފަނުކުރެވޭހާ ގޯސް: ޔޫއެން

ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދުގެ ސިފައިންނާއި ރަޝިޔާ ސިފައިން ގުޅިގެން އެގައުމުގެ އިރުމަތީ ޣޫތާއަށް މިހާރު ދެމުންދާ ވަރުގަދަ ހަމަލާތަކުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނަށް މިހާރު ކުރިމަތިވެފައި ވަނީ ސިފަކޮށްދޭން ވެސް ނޭނގޭހާ ބިރުވެރި ހާލަތެއް ކަމަށް އދ. އިން ބުނެފިއެވެ.

ސޫރިޔާ ހަނގުރާމައިގެ ހާލަތު ބަލަން އދ. އިން މަތިކޮށްފައިވާ ޕަނޯސް މުމްޒިޒް ބީބީސީއަށް ވިދާޅުވެފައި ވަނީ އިރުމަތީ ޣޫތާއަށް މިފަހަރު ދޭން ފެށި ހަމަލާތަކުގައި މިހައިތަަނަށް 250 މީހުން މަރުވެފައިވާ ކަމަށެވެ.

ޣޫތާގެ ބައެއް ރައްޔިތުންނާ ހަވާލާދީ ބީބީސީ ބުނީ އެރަށަށް ދިން ހަމަލާތަކުގައި ގިނައިން މަރުވަމުންދަނީ އާއްމުން ކަމަށާއި އޭގެ ތެރޭގައި 50 ކުޑަ ކުދިން ވެސް ހިމެނޭ ކަމަށެވެ. ހަމަލާތަކުގައި ޒަހަމްވިމީހުންގެ އަދަދު މިހާރު ވަނީ 1200 އަށް އަރާފައި ވެއެވެ.

" އަހަރެމެންނަށް އިވޭ އަންހެނުންނާއި ކުޑަކުދިންގެ ރުއިމުގެ އަޑު ، ގޭގޭގެ ކުޑަދޮރުން. މިސައިލްތަކާއި މޯޓަރުބަޑީގެ އުންޑަތައް އަހަރެމެންގެ މައްޗަށް އޮހެމުން ދަނީ ވާރޭ ވެހޭހެން. މިބިރުވެރިކަމުން ސަލާމަތްވާން ފިލަންދާނެ ތަނެއް ނެތް. މިކަމެއް ނުވެސް ނިމޭ،" އިރުމަތީ ޣޫތާއިން ބީބީސީއަށް މައުލޫމާތު ދިން ފިރާސް އަބުދުﷲ ބުނެފައި ވެއެވެ.

އިރުމަތީ ޣޫތާއަށް ދޭހަމަލާތަކާ ބެހޭ ގޮތުން ސޫރިޔާ ސަރުކާރުން ބުނަމުން ދަނީ އެެއީ ޓެރިސްޓުންނާ ދެކޮޅަށް ދޭ ހަމަލާތަކެއް ކަމަށެވެ.

އިރުމަތީ ޣޫތާއަކީ ސޫރިޔާގެ ވެރިރަށް ދިމިޝްގެ ކައިރީގައި، އެގައުމުގެ އިދިކޮޅުހަނގުރާމަވެރިންގެ ބާރުގެ ދަށުގައި އޮތް ރަށެކެވެ. ސޫރިޔާ ހަނގުރާމައިގެ އޮއިވަރު ބަދަލުވެ، އަސަދު ސަރުކާރުގެ ބާރު ގަދަވާން ފެށީ އޭނާއަށް މަދަދުކުރަން ރަޝިޔާއާއި އިރާނުން ހަނގުރާމައިގައި ބައިވެރިވުމުންނެވެ.

ސޫރިޔާގައި ހިނގަމުންދާ ހަ އަހަރަށް ވުރެ ދިގުލީ ހަނގުރާމަ އަކީ ދާހިލީ ހަނގުރާމައެއް ކަމަށް ދުނިޔެއިން ސިފަ ކުރިޔަސް އެ ހަނގުރާމައިގައި އެމެރިކާ، ރަޝިޔާ، އީރާން، ތުރުކީ އަދި ބައެއް އަރަބިގައުމުތަކުން ވެސް ބައިވެރިވެއެވެ. އެހަނގުރާމައިގައި ހަލައްކައެއްހާ މީހުން މަރުވި އިރު އޭގެ ތެރޭގައި ގިނައީ އާއްމުންނެވެ. އެހަނގުރާމައިގެ ސަބަބުން އެތައް މިލިޔަން މީހުންނެއް ވަނީ ރެފިއުޖީންނަށް ވެފައެވެ.