ހަބަރު

ޓެބްލެޓް ހޯދަން އިއުލާން ނުކުރިޔަސް، ކޮރޮޕްޝަނެއް ނެތް

ރާއްޖެގެ ހުރިހާ ސްކޫލެއް ޑިޖިޓަލް ކުރުމުގެ މަޝްރޫއުގެ ތެރެއިން މި އަހަރަށް ސްކޫލު ކުދިންނަށް ބޭނުންވާ ޓެބްލެޓްތައް ހޯދަށް ސަރުކާރުން ކުރި މަސައްކަތުގައި ހިޔާނާތްވެފައި ނުވާ ކަމަށް އެންޓި ކޮރޮޕްޝަން ކޮމިޝަން (އޭސީސީ) އިން ނިންމައިފި އެވެ.

އޭސީސީއިން އެގޮތަށް ނިންމީ ޓެބްލެޓް ހޯދައިދޭނެ ފަރާތެއް ހޯދުމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ހުޅުވާލި ބިޑާގުޅޭ ކަންތައްތައް ކުރިޔަށް ގެންދަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށް ބުނެ އެ ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލައެއް ތަހުގީގު ކުރުމަށް ފަހުގަ އެވެ. ނަމަވެސް އެ މައްސަލަ ތަހުގީގު ކުރުމަށް ފަހު އޭސީސީން އާންމު ކުރި ރިޕޯޓުގައި ބުނެފައި ވަނީ އެ މަޝްރޫއު ކުރިޔަށް ގެންދިޔައީ އާންމުކޮށް ބީލަމަށް ހުޅުވާލައިގެނެއް ނޫން ކަމަށެވެ. ނަމަވެސް އެ މަޝްރޫއަށް ހަތް ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށް ޕްރޮޕޯޒަލްތައް ހުށަހެޅާފައިވާކަމާއި އެހެންކަމުން އޭގެ އެކި ބައިތައް އެކިފަރާތްތަކާ ހަވާލު ކުރުމަށް ރައީސް އޮފީހުގެ އިކޮނޮމިކް އެންޑް ޔޫތު ކައުންސިލް (އީވައިސީ)ގެ ބައްދަލުވުމެއްގައި ސަރުކާރުގެ ވަޒީރުން ބައިވެރިވެގެން ނިންމާފައިވާ ކަމަށެވެ.

އެގޮތުން އީވައިސީއިން ނިންމާފައިވަނީ، "ޑިޖިޓަލް ސްކޫލް އިނިޝިއޭޓިވް" މަޝްރޫއުގެ ދަށުން ސްކޫލް ކުދިންނަށް ފޯރުކޮށްދިނުމަށް "ހުވާއީ" ބްރޭންޑްގެ ޓެބްލެޓް ވަކި ކުންފުންޏަކުން ހޯދުމަށާއި، ނެޓްވޯކިން އެންޑް އިންފްރާސްޓްރަކްޗާ ކޮންޕޯނަންޓް ވަކި ކުންފުންޏަކަށް ހަވާލުކުރުމަށް ކަމަށެވެ. އަދި ޑިޖިޓަލް ކޮމްޕޯނަންޓްގެ ކަންކަން ބޭރުގެ ޔުނިވާސިޓީއަކާ ހަވާލުކުރުމަށް އެ ކައުންސިލުން ނިންމާފައިވާ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ. -- ޓެބްލެޓް ހޯދަން ހަވާލުކޮށްފައި ވަނި "މެކްސް ކޮމް" ކުންފުންޏަށެވެ. އަދި ނެޓްވޯކިން އެންޑް އިންފްރާސްޓްރަކްޗާ ކޮންޕޯނަންޓް ހަވާލު ކުރީ ދިރާގަށެވެ.

އޭސީސީން ބުނީ އެ މަޝްރޫއުގެ އެކި ބައިތަކަށް ޕްރޮޕޯޒަލް ހުށަހަޅާފައިވާ ފަރާތްތަކުން ހުށަހަޅާފައިވާ އަގުތަކަށް ބަލާއިރު، ޓެބްލެޓްތައް ފޯރުކޮށްދިނުމަށް ހުށަހަޅާފައިވާ އަގާއި ނެޓްވޯކިން އެންޑް އިންފްރާސްޓްރަކްޗާއަށް ހުށަހަޅާފައިވާ އަގާއި ޑިޖިޓަލް ކަރިކިއުލަމްއަށް ހުށަހަޅާފައިވާ އަގު ޖުމްލަ ކުރުމުން، ވަކިވަކި ކުންފުންޏަށް ހަވާލު ކުރަން ސަރުކާރުން ނިންމީ އެންމެ ހަރަދު ކުޑަ ގޮތްކަމުގައި ވާތީ ކަން އެނގޭ ކަމަށެވެ.
އަދި ޓެބްލެޓްތައް ހޯދުމުގައި އީވައިސީއިން ބަލާފައިވަނީ ބްރޭންޑެޑް އަދި އަގު ބޮޑު ޓެބްލެޓްތަކަށްވާން ނުޖެހޭ ކަމާއި، ނަމަވެސް ޓެބްލެޓް ވިއްކާ ފަރާތަކުން އެއް އަހަރު ދުވަހުގެ ވޮރެންޓީ އާއި އެ ފަރާތުގެ ސާވިސް ސެންޓާއެއް މާލޭގައި ގާއިމްކޮށްފައި ހުންނަން ޖެހޭ ކަމަށެވެ.

އެހެންކަމުން ޑިޖިޓަލް ސްކޫލް އިނިޝިއޭޓިވް މަޝްރޫއުގެ އެއްވެސް ކަމެއް ކުރުމަށް އާއްމުކޮށް އިއުލާން ކޮށްފައިނުވި ނަމަވެސް އެ މަޝްރޫގެ ކަންތައް ކުރިޔަށް ގެންގޮސްފައިވަނީ "އާންމުކޮށް ބީލަމަށް ހުޅުވާނުލައި ބީލަން ކުރިޔަށް ގެންދިއުން"ގެ ގަވައިދާ އެއްގޮތަށް ކަމަށާއި އެކަމުގައި ކޮރޮޕްޝަންގެ ކުށެއް ހިމެނިފައި ނުވާ ކަމަށް ނިންމާ ކަމަށް އޭސީސީގެ ރިޕޯޓުގައި ބުނެފައިވެ އެވެ.

އަންނަ މޭ މަހު ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ޓެބްލެޓް ބޭނުންކުރަން ފަށާއިރު، އެކަން ތަންފީޒުކުރަން ކުރަންޖެހޭ އެކި މަސައްކަތްތަކަށް މިއަހަރު ތެރޭގައި 150 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.