ހަބަރު

ޑްރަގް މައްސަލާގައި މީހަކު ހޯދަން ފާރިސްގެ ގެއަށް ވަދެއްޖެ

Feb 21, 2018
1

ޑްރަގް މައްސަލާގައި މީހަކު ހޯދަން، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ ގެއަށް ފުލުހުން ވަދެއްޖެ އެވެ.

ފާރިސްގެ ގާތް ބޭފުޅަކު ވިދާޅުވީ، ޑްރަގް މައްސަލައާ ގުޅުންހުރި މީހަކު ހޯދަން ކަމަށްބުނެ ފުލުހުން މިއަދު ފާރިސް މެން ގެއަށް ވަދެފައިވާ ކަމަށެވެ. ނަމަވެސް ފުލުހުން އެގެއަށްވަދެ ކުރީ ކޮންކަމެއް ކަމެއް ސާފެއް ނުވެ އެވެ.

ފާރިސްގެ އެޕާޓްމެންޓަށް ފުލުހުން މިއަދު ގޮސްފައިވަނީ ޑްރަގް ކޯޓުގެ އަމުރެއް ހިފައިގެންނެވެ. އެ އަމުރުގައި ވަނީ ހޯދަމުންދާ މީހަކީ ތިން އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާ މީހެކެވެ.

ނަމަވެސް އެމީހާ ދިރިއުޅޭގެ ކަމަށް އަމުރުގައި ލިޔެފައިވަނީ މުއިވެޔޮ މަގު، މ. ސެނަރޯޒް ގޭގައި ކަމަށެވެ. އެ އަމުރުގައި މ. ސްނޯރޯޒް، ކޯރުކެނޑި މަގު ލިޔެފައިވަނީ ގަލަމުން ނެވެ.

ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރެއް ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ފާރިސް ވަނީ ހައްޔަރުކޮށްފަ އެވެ. ފާރިސްގެ އިތުރުން، އެ ތުހުމަތުގައި އޭނާގެ ބައްޕާފުޅު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ހުންނެވީ ހައްޔަރު ކޮށްފަ އެވެ.