ރާއްޖެއާ ބެހޭ ގޮތުން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން އިއްޔެ ނިންމި ނިންމުމުން އެނގިގެން ދަނީ، ސަރުކާރާ ބެހޭ ގޮތުން އިދިކޮޅުން ދެއްކި ވާހަކަތައް އީޔޫ އިން ގަބޫލު ނުކުރުން ކަމަށް އިކްނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ސަރުކާރު "ހިޔާ" މަޝްރޫއުގެ ދަށުން އެސްޓީއޯ އިން އަޅާ ދެ ޓަވަރުގެ ބިންގާ އަޅަން އިއްޔެ ހަވީރު ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބޭއްވި ރަސްމިއްޔާތުގައި ސައީދު ވިދާޅުވީ އީޔޫ އިން ރާއްޖެ އަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމަށް ވާހަކަ ދެއްކި ކަމަށާ ނަމަވެސް އެކަން އެގޮތަށް ނުވިކަމަށެވެ.
"އެ ބޭފުޅުންނަށް އެ ވާހަކަ ރަނގަޅަށް ކިޔައެއް ނުދެވުނު. މިއަދު ފާހަގަ ވެގެން ދިޔައީ އަޅުގަނޑުމެންނާ އިދިކޮޅަށް އެ މީހުން [އިދިކޮޅުން] ކުރި މަސައްކަތް ޔޫރަޕިއަން ޔޫނިއަން އިން ބަލައި ނުގަތްކަން. ރާއްޖެއާ ބެހޭ ގޮތުން ފިޔަވަޅު ނާޅަން ނިންމިކަން،" ސައީދު ވިދާޅުވި އެވެ.
ފާހަގަ ވެގެން ދިޔައީ އިދިކޮޅުގެ މަސައްކަތް ޔޫރަޕިއަން ޔޫނިއަން އިން ބަލައި ނުގަތްކަން.މިނިސްޓަރު މުހައްމަދު ސައީދު
ރާއްޖެ މިހާރުގެ ހާލަތާ ބެހޭ ގޮތުން، ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ނިންމި ނިންމުގައި ވަނީ ރާއްޖޭގައި މިހާރު އިއުލާނު ކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު އުވާލައި ފަނޑިޔާރުން މިނިވަން ނުކުރާ ނަމަ ވަކިވަކި މުއައްސަސާތަކާއި ވަކި ވަކި މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް ފިޔަވަޅު އެޅުމާމެދު ވިސްނާނެ ކަމަށެވެ.
އީޔޫގެ މި ނިންމުން އައިސްފައިވަނީ މިމަހުގެ 21 ވަނަ ދުވަހު ހުށަހެޅި ދެލިކޮޕީއެއްގެ މައްޗަށް ފާސް ކުރި ގަރާރެކެވެ. އީޔޫގެ އެ ގަރާރު ފާސްކުރީ އީޔޫ ކައުންސިލްގެ ބައްދަލުވުމުގަ އެވެ. މިއަދު ފާސްކުރި އެ ގަަރާރުގައި އިސްކަން ދޭ ހަތް ނުކުތާއެއް ހިމަނައި އެއަށް ބާރުލާފައި ވެ އެވެ.
ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރިފަހުން އީޔޫ ސަފީރު ދެ ފަހަރަށް ރާއްޖެއަށް ވަޑައިގެންނެވި އެވެ. އެގޮތުން ފުރަތަމަ ވަޑައިގެންނެވި ފަހަރު އޭނާ އެނބުރި ވަޑައިގެންނެވީ ސަރުކާރުގެ އިސްވެރިޔަކާ ބައްދަލުނުކުރެއްވިގެން ނުރުހުން ފާޅުކުރައްވާފަ އެވެ. ނަމަވެސް ދެވަނަ ފަހަރު ވަޑައިގެން ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމާ ބައްދަލު ކުރެއްވުމަށް ފަހު މީޑިއާ އަށް އެއްޗެއް ވިދާޅެއް ނުވެ އެވެ