ދުނިޔެ

ބުރުންޑީގައި ސިފައިން ވެރިކަން ވައްޓާލަނީ

May 13, 2015

ބުރުންޑީގެ ރައީސް ޕިއޭރް ކުރުންޒީޒާ ތިން ވަނަ ދައުރަކަށް ކުރިމަތިލައްވަން ނިންމެވުމާ އެކު އާންމުން މަގުތަކަށް ނިކުމެ ރުޅިވެރިކަން ފާޅުކުރަމުން ދަނިކޮށް ސިފައިން ވެރިކަން ވައްޓާލާނެ ކަމަށް އިއުލާނުކޮށްފި އެވެ.

އަސްކަރިއްޔާގެ ވެރިން ތިއްބެވީ ރައީސް ކުރުންޒީޒާ އަލުން ވެރިކަމަށް ވަޑައިގަތުމާ ދެކޮޅަށް ކަމަށާއި މިހާރު ވަނީ ސިފައިން ވެރިކަމާ ހަވާލުވުމުގެ މަސައްކަތް ފަށާފައި ކަމަށް ސިފައިން މޭޖާ ޖެނެރަލް ގޮޑެފްރޮއިޑް ނިޔޮމްބާރޭ އިއުލާނުކުރެއްވުމާ އެކު އާންމުން ދަނީ ވެރިރަށް ބުޖުންބުރާގެ މަގުތަކަށް ނިކުމެ އުފާ ފާޅުކުރަމުންނެވެ.

ނަމަވެސް ވެރިކަން ވައްޓާލާނެ ކަމަށް ބުނާ ވާހަކަ އަދިވެސް މުޅިން ކަށަވަރެއް ނުވެ އެވެ.

ބުރުންޑީގެ ރައީސް އޮފީހުން ބުނީ ބަޣާވާތް ނާކާމިޔާބުކޮށްލާފައިވާ ކަމަށާއި އެކަން ކުރަން އުޅުން މީހުން އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށެވެ. ގައުމުގައި ހަމަނުޖެހުން ހިނގަމުން ދާއިރު ޓެންޒޭނިއާގެ ހުންނެވި ރައީސް މިހާރު ގެންދަވަނީ އެނބުރި ގައުމަށް ވަޑައިގަތުމަށް މަސައްކަތް ކުރައްވަމުން ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.

ރޭޑިއޯ މެދުވެރިކޮށް ޖެނެރަލް ނިޔޮމްބާރޭ ދެއްވި ބަޔާނެއްގައި ވިދާޅުވީ އެއާޕޯޓާއި ބޯޑަރު ބަންދު ކުރުމަށް މިހާރު އަމުރުކޮށްފައިވާ ކަމަށެވެ. އަދި ސަލާމަތީ ބާރުތަކުގެ އެންމެންނާއި ހުރިހާ އާންމުން ވެސް އެއާޕޯޓަށް ޖަމާވުމަށް ގޮވައިލެއްވި އެވެ.

ރައީސް އޮފީހުގެ ބަޔާނުގައި ބުނެފައި ވަނީ ސިފައިންގެ ތެރެއިން ބަޔަކު "ހިޔާލީ ބަޣާވާތެއް ކުރަން" މަސައްކަތްކުރި ކަމަށާއި އެކަމާ ހިތާމަކުރާ ކަމަށެވެ. އަދި ރޭޑިއޯ މެދުވެރިކޮށް ބަޣާވާތް އިއުލާނުކުރި މީހުން ހޯދައި ހައްޔަރުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

އެފްރިކާ އަށް ނިސްބަތްވާ ބުރުންޑީގެ އާބާދީ އަކީ 10 މިލިއަނެވެ. އެ ގައުމުގެ ރައީސް ކުރުންޒީޒާ، 51، ވެރިކަމާ ހަވާލުވެ ވަޑައިގެންފައި ވަނީ 2005 ވަނަ އަހަރު އެވެ.