އުރީދޫ

އެމް-ފައިސާ ޓްރެވަލް އިންޝުއަރެންސް ތައާރަފުކޮށްފި

ރާއްޖެއިން ބޭރަށް ދަތުރުކުރާ މީހުންނަށް ހާއްސަކޮށްގެން އުރީދޫ މޯލްޑިވްސް އާއި އަމާނަ ތަކާފުލް މޯލްޑިވްސް ގުޅިގެން އެމް ފައިސާ ޓްރެވަލް އިންޝުއަރެންސް ޕެކޭޖެއް ތައާރަފުކޮށްފި އެވެ.

އުރީދޫ މޯލްޑިވްސް އިން ބުނި ގޮތުގައި އެމް ފައިސާ ޓްރެވަލް އިންޝުއަރެންސްއަކީ ރާއްޖެއިން ބޭރަށް ދަތުރުކުރާ މީހުންނަށް ހާއްސަކޮށްގެން ފޯރުކޮށްދޭ ޓްރެވަލް އިންޝުއަރެންސް ޕެކޭޖެކެވެ. ދަތުރުގައި ދިމާވާ އެކިއެކި ހާދިސާތަކުން ލިބޭ މާލީ ގެއްލުންތަކަށް މި ޕެކޭޖުން ބަދަލު ފޯރުކޮށްދޭނެ ކަމަށް އުރީދޫން ބުނެ އެވެ.

މިގޮތުން މިޕެކޭޖުން ބަދަލު ފޯރުކޮށްދޭ ކަންކަމުގެ ތެރޭގައި ދަތުރުމަތީގައި ދިމާވި އެކްސިޑެންޓެއްގައި ނިޔާވުން ނުވަތަ ދާއިމީ ނުކުޅެދުންތެރިކަމެއް ކުރިމަތިވެއްޖެނަމަ 771،000 ރ. އާއި ހަމައަށް ބަދަލު ފޯރުކޮށްދެވޭނެ އެވެ.

ކުއްލި ހާލަތްތަކުގައި (އެކްސިޑެންޓް އަދި އެމަޖެންސީ ހާލަތުގައި) ބޭސްފަރުވާގެ ހަރަދުތައް 1،542،000ރ. އާ ހަމައަށް ބަދަލު ފޯރުކޮށްދެވޭނެ އެވެ.

ބަދަލު ފޯރުކޮށްދޭ އިތުރު ކަންކަމުގެ ތެރޭގައި ދިމާވާ ހާލަތެއްގެ ސަބަބުން ދަތުރު ކެންސަލް ކޮށްލަން ޖެހުން ނުވަތަ ދަތުރު ކުރުކޮށްލާފައި އަންނަން ޖެހިއްޖެ ހާލަތެއްގައިވެސް ބަދަލު ފޯރުކޮށްދެވޭނެ އުސޫލުތަކެއް ހިމެނިފައިވާނެ އެވެ. މީގެ އިތުރުން ފްލައިޓަށް އެރުވި ދަބަސް ގެއްލުން ނުވަތަ ޕާސްޕޯޓް ގެއްލުންފަދަ ހާލަތްތަކުގައިވެސް ބަދަލު ފޯރުކޮށްދެވޭނެ އެވެ.

ހަމައެހެންމެ ފުރަން އޮތް ފްލައިޓަށް ދިމާވި ކަމެއްގެ ސަބަބުން ދަތުރު ކުރެވޭގޮތް ނުވުން ނުވަތަ ފުރަން އޮތް ފްލައިޓް ފުރުން 12 ގަޑިއިރަށް ވުރެ ލަސްވެއްޖެ ނަމަ ބަދަލުދެވޭ އުސޫލުތަކެއް ހިމަނާފައިވެ އެވެ.

އުރީދޫން ބުނި ގޮތުގައި ކަސްޓަމަރުންނަށް މިޕެކޭޖު 14 ދުވަހުގެ މުއްދަތަކަށް ނުވަތަ 35 ދުވަހުގެ މުއްދަތަކަށް ނެގޭނެ އެވެ.

މިޓްރެވަލް އިންޝުއަރެންސް ޕެކޭޖުގައި އޭޝިއާ ބައްރުގެ ގައުމުތަކަށް ދަތުރު ކުރުމަށް ހާއްސަ އެންމެ އަގުހެޔޮ އޭޝިޔާ ޕެކޭޖު ލިބެން ހުންނާނެ އެވެ. މީގެ އިތުރުން އެމެރިކާ ނުވަތަ ކެނެޑާއަށް ދަތުރު ކުރައްވާ މީހުންނަށް ހާއްސަ ޕެކޭޖެއްވެސް ލިބެން ހުންނާނެ އެވެ.

އުރީދޫން ބުނީ އެމް ފައިސާ ޓްރެވަލް އިންޝުއަރެންސްއަކީ މިވަގުތު މާކެޓްގައި ލިބެން ހުރި އެންމެ އަގުހެޔޮ ޓްރެވަލް އިންޝުއަރެންސް ޕެކޭޖު ކަމަށާއި މިޕެކޭޖުގެ އަގު ކަނޑައަޅަނީ ޕެކޭޖު ނަގާ މުއްދަތަކަށާއި ދަތުރުކުރާ ގައުމަށް ކަމަށެވެ.

މިގޮތުން އޭޝިއާ ބައްރުގެ ގައުމަކަށް 14 ދުވަހުގެ މުއްދަތަކަށް ދަތުރުކުރާނަމަ ދައްކަންޖެހޭ ދައްކަންޖެހޭނީ އެންމެ 117 ރުފިޔާ އެވެ.

މި ޕެކޭޖާ ގުޅޭ ގޮތުން އަމާނާ ތަކަފުލްގެ ޖެނެރަލް މެނޭޖަރު އިބްރާހީމް ރިޔާޒު ވިދާޅުވީ ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ ސަބަބުން އިންޝުއަރެންސް ދާއިރާއަށް ގިނަ ފުރުސަތުތަކެއް ހުޅުވި ސިނާއަތަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލުތަކެއް ހުޅުވެމުންދާ ކަމަށެވެ.

"އުރީދޫ ފަދަ ރައްޔިތުން އިތުބާރުކުރާ ކުންފުންޏަކާއި އަމާނާ ތަކަފުލް ގުޅިގެން އުރީދޫގެ ކަސްޓަމަރުންނަށް ފުރިހަމަ ޓްރެވަލް އިންޝުއަރަންސެއް، ޖީބަށްކަތާވަރުގެ އަގެއްގައި އުރީދޫގެ އެމް-ފައިސާ ފަދަ ޕްލެޓްފޯމަކުން ލިބެންހުރުމަކީ މިފަދަ ޕްރަޑަކްޓެއް ބަލައިގަތުމަށް ފަސޭހަވެގެންދާނެ ކަމެއް،" އިބްރާހީމް ރިޔާޒު ވިދާޅުވި އެވެ.

އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ އެމް-ފައިސާ ބޭނުންކޮށްގެން ފަސޭހަކަމާއެކު އުރީދޫ ސުޕާއެޕް މެދުވެރިކޮށް މި އިންޝުއަރެންސް ޕްލޭން ބަލައިލެވޭނެ ކަމަށެވެ.

މިޕެކޭޖު 65 އަހަރުން ދަށުގެ ކޮންމެ މީހަކަށްވެސް ނެގޭއިރު އެއްކޮށް ދަތުރުކުރާ މީހުންނަށް ވަކިވަކި ޕެކޭޖު ނެގުމުގެ ބަދަލުގައި އެއް ޕެކޭޖުގައި އެންމެން ހިމަނާލެވުމުގެ ފަސޭހަވެސް ލިބެއެވެ.

މިޕެކޭޖުން ބަދަލު ހޯދުމަށް އެކްސިޑެންޓެއް ދިމާވުމުން ވީހާވެސް އަވަހަކަށް އަމާނަ ތަކަފުލް މޯލްޑިވްސް އާއި ހިއްސާ ކުރުމަށްފަހު ހަރަދުވި ބިލްތައް ހުށައެޅުމުން ބަދަލު ފޯރުކޮށްދެވޭނެ ކަމަށްވެސް އުރީދޫން ބުނެ އެވެ.

މީގެ އިތުރުން އެންމެ މުހިންމު ކަމެއްގެ ގޮތުގައި އެމެޖެންސީ ހާލަތުގައި ބޭސްފަރުވާގެ ކަންކަން ހަމަޖެއްސުމަށްޓަކައި އަމާނަ ތަކަފުލް މޯލްޑިވްސްގެ ތާޑްޕާޓީ އެޖެންޓުން އެހީތެރިކަން ފޯރުކޮށްދިނުމަށް އެކިއެކި ސަރަހައްދުތަކުގައި ތިބޭނެ ކަމަށްވެސް ބުނެފައިވެ އެވެ.