މޯލްޑިވްސް ޕޮލިސް ސާވިސް

މިހާރު ހައްޔަރުގައި ހުރީ އެންމެ މީހަކު: ފުލުހުން

ފެބްރުއަރީ 1 އަކުން ފެށިގެން މިދިޔަ ހުކުރު ދުވަހާ ހަމަޔަށް އިދިކޮޅު ހަރަކާތްތަކުން ހައްޔަރު ކުރި މީހުންގެ ތެރެއިން ދޫކޮށް ނުލާ ހުރީ އެންމެ މީހެއް ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ރޭ ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމާއި ވާޖިބަށް ހުރަސް އެޅި ކަމުގެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ 48 މީހުން ކަމަށެވެ. ނަމަވެސް އޭގެ ތެރެއިން 47 މީހުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ސުޕްރީމް ކޯޓުން 1 ފެބްރުއަރީގައި ނެރުނު އަމުރަށް ފަހު އިދިކޮޅު ޕާޓީތަކުން ކޮންމެ ރެއަކު މަގުމަތީގައި މުޒާހަރާ ކުރަމުންދާ އިރު ކޮންމެ ރެއަކު ވެސް އެ މުޒާހަރާ ރޫޅާލައި އެތަށް ބަޔަކު ހައްޔަރު ކުރެ އެވެ. ނަަމަވެސް އެ މީހުން އަނެއް ދުވަހު ދޫކޮށްލަ އެވެ.

ނަމަވެސް މުޒާހަރާތަކުގެ ތެރެއިން ހައްޔަރުކޮށްފައިވާ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް އާއި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ވެސް ހައްޔަރު ކުރި އެވެ. ނަމަވެސް އެ މެންބަރުން އަދި މިހާތަނަކަށް ދޫކޮށެއް ނުލަަ އެވެ. އެ މެންބަރުންގެ ވަކީލުން ވިދާޅުވާ ގޮތުގައި އެ މެންބަރުން ހައްޔަރު ކުރީ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ކަމަށް ފުލުހުން އަނގާފައިވާ ކަމަށެވެ. އެ ހާލަތާ ގުޅިގެން މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާން އަދި ދަނގެތި ދާއިރާގެ މެންބަރު އިލްހާމް އަހުމަދު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.