ސިއްހީ ދުޅަހެޔޮކަން އިތުރުކުރަން ދަމަނަވެށިގެން ދެމުންގެންދާ ހިދުމަތްތަކުގެ ތެރެއިން ޑިޕްރެޝަންގެ ފަރުވާއަށް އަންނަމީހުން ފާހަގަކޮށްލެވޭ އަދަދަކަށް އިތުރުވެފައިވާ ކަމަށް ދަމަނަވެށިން ހާމަކޮށްފި އެވެ.
ފާއިތުވި ތިން އަހަރު ދަމަނަވެށިން ކޮށްފައިވާ މުހިއްމު މަސައްކަތްތައް އެ ކްލިނިކުން އިއްޔެ ވަނީ ނޫސްވެރިންނާ ހިއްސާކޮށްފަ އެވެ. އެގޮތުން ދަމަނަވެށީގެ ބައެއް ހިދުމަތްތައް ދީފައި ވާގޮތާއި ހިދުމަތްތަކަށް އައިސްފައިވާ ކުރިއެރުން ދައްކައިދޭ ތަފާސްހިސާބުތަކެއް ވެސް ވަނީ އާންމުކޮށްފަ އެވެ.
ނަފްސާނީ ދުޅަހެޔޮކަމަށް އެއްބާރުލުން ދިނުމުގެ ގޮތުން ދަމަނަވެށީގައި ކައުންސެލިންގެ ހިދުމަތް 2015 ވަނަ އަހަރުގެ މެދުތެރޭގައި ފަށައިގަތްއިރު އެ އަހަރުގެ ނިޔަލަށް ހިދުމަތް ހޯދީ 29 ހަކަށް މީހުންނެވެ. ނަމަވެސް އެއަދަދު 2016 ވަނަ އަހަރު 43 އަށް އިތުރު ވެފައިވާއިރު މިދިޔަ އަހަރު ޑިޕްރެޝަންއާއި ކަންބޮޑުވެ ރުޅިގަދަވުން ފަދަ ކަންކަމަށް މައްސަލަތަކަށް 450 މީހުން ވަނީ ކައުންސެލިންގެ ހިދުމަތް ހޯދާފަ އެވެ.
ފަރުވާ ހޯދަންދާ މީހުންގެ ނިސްބަތް އިތުރުވުން ކާމިޔާބީއެއްގެ ގޮތުގައި ދަމަނަވެށިން ވަނީ ފާހަގަކޮށްފަ އެވެ.
ޑިޕްރެޝަންގެ މައްސަލަތަކާއި ކަންކަމުގައި މާބޮޑަށް ހާސްވުމާއި ރުޅިގަދަވުން ފަދަ ކަންކަމުގައި ޑޮކްޓަރުންގެ ލަފާ ހޯދުމަކީ ދިވެހިންގެ ތެރޭގައި އާންމު ކަމެއް ނޫނެވެ. ނަމަވެސް އެއީ އަބަދުވެސް އޮންނަ ކަންބޮޑުވުމެއްގެ ގޮތުގައި ސިއްހީ ބޭފުޅުން ސިފަކުރައްވަަ އެވެ.
"ޑިޕްރެޝަން ފަދަ ކަންކަމަކީ އެކަން ކުރިމަތިވެފައިވާ މީހާއަށް އެކަމަށް އެންމެ ރަނގަޅު ފަރުވާ ނުވަތަ ކައުންސެލިން ނުދެވިއްޖެ ނަމަ ދެރަ ނަތީޖާތަކެއް ނިކުމެދާނެ މައްސަލަތަކެއް. މީގެ ކުރިން މިފަދަ ކަންކަމުގައި ކައުންސެލިން ހޯދަން އަންނަ ފަރާތްތައް އިތުރުވުމުގެ މާނައަކީ މުޖުތަމައު ހޭލުންތެރިވަމުންދާ ކަން. ޑިޕްރެޝަންއާ މެދު މުޖުތަމައު ދެކޭ ގޮތް ބަދަލުވަމުންދާކަން މިކަމުން އެނގެނީ،" ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވި އެވެ.
އްހީ ދުޅަހެޔޮކަން އިތުރުކުރަން ދަމަނަވެށިގެން ދެމުންގެންދާ ހިދުމަތްތަކުގެ ތެރެއިން ދުންފަތާ ދުރުވާން ބޭނުންވާ ފަރާތްތަކަށް ދޭ ކައުންސެލިން ސެޝަންތަކަށްވެސް އާންމުންގެ ބޮޑު ތަރުހީބެއްލިބި ރަނގަޅު ނަތީޖާތަކެއް ފެންނަމުންދާ ކަމަށްވެސް ދަމަނަވެށިން މިއަދު ވަނީ ބުނެފަ އެވެ. އެގޮތުން މިދިޔަ އަހަރު އެ ކްލިނިކުން ތެރަޕީ ހޯދި 63 މީހަކު ސިނގިރެޓް ބުއިން ހުއްޓާލާފައިވާކަން ވެސް ވަނީ ފާހަގަކޮށްފަ އެވެ.