ހަބަރު

އެއްވުމަށް މީހަކު ނުދިޔަ، ލީޑަރުން ނުވެސް ފެނޭ: ޕީޕީއެމް

އިދިކޮޅު ޕާޓީތަކުން މިއަދު ބާއްވާ އެއްވުމަށް ދާނެ މީހަކު ނުވި ކަމަށާއި އެއްވުން ނާކާމިޔާބުވެފައިވާ ކަމަށް ސަރުކާރުން ހިންގާ، ޕީޕީއެމްއިން ބުނެފި އެވެ.

ޕީޕީއެމްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ނައިބު ރައީސް އަބްދުލް ރަހީމް އަބްދުﷲ، އަދުރޭ ވިދާޅުވީ، އެއްވުން ފެށުމުގެ ކުރިން ރޫޅިފައިވާ ކަމަށެވެ. އެއްވުން ރޫޅުނީ ފުލުހުންގެ ސަބަބުން ނޫން ކަމަށާއި އެއްވުން ރޫޅިގެން ދިޔައީ އެކަމަށް ރައްޔިތުންގެ ފަރާތުން އެއްބާރުލުން ނުލިބުމުން ކަމަށެވެ.

"އުސް އިމާރާތްތަކުގެ ތިބި ރައްޔިތުން ތިރިޔަށް ފޭބުމަށް އިއުލާންކޮށް ގޮވަމުން ދިޔަ، އޭގެއިތުރުން ކޮންޓްރެކްޓް އުސޫލުން މުޒާހަރާ ކުރާނެ ބަޔަކު ހޯދުމަށް ޖުމްހޫރީ ޕާޓީގެ ތެރެއިން މަސައްކަތް ކުރާ ކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު ލިބެނީ، އެކަމަކު މިކަމުން އެއްވެސް ކަމެއް ކާމިޔާބެއް ނުވި، ފައިސާއަށް ވެސް މުޒާހަރާއަށް ނުކުންނާނެ ރައްޔިތަކު ވެސް މި ރާއްޖެއަކު ނުވި،" އަދުރޭ ވިދާޅުވި އެވެ.

"މީގެ މި އެނގެނީ އިދިކޮޅު ފަރާތްތަކުން ބަލިކަށިވެފައިވާ މިންވަރު އަދި ރައްޔިތުންގެ ތާއިދު ރައީސް ޔާމީނަށް އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާ ތަން،"

އަދުރޭ ވިދާޅުވީ، އާންމު ރައްޔިތުން މަގު މައްޗަށް ނުކުތުމަށް ގޮވުމަށްފަހު ލީޑަރުން ތިއްބެވީ ފިލާ ކަމަށެވެ. އެއްވުމުގެ ތެރެއިން ޕާޓީތަކުގެ ލީޑަރުން ނުފެންނަ ކަމަށާއި ފެންނަނީ މަދު މަޖިލިސް މެންބަރުން ކޮޅެއް ކަމަށް އޭނާ ވިދާޅުވި އެވެ. ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ޝައުގުވެރިކަން ގެންގުޅުއްވާ ބޭފުޅުން ނުފެންނަ ކަމަށް ވެސް ވިދާޅުވި އެވެ. އެގޮތުން އޭނާ ފާހަގަކުރެއްވީ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދުގެ ނަމެވެ.

އަދުރޭ މިހެން ވިދާޅުވި ނަމަވެސް އިދިކޮޅު ޕާޓީތަކުގައި މިހާރު މިނިވަންކޮށް ތިއްބެވި ހުރިހާ އިސް ބޭފުޅުންގެ ގޮތަށް ދަނީ އެއްވުމުގައި ބައިވެރިވަޑައިގަންނަވަމުންނެވެ. އެއްވުމުގައި ބައިވެރިނުވާ ކަމަށް އަދުރޭ ފާހަގަކުރެއްވި ޝާހިދު ވަނީ އެއްވުމުގެ ތެރެއިން ހައްޔަރު ވެސް ކޮށްފަ އެވެ. މީގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝާހިދު ހައްޔަރުކުރުމަށް އަދުރޭ ގޮވާލައްވާފައިވެސްވެ އެވެ.

"ކޮބައިތޯ އެ ބޭފުޅުންގެ ލީޑަރުން، ފެންނާކަށް ނެތޭ އިނގޭތޯ، ރައްޔިތުންގެ މަޖިލީހުގެ ދެތިން މެންބަރެއް މި ފެންނަނީ، ވެރިކަމަށް ދަހިވެތިވެގެން ރިޔާސީ ޓިކެޓް ހޯދަން އުޅޭ ބޭފުޅަކު ނުފެނޭ، އެއް ބަޔަކު ތިބީ ރާއްޖެއިން ބޭރުގަ ފިލާ،" އަދުރޭ ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ބާއްވާފަދަ އެއްވުންތަކަށް ފުލުހުން ފުރުސަތު ނުދޭނެ ކަމަށެވެ. ޣައިރު ގާނޫނީ މުޒާހަރާތަކެއް މާލޭގައި ނުބޭއްވޭނެ ކަމަށެވެ. އިދިކޮޅުގެ އެއްވުންތައް ކާމިޔާބު ނުވަނީ ޕާޓީތަކުގެ މެދުގައި ހިޔާލު ތަފާތުވެ އެއް ގަލަކަށް އަރައިގެން މަސައްކަތް ކުރެވޭނެ ފޯމިއުލާއެއް ނެތީމަ ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވެސް ހީކުރީ ކޮންމެވެސް ވަރެއްެގެ ފޯރިއެއް އެއްވުމުގަ ހުންނާނެ ކަމަށް، އެކަމަކު އެއްވުން ފެށުމުގެ ކުރިން މިއޮތީ ރޫޅިފަ، އެއީ ފުލުހުންގެ ސަބަބަކުން ނޫން، އެއްވުމުގައި ބައިވެރިވާނެ މީހަކު ނުވީ،" އަދުރޭ ވިދާޅުވި އެވެ.