ސުޕްރީމް ކޯޓުގައި މިހާރު ތިއްބެވި ތިން ފަނޑިޔާރުންނަކީ ވަރަށް މައުސޫމް ތިން ބޭފުޅުން ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަބްދުލް ރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.
ޕީޕީއެމުން މިއަދު ބޭއްވި ޕްރެސްގައި އަދުރޭ ވިދާޅުވީ، ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންނަށް ކަންކަން އޮޅުވާލައިގެން އިސްވެ ތިއްބެވި އުއްތަމަ ފަނޑިޔާރު އަބުދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ތަފާތު ބައްދަލުވުންތައް ބާއްވައިގެން ކުރިއަށް ގެންދެވި ކަމަށެވެ. އަދި މައްސަލަ ފެށިގެން މިއަދާ ހަމައަށް ވެސް މިގެން ދިޔައީ އެ ބޭފުޅުންނަށް ތަފާތު ހުވަފެނެއް ދައްކައިގެން ކަމަށާއި އެބޭފުޅުން ލައްވާ އެކެއް ފެބްރުއަރީގެ އަމުރުގައި ސޮއި ކުރެއްވީ އޮޅުވާލައިގެން ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
"އެހެންވެ އަޅުގަނޑު މިދަންނަވަނީ މިހާރު ތިއްބެވި ތިން ފަނޑިޔާރުންނަކީ ވަރަށް ވެސް މައުސޫމް ތިން ބޭފުޅުންނޭ، އެބޭފުޅުންނަށް އޮޅުވާލައިގެން ހުރިހާ ކަމެއް ކުރެއްވީ،" އަދުރޭ ވިދާޅުވި އެވެ.
އަދުރޭ ވިދާޅުވީ، އެކަމަކީ ތިން ފަނޑިޔާރުންނަަށް އޮޅުވާލައިގެން އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދާއި ހަސަން ސައީދު ތިން ބޭފުޅުން އިސްކޮށް ތިއްބަވައިގެން ހިންގި ކަމެއް ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.
މިވަގުތު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި ތިއްބެވީ ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އާދަމް މުހައްމަދު އަދި ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އެވެ. އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ވަނީ ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރެއް ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފަ އެވެ. އަދި މަގާމުން ސަސްޕެންޑްވެސް ކޮށްފައެވެ.
"އެހެން ނޫންނަމަ މިގޮތަށް ދިމާވާކަށް ނުޖެހޭނެ އެއްނު، 12 މެންބަރެއްގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުނީމަ އެމައްސަލަ ނިމިގެން ނިކުން އިރު އޭގެ ތެރޭގައި ރާއްޖޭގެ ހިނގަން ހުރިއްޔާ ހުރި މައްސަލަ އަކާއި ހިނގާފަ ހުރިއްޔާ ހުރި މައްސަލަ އެއް އޭގެ ތެރޭގައި ހިމެނިގެން މިދިޔަ ގޮތް ވިސްނާލަން ޖެހޭ ކަމެއް، އެކަން އެބަ ސާބިތުވޭ ޖުޕްހޫރީ ޕާޓީިން ދައްކަވަމުން ގެންދަވާ ވާހަކަތަކުން،" އަދުރޭ ވިދާޅުވި އެވެ.
އަދުރޭ ވިދާޅުވީ، ފުލުހުންގެ ޕްރެސް ތަކުން ލިބެމުންދާ މައުލޫމާތު ތަކުގެ އަލީގައި އިނގިގެންދާ ކަމަކީ ފުރަތަމަ ދުވަހުން ފެށިގެންވެސް ޕީޕީއެމްގެ ފަރާތުން ދައްކަމުން އައި ވާހަކަތަކަކީ ވަރަށް ރަނގަޅު ވާހަކަތަކެއް ކަމަށެވެ. އަދި މީގެ ތެރޭގައި ނަޖާއިޒް ފައިދާތަކެއް އުއްތަމަ ފަނޑިޔާރު އަބުދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާއި ހަސަން ސައީދު ނަންގަވައިގެން ހިންގާފައިވާ ޖަރީމާއެއް ކަން ވަރަށް ބޮޑަށް ސާބިތުވާ ކަމަށް އަދުރޭ ވިދާޅުވި އެވެ.
ަ"އިއްޔެގެ ޕްރެސްއިން ހާމަވަގެން ދިޔައީ އެބޭފުޅުންނަށް ބޭނުންވާ ހެއްކާއި ގަރީނާ ފުލުހުން އަތުގައި ހުރިކަން، އެއްގޮތަކަށްވެސް އަޅުގަނޑުމެން ހަދަ ހަދައިގެން ވާހަކަތަކެއް ދައްކަނީއެއް ނޫން، މިއީ ފުލުހުން ހާމަ ކުރައްވާ ވާހަކަތަކެއް،" އަދުރޭ ވިދާޅުވި އެވެ.
އަދުރޭ ވިދާޅުވީ، ޕީޕީއެމުން އަބަދުވެސް ކޯޓުތަކަށް އިހުތިރާމް ކުރާ ކަމަށާއި ކޯޓުގެ ނިންމުންތައް އަބަދުވެސް ބަލައިގަންނަ ކަމަށެވެ. އެކެއް ފެބްރުއަރީގެ އަމުރު ގަބޫލު ނުކުރީކީ ނޫން ކަމަށާއި އެ އަމުރުގައި ގާނޫނު އަސާސީއާ ތައާރަޒްވާ ކަންކަން ހުރުމުން ކަމަށެވެ. އަދި އެމައްސަލާގައި ސަރުކާރުން އެތަކެއް މަސައްކަތެއް ކުރި ކަމަށާއި ނަމަވެސް އުއްތަމަ ފަނޑިޔާރު އެކަމަށް ޖާގަ ނުދެއްވީ ކަމަށް އަދުރޭ ވިދާޅުވި އެވެ.
އަދުރޭ އިތުރަށް ވިދާޅުވީ، އިދިކޮޅުން ހަމައެކަނި ކަމުދަނީ އެބޭފުޅުންނާއި އެއްކޮޅަށް ނިންމާ އަމުރުތަކަށް ކަމަށާއި އެބޭފުޅުންނާއި ދެކޮޅަށް ނެރޭ އަމުރުތަކަށް އަބަދުވެސް ފާޑު ވިދާޅުވެ އަމުރަށް ތަބާނުވެ، އަމުރާ ދެކޮޅަށް އަޑު އުފުލަމުންގެންދާ ކަމަށެވެ. މީގެ ކުރިންވެސް އަދި މިއަދުވެސް ފެނިގެން ދަނީ އެމަންޒަރު ކަމަށް އަދުރޭ ވިދާޅުވި އެވެ.