އަމާނާ ތަކާފުލް

އަމާނާ ތަކާފުލްގެ ސާޕްލަސްގެ އަދަދު 5.8 މިލިއަން ރުފިޔާއަށް

Feb 25, 2018

އަމާނާ ތަކާފުލް އިން ވޭތުވެދިޔަ ހަ އަހަރު ތެރޭގައި ސާޕްލަސް ފައިސާގެ އަދަދު 5.8 މިލިއަން ރުފިޔާއަށް ވުރެ އިތުރުވެއްޖެ އެވެ.

އަމާނާ ތަކަފުލް އޮފީހުގައި މިއަދު ޕްރެޒެންޓޭޝަނެއް ދެއްވަމުން، ޖެނެރަލް މެނޭޖަރު އިބްރާހިމް ރިޔާޒު ވިދާޅުވީ 2011 އިން ފެށިގެން ދޭން ފެށި ސާޕްލްސް އަހަރުން އަހަރަށް އިތުރުވުމަކީ ލިބިގެންދާ ކުރިއެރުމެއް ކަމަށެވެ.

"އަމާނާތަކާފުލް އިން ފުރަތަމަ ސާޕްލަސް ދިނީ 2012 ވަނަ އަހަރު ފުރަތަމަ ދިނީ 10 ޕަސެންޓް. އަދި ޖެހިގެން އައި އަހަރު ވެސް ދިނީ 10 ޕަސެންޓް. ނަމަވެސް 2014 ވަނަ އަހަރު ސާޕްލަސް މިވަނީ 12.5 ޕަސެންޓަށް އިތުރުކޮށްފަ. އޭގެ ފަހުން 2015 ވަނަ އަހަރު 13 ޕަސެންޓް ދޫކުރަނީ،" ރިޔާޒު ވިދާޅުވި އެވެ.

ސާޕްލަސްއަކީ އިސްލާމިކް އިންޝުއަރެންސާއި އެހެން އިންޝުއަރެންސުގެ އެންމެ ބޮޑު ތަފާތު ގެނެސްދޭ އެއް ސިފަ އެވެ. ސާޕްލަސްއަކީ ތަކާފުލް އުސޫލުގެ ތެރެއިން ރިސްކުފަންޑު ހިންގާއިރު ބައިވެރިންގެ ކްލެއިމްތަކަށް ބަދަލު ދީފައި އޭގެ އިތުރުން ރިޒާވްގައި ހުންނަން ޖެހޭ އަދަދަށް ފައިސާ ބެހެއްޓުމަށްފަހު އިތުރުވާ ބައެވެ.

ދެހާސް ތިން ވަނަ އަހަރު ރާއްޖޭގައި ހިދުމަތް ފެށި އަމާނާ ތަކާފުލް އިން ރާއްޖޭގެ ހިއްސާގެ ބާޒާރުގައި ލިސްޓު ކޮށްފައިވަނީ 2011 ވަނަ އަހަރު އެވެ.

އެ ކުންފުނިން މިއަދު ވަނީ މިދިޔަ އަހަރުގެ ފަހު ހަ މަސް ދުވަހުގެ ސާޕްލަސްގެ ގޮތުގައި 13 ޕަސެންޓް ބަހަން ނިންމާފައިވާކަން އިއުލާނުކޮށްފަ އެވެ.

އަމާނާ ތަކާފުލްގެ ހަތް ފަނަ ސާޕްލަސް ދިނުމާ ބެހޭ ގޮތުން، ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހަރީޒް ސުލައިމާން ވިދާޅުވީ އަހަރުން އަހަރަށް ދޭ ސާޕްލަސްގެ އަދަދު އިތުރުވުމަކީ ލިބިގެންދާ އުފަލެއް ކަމަށެވެ.

"ސާޕްލަސްގެ މައިގަނޑު މަގުސަދަކީ ދިވެހިންނަށް އިންޝުއަރެންސުގެ ފައިދާ ގެނެސް ދިނުން. ހަމައެއާއެކު ދުނިޔޭގެ ފެންވަރުގައި އިސްލާމިކް އިންޝުއަރެންސް ފޯރުކޮށްދޭ ކުންފުންޏަކަށްވުން،" ހަރީޒް ވިދާޅުވި އެވެ.

ރާއްޖޭގައި އުފެއްދި އެންމެ ފުރަތަމަ ތަކަފުލް ހިދުމަތްދޭ ކުންފުނިން ދަނީ ރާއްޖޭގެ ބާޒާރުގައި ގިނަ ކާމިޔާބީތަކެއް ހޯދަމުންނެވެ. އަދި އަހަރުން އަހަރަށް ބަހާ ފައިދާގެ އަދަދު ވެސް ވަނީ އިތުރުވެފަ އެވެ.