ވިޔަފާރި

ސީޕްލޭން މަރާމާތު ކުރާ ހެނގަރުގެ މަސައްކަތް ފަށައިފި

Feb 26, 2018
1
  • ޓާމިނަލް ހަދަނީ ބީޔޫސީޖީއިން
  • މަޝްރޫއުގެ އަގު 40 މިލިއަން ޑޮލަރު
  • މަސައްކަތް މި އަހަރު ނިމޭނެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ހަދާ އާ ސީޕްލޭން ޓާމިނަލްގެ، ސީޕްލޭން މަރާމާތުކުރާ ހެނގަރުގެ މަސައްކަތް ފަށަފި އެވެ.

ވީއައިއޭ ހިންގާ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނި ގޮތުގައި އާ ސީޕްލޭން ޓާމިނަލްގެ އެމްއާރްއޯ އޭރިއާގެ ބިންގާ އަޅާފައިވާ ކަމަށެވެ. އެމްއާރްއޯ އޭރިއާއަކީ ސީޕްލޭން މަރާމާތު ކުރާ ސަރަހައްދު ނުވަތަ ހެނގަރެވެ.

މި ތަނުގައި ސީޕްލޭންތައް މަރާމާތު ކުރަން ބަހައްޓާ ހެނގަރު ހަދަން، 14،000 އަކަމީޓަރު ބިން ތަރައްގީ ކުރާނެ އެވެ.

ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ބޭސް އޮންނަ ރާއްޖޭގެ އާ ސީޕްލޭން ޓާމިނަލްގެ ބިންގާ އަޅާފައިވަނީ 29، ޖެނުއަރީ 2018 ވަނަ ދުވަހު އެވެ.

އާ ސީ ޕްލޭން ޓާމިނަލްގެ މަޝްރޫއުގެ ދަށުން 3.2 ހެކްޓަރު (32،000 އަކަމީޓަރު) ގެ ބިން ހިއްކުމުގެ މަސައްކަތް ނިންމާފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހު އެވެ. މި ޕްރޮޖެކްޓަކީ ޖުމްލަ 40 މިލިއަން ޑޮލަރު (616 މިލިއަން ރުފިޔާ) ގެ ބޮޑު މަޝްރޫއެކެވެ.

ސީޕްލޭން ޓާމިނަލްގެ މަސައްކަތް ކުރަނީ، ވީއައިއޭގެ އެންމެ މުހިންމު މަސައްކަތް ކަމަށްވާ އާ ރަންވޭގެ މަސައްކަތް ކުރާ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އިންނެވެ.

ރާއްޖޭގައި ސީޕްލޭންގެ ހިދުމަތް ދައުލަތުގެ ކުންފުނި މޯލްޑިވިއަން އާއި ޓީއެމްއޭ އިން ދެ އެވެ. މޯލްޑިވިއަން އިން ދަނީ 2014 ވަނަ އަހަރުން ފެށިގެން ދަނީ ހަލުވިކަމާއެކު މި ހިދުމަތް ފުޅާކުރަމުންނެވެ. މި އެއާލައިންގައި މޫދަށް ޖައްސާ 11 ބޯޓުން ދަނީ ހިދުމަތް ދެމުންނެވެ. އަދި އެ ކުންފުނިން 12 ރިސޯޓަކަށް ފްލައިޓް އަޅަ އެވެ. މީގެ އިތުރުން ޓީއެމްއޭގައި އެކަނި ވެސް 48 ބޯޓު އޮވެ އެވެ. އަދި ޓީއެމްއޭ އިން އަހަރެއްގެ މައްޗަށް 9.6 މިލިއަން ފަސިންޖަރުން 60 ރިސޯޓަށް އުފުލައި ދިންއިރު އަހަރު އެއާލައިނުން އެކަނި 1.2 މިލިއަން ދަތުރު އަޅާފައިވެ އެވެ.

މޯލްޑިވިއަން އިން ދަނީ ޖަޕާނުގެ މަތިންދާ ބޯޓު އުފައްދާ ސެޓާޗީ ހޯލްޑިންގްއާ ގުޅިގެން ރާއްޖޭގައި ސީޕްލޭން ހިދުމަތް ދޭން އާ ކުންފުންޏެއް ހަދަން މަޝްވަރާ ކުރަމުންނެވެ. މި ކުންފުނި ފަށައިފިނަމަ ވެގެންދާނީ މި ދާއިރާ އަށް އިތުރަށް ބާރު ބޮޑުވެގެން ދިއުމަށެވެ.