އަމާނާ ތަލަފުލް މޯލްޑިވްސް އިން މި އަހަރުގެ ފުރަތަމަ ޑިވިޑެންޑު [ހިއްސާގެ ފައިދާ] ގޮތުގައި މިހާތަނަށް ދޭ އެންމެ ބޮޑު އަދަދު ކަނޑައަޅައިފި އެވެ.
އަމާނާ ތަކާފުލް މޯލްޑިވްސް އިން މި އަހަރުގެ ފުރަތަމަ އިންޓެރިމް ޑިވިޑެންޑުގެ ގޮތުގައި ކަނޑައަޅާފައި ވަނީ ކުންފުނީގެ ފައިދާގެ ތެރެއިން 10 ޕަސެންޓެވެ. މިއީ މިދިޔަ އަހަރާއި އަޅާބަލާއިރު 2.5 ޕަސެންޓުގެ ކުރިއެރުމެކެވެ.
މި ނިންމުމާއެކު ފައިދާގެ 2.63 މިލިއަން ދިވެހި ހިއްސާދާރުންނަށް ބަހާނެ އެވެ. މިދިޔަ އަހަރު ދުނިޔެއަށް ކުރިމަތިވި ކޮވިޑުގެ ހާލަތުގައި ވެސް ކުންފުނީގެ ހިންގުން ވަނީ ހަރުދަނާކޮށް ކޮވިޑުން ވިޔަފާރި އަށް ލިބިދާނެ ގެއްލުންތައް ކުޑަކުރެވޭނެ ގޮތަށް ފިޔަވަޅުތައް އަޅާފަ އެވެ. އަދި، 2021 ވަނަ އަހަރުގެ ފުރަތަމަ ދެ ކުއާޓަރުގައި ކުރިމަތިވި ފުރަބަންދުގައި ވެސް ކުންފުނީ މާލީ ދުޅަހެޔޮކަން ހިފެހެޓުމަށް ތަފާތު ގިނަ ކަންކަމެއް ހިންގި އެވެ.
"މި ހުރިހާ ކަމެއްގެ ނަތީޖާއެއްގެ ގޮތުން ކުންފުނި ވަނީ ރަނގަޅު މިސްރާބެއްގައި ހިފެހެއްޓުމާއެކު ކުންފުންޏާ އެކަށޭނެ ދުވެލީގައި ކުރިއަރަމުން ދެވޭނެ އިންތިޒާމުތައް ހަމަޖައްސާފަ އެވެ،" އަމާނާ ތަކަފުލް އިން ބުނެފައިވެ އެވެ.
ރާއްޖޭގައި ހުރި ހަމައެކަނި ފުލްފްލެޖު ތަކާފުލް ކުންފުންޏަށް ޓެކްސް ކަނޑާ 17.6 މިލިއަން ރުފިޔާ ވަނީ ސެޕްޓެމްބަރު 2021 ގެ ނިޔަލަށް ފައިދާގެ ގޮތުގައި ލިބިފަ އެވެ. މިއީ ފާއިތުވި އަހަރާއި އަޅާބަލާއިރު ނުވަ ޕަސެންޓުގެ ކުރިއެރުމެކެވެ.
ކުންފުނީގެ ވިޔަފާރި ހިންގާ އޮނިގަނޑު ބިނާވެގެން ވަނީ ކަސްޓަމަރުން ކުންފުންޏަށް ކުރާ އިތުބާރާއި އަދި ކުންފުނީގެ ފަރާތުން މުގުތަމައަށް ފޯރުކޮށްދޭ ހިދުމަތްތަކަށެވެ. ކުންފުނީގެ ފަރާތުން މިވީ ދިގުމުއްދަތުގައި ރިސްކް ފަންޑު މެނޭޖު ކޮށްފައި ވަނީ ކަޑައަޅާފައިވާ އުސޫލުތަކުގެ ތެރެއިން ކޮންމެ ކަހަލަ ގޮންޖެހުމަކާއި ކުރިމަތުލާ އެކަންކަމަށް ހައްލު ހޯދައިގެނެވެ.
އަމާނާ ތަކާފުލް ގެ ފަރާތުން ކަސްޓަމަރުންނަށް އަބަދުވެސް ދަނީ ރިސްކް މެނޭޖުކުރުމަށް ބޭނުންވާ ތަފާތު ތަކާފުލް (އިންޝުއަރަންސް) ހިދުމަތްތައް ދެމުންނެވެ. ކުންފުނީގެ ވިޔަފާރި މޮޑެލް ބިނާވެފައިވާ ތަކާފުލް އޮނިގަނޑުގެ ތެރެއިން ކުންފުނިން ވަނީ ވޭތުވެދިޔަ އަށް އަހަރު މެދުނުކެނޑި ކަސްޓަމަރުންނަށް (ރިސްކް ފަންޑުގެ ބައިވެރިން) ފަންޑުން އިތުރުވާ ސާޕްލަސް ދީފައެވެ. 10 އިން ޕަސެންޓުން ފަށައިގަތް ސާޕްލަސް މިހާރު ވަނީ 15 އިންސައްތައަށް އިތުރު ކޮށްފަ އެވެ.