އަމާނާ ތަކަފުލް (މޯލްޑިވްސް) އިން މިދިޔަ އަހަރު ފައިދާ އިން ހިއްސާދާރުންނަށް ރެކޯޑު ޑިވިޑެންޑެއް ބަހަން ނިންމައިފި އެވެ.
އަމާނާ ތަކަފުލް އިން އިއްޔެ އޮންލައިންކޮށް ބޭއްވި އަހަރީ އާއްމު ޖަލްސާގައި ރެކޯޑު ޑިވިޑެންޑެއް ބަހަން ނިންމާފައިވަނީ އެ ކުންފުނީގެ ތާރީހުގައި ވެސް މިހާތަނަށް އެންމެ ބޮޑު ޑިވިޑެންޑެއް ބެހުމަށް ޑިރެކްޓަރުންގެ ބޯޑުން ކަނޑައެޅީ ވެއަތުވެދިޔަ އަހަރު ކުންފުނީގެ މާލީ ކާމިޔާބުގެ މައްޗަށް ބިނާކޮށެވެ.
އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ވަނީ ޑިވިޑެންޑުގެ ގޮތުގައި 10 ޕަސެންޓް އަދި ފައިނަލް ޑިވިޑެންޑުގެ ގޮތުގައި 10 ޕަސެންޓުގެ ގޮތުގައި ދޭން ނިންމާފަ އެވެ. އެހެންކަމުން މިދިޔަ އަހަރުގެ ޖުމްލަ ޑިވިޑެންޑް ހިއްސާއަކަށް ޖެހޭ މޫނުމަތީ އަގުގެ 20 ޕަސެންޓް ހިއްސާދާރުންނަށް ދިނުމަށް މިވަނީ ކަނޑައަޅާފަ އެވެ. މިއީ 2020 ވަނަ އަހަރު ބަހާފައިވާ ހިއްސާގެ ފައިދާއާއި އަޅާބަލާއިރު 14 ޕަސެންޓުގެ ކުރިއެރުމެކެވެ.
މިދިޔަ އަހަރު އަމާނާ ތަކަފުލް އަށް ރެކޯޑު ފައިދާއެއް ލިބިފައިވެ އެވެ. ޓެކްސްއަށް ކެނޑުމުގެ ކުރިން ފައިދާގެ ގޮތުގައި 22 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ 2020 ވަނަ އަހަރާ އަޅާބަލާއިރު 37 ޕަސެންޓުގެ ކުރިއެރުމެކެވެ. 2021 ވަނައަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ރެވެނިޔު ރިޒާވް 25 ޕަސެންޓް އިތުރުވެ، 31 ޑިސެމްބަރުގެ ނިޔަލަށް 73 މިލިއަން ރުފިޔާ ރެކޯޑް ކޮށްފައިވާއިރު މި މުއްދަތުގައި ޖުމްލަ ރައުސުލްމާލު 228 މިލިއަން ރުފިޔާ އަށްވަނީ އިތުރުވެފަ އެވެ.
"މިއީ، އިގްތިސާދީ ހީނަރުކަމުގެ ސަބަބުން އަންނަ ބަދަލުތަކާއި، މާކެޓް އަށް އަންނަ ބަދަލުތަކާއެކު، ކުންފުނީގެ ކުރިއެރުމަށް ކުންފުނީގެ ފަރާތުން ކެނޑިނޭޅީ މަސައްކަތް ކުރަމުންދާކަމުގެ އަލިގަދަ ހެއްކެކެވެ. އަދި ކޮވިޑް19ގެ ސަބަބުން ހީނަރުކަމެއް އައި ނަމަވެސް ފައިދާގެ ގޮތުގައި ނުވަ ޕަސެންޓުގެ ކުރިއެރުމެއް އެކުންފުނިން ވަނީ ހޯދާފަ އެވެ،" އަމާނާ ތަކަފުލް އިން ބުނެފައިވެ އެވެ.
މިދިޔަ އަހަރުގެ ފައިދާގެ ގޮތުގައި އަމާނާ ތަކަފުލް އިން ރެކޯޑް އަދަދެއް ކަނޑައެޅިއިރު، ކުންފުނީގެ ޖުމްލަ އާމްދަނީގެ ގޮތުގައި 2021 ވަނަ އަހަރު 152.7 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ އޭގެ ކުރީއަހަރާއި އަޅާބަލާއިރު ނުވަ ޕަސެންޓުގެ ކުރިއެރުމެކެވެ. ވިޔަފާރިތަކަށް ޕެންޑެމިކުގެ ސަބަބުން ވަރަށްބޮޑެތި އަސަރު ކޮށްފައިވީ ނަމަވެސް، އޭޓީއެމް އިން ވަނީ ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވި ދަތިތައް މެނޭޖުކޮށްފަ އެވެ.
އަމާނާ ތަކަފުލްގެ ޗެއާމަން ތައްޔިބް އަކްބަރު އަލީ ވިދާޅުވީ ވިޔަފާރީގެ ދުވެލި ބާރުކުރުމަށް އަޅުގަނޑުމެން ކެނޑިނޭޅި ގިނަ މަސައްކަތްތަކެއް ކުރިއެރުމެކެވެ. އަދި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލު ކުރުމުގައި، ޓެކްނޮލޮޖީއާއި، އެތެރޭގެ ނިޒާމުތަކާއި، ޕްރޮސެސްތަކާއި، އިންސާނީ ވަސީލަތްތަކަށް ކުރެވޭ އިންވެސްޓްމަންޓްތައް ހުއްޓުމެއްނެތި ކުރިއަށް ދިޔަ އެވެ.
ރާއްޖޭގައި ތަކަފުލްގެ އެންމެ ފުރަތަމަ ކުނުފުނީގެ ހައިސިއްޔަތުން އޭޓީއެމްގެ އިގުތިމާޢީ ޒިންމާއަށް ވަރަށް ބޮޑު ސަމާލުކަމެއް ދެއެވެ. އެގޮތުން އޭޓީއެމް އިން ދަނީ މުޖުތަމައުގެ އެކި ކަންކަމުގައި ބައިވެރިވެ އެހީތެރިވުމުގައި އަމިއްލަ ޖަމްއިއްޔާ ޖަމާއަތްތަކާއި، ސްކޫލްތަކާއި، ކޮލެޖްތަކާއި، ސަރުކާރުގެ މުއައްސަސާތަކާ ގުޅިގެން ވަރަށް ޝައުގުވެރިކަމާއެކު މަސައްކަތް ތަކެއް ކުރަމުންނެވެ. މީގެ ތެރޭގައި ސްކޫލްތަކާއި ޔުނިވާސިޓީތަކަށް ތަކަފުލް އެޑްވޮކަސީ ޕްރޮގްރާމްތައް ހިންގުމުގެ އިތުރުން، ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމްތައް އިންތިޒާމުކޮށް ހިންގާ، ބޭރުގެ އެކި ހޮސްޕިޓަލުތަކާ ގުޅިގެން މެޑިކަލް ކޭމްޕް ހިންގުމާއި އަދި ސްޕޮންސާޝިޕްތައް ފާހަގަކޮށްލެވެ އެވެ.
ޒިންމާދާރު ތަކަފުލް އޮޕަރޭޓަރެއްގެ ހައިސިއްޔަތުން އޭޓީއެމްގައި ދެމެހެއްޓެނިވި ވިޔަފާރީގެ އުސޫލުތަކަށް މަގު ފަހިކޮށްދީ، ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދީ، މުޅި މުޖުތަމައަށް ހެޔޮ އަސަރުތަކެއް ކުރުވާ ފަދަ ހަރުދަނާ ކޯޕަރޭޓް ގަވަނަންސް އާއިބެހޭ އޮނިގަނޑެއް ވަނީ އެކުލަވާލައިފަ އެވެ.
އަމާނާ ތަކަފުލްގެ ކުންފުނީގެ ސީއީއޯ ހަރީޒް ސުލައިމާން ވިދާޅުވީ އެ ކުންފުނީގެ މައިގަނޑު އެއް އަމާޒަކީ ޓެކްނޮލޮޖީގެ އެހީގައި ހިދުމަތް ރައްޔިތުންނަށް އަވަސްކަމާއެކު ފަސޭހަ ގޮތެއްގައި ފޯރުކޮށްދިނުމެވެ.
"ވިޔަފާރީގެ ވާދަވެރިކަމަށް ހަމަހަމަކަން ހޯދާދިނުމުގެ ބޭނުމުގައި ކުންފުނިތަކުގެ ފަރާތުން ހުށަހެޅި ހުށަހެޅުމަށް އިޖާބަ ދިނުމަށް ސަރުކާރުން ބިދޭސީންގެ ވާކްވިސާ އިންޝުއަރަންސް އާއްމުކޮށް ހުޅުވާލުމުގެ ސިޔާސަތުގެ ސަބަބުން ބިދޭސީ މެޑިކަލް ކަވަރގައި ވާދަވެރިކަން އިތުރުވެގެން ދިޔަ،" ހަރީޒް ވިދާޅުވި އެވެ.
ކުންފުނީގެ ރިސްކް ފަންޑް ހެޔޮގޮތުގައި ހިންގުމުގެ ނަތީޖާއެއްގެ ގޮތުން، ފަންޑު ސާޕްލަސްވެ ފަންޑުގެ ބައިވެރިންނަށް ވެއަތުވެދިޔަ ނުވަ އަހަރު ހުއްޓުމެއްނެތި ސާޕްލަސް ބަހާފައިވެ އެވެ. މިމުއްދަތުގެ ތެރޭގައި ކުންފުނީގެ ފަރާތުން 10 އަދި 15 ޕަސެންޓް އާއިދެމެދުގެ ސާޕްލަސް ކޮންމެ އަހަރަކު ބަހާފައިވެ އެވެ. ވެއަތުވެދިޔަ ތިން އަހަރު ތެރޭގައި ޑިކްލެއާ ކުރި ޖުމްލަ ސާޕްލަސް ބެނިފިޓް 5.8 މިލިއަން ރުފިޔާ އަށް އަރަ އެވެ.