ކުޅިވަރު

މީ އާދަޔާ ހިލާފު ކުޅުންތެރިޔެއް: ސިމިއޯނޭ

ރޭ ސެވިއްޔާ އާ ދެކޮޅަށް އެތުލެޓިކޯ މެޑްރިޑް 5-2 ން މޮޅުވި މެޗުގައި، ހެޓްރިކް ހެދި އެތުލެޓީކޯގެ ފޯވަޑް އެންޓްއާން ގްރީޒްމަން އަކީ އާދާޔާ ހިލާފު ކުޅުންތެރިޔެއް ކަމަށް އެ ޓީމުގެ ކޯޗް ޑިއޭގޯ ސިމިއޯނޭ ބުނެފި އެވެ.

ސެވިއްޔާގެ ދަނޑުގައި ކުޅުނު މެޗުގައި ގްރީޒްމަންގެ އިތުރުން އެތުލެޓިކޯގެ ލަނޑުތައް ކާމިޔާބު ކުރީ ޑިއޭގޯ ކޯސްޓާ އަދި ކޯކް އެވެ. މި ސިޒަންގައި ހުރިހާ މުބާރާތެއްގައި ގްރީޒްމަން ވަނީ 16 ލަނޑު ޖާހަފަ އެވެ. އޭނާގެ ލަނޑު ޖެހުމުގެ ރޭޓާ މެދު ހިތްހަމަ ޖެހޭ ކަމަށް ސިމިއޯނޭ ބުންޏެވެ.

"އޭނާ [ގްރީޒްމަން] އަކީ ވަރަށް ރަނގަޅު އާދަޔާ ހިލާފް ފުޓްބޯޅަ ކުޅުންތެރިޔެއް،" 2016 ވަނަ އަހަރު ބެލަންޑޯ އެވޯޑްގައި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ލިއޮނަލް މެސީ އާ ވާދަ ކުރި ގްރީޒްމަން އާ ބެހޭގޮތުން އޭނާގެ ކޯޗް ސިމިއޯނޭ ބުންޏެވެ.

"އަހަރެންގެ ހުރިހާ ކުޅުންތެރިން ވެސް މިހާރު ތިބީ ވަރަށް ރަނގަޅު ފޯމެއްގައި، މިއީ އަހަރެމެން މި ސީޒަންގައި ކުޅުނު ވަރަށް ރަނގަޅު މެޗެއް އަބަދުވެސް ކުރިއަށް ދާން ޖެހޭނީ މިހެން."

މެޗަށް ފަހު ވާހަކަ ދައްކަމުން، ގްރީޒްމަން ބުނީ އަމިއްލަ ގޯލް ތަކަށް ވުރެ އޭނާ އަށް މުހިންމީ ޓީމަށް ކާމިޔާބު ލިބުން ކަމަށެވެ. އަދި އެތުލެޓިކޯ މަސައްކަތް ކުރާނީ ކުރިއަށް ހުރި ހުރިހާ މެޗުތައް ކާމިޔާބު ކުރުމަށް ކަމަށް އޭނާ ބުންޏެވެ.